ޕެލޭގެ ނަޒަރުގައި އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ
ޕެލޭގެ ނަޒަރުގައި އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ

ގްލާސްގޯ، ސްކޮޓްލެންޑް (ސެޕްޓެމްބަރު 19) - މިދިޔަ 10 ނުވަތަ 15 އަހަރަށް ބަލާއިރު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ ބާސެލޯނާގެ ލިއޮނަލް މެސީ ކަމަށް ބްރެޒިލާ އެކު ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޕެލޭ ބުނެފި އެވެ.

ޕެލޭ މީގެ ކުރިން ބުނަމުން އައީ މެސީ އަށް ވުރެ މޮޅީ ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށެވެ.

"މިދިޔަ އަހަރުތަކަށް ބަލާއިރު، ކުޅުންތެރިއެއްގެ ގޮތުގައި އެއްވަރެއްގައި ހިފެހެއްޓި ކުޅުންތެރިޔަކީ މެސީ. ވަރަށް ބައިވަރު މޮޅު ކުޅުންތެރިން ތިބި. ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ވެސް އޭގެ ތެރެއިން ކުޅުންތެރިއެއް. އެކަމަކު މެސީ އަކީ ތަފާތު ކުޅުންތެރިއެއް. އޭނާ މާ އޯގަނައިޒްކޮށް ކުޅޭ އަދި ލަނޑު ޖަހާ،" ޕެލޭ ބުންޏެވެ.

ޕެލޭ ބުނީ ރޮނާލްޑޯ އަކީ ބްރެޒިލްގެ ރޮނާލްޑޯ ފަދައިން ލަނޑު ޖަހާ ކުޅުންތެރިއެއް ކަމަށާއި އެކަމަކު ހުރިހާ ގޮތަކުން ބަލާއިރު މޮޅީ މެސީ ކަމަށެވެ.