29 އޯގަސްޓް 2019 - 15:54

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަނޑުން ފަސް ރަށެއްގައި އެކި ޕްރޮޖެކްޓްތައް ހިންގަން އެހީވެއްޖެ އެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ހުޅުވާލާފައިވާ ފުރުސަތެކެވެ. މި ފަންޑުން ކޮންމެ ކުއާޓަރެއްގައި ވެސް ފަސް ޕްރޮޖެކްޓެއް ހޮވައި އެހީތެރިކަން ފޯރުކޮށްދެ އެވެ.
މިއަހަރުގެ ދެވަނަ ކުއާޓާގައި ވެސް ބީއެމްއެލުން ވަނީ ފަސް ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި ބ. ކިހާދޫގައި ކޮމިއުނިޓީ ޕާކެއް ގާއިމްކުރުމާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ށ. ފޭދޫގެ ރައްޔިތުންނަށް ބިއްލޫރި ފުޅި ހަދިޔާކުރުމާއި މ. ކޮޅުފުށީ ސްކޫލް ސަރަހައްދުގައި ބެލެނިވެރިންނާއި ދަރިވަރުން ބޭނުންކުރުމަށް ތަނެއް ހިޔާކޮށް އެތަން ހެދުމާއި ސ.ހުޅުދޫގެ ރާފަޅާ ގޮނޑުދޮށް ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ހެދުމުގެ އިތުރުން ކ. ގާފަރުގެ ސެން ކްލާސްރޫމް ތަރައްގީކުރުން ހިމެނެ އެވެ.
ބީއެމްއެލްގް ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި ޕްރޮޖެކްޓަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކެއް ކަމަށެވެ. އެގޮތުން މިހާތަނަށް 110 ޕްރޮޮޖެކްޓެއް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށް ދިނުން. މި ގޮތުން ފާއިތުވި އަހަރު ތެރޭގައި ވެސް މުޅި ރާއްޖެ ޝާމިލްވާ ގޮތަށް މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން 110 ޕްރޮޖެކްޓް ވަނީ ކާމިޔާބު ކަމާއެކު ކުރިޔަށްގެންދެވިފައި،" ސައީދު ވިދާޅުވި އެވެ.
ކޮމިއުނިޓީ ފަންޑުން ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅޭނެކަމަށް ބިއެމްއެލުން ބުނެ އެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ކޮންމެ ޕްރޮޖެކްޓަކަށް 50،000ރ. އެހީ އެ ބޭންކުން ފޯރުކޮށްދެ އެވެ.