29 އޯގަސްޓް 2019 - 14:01

މަރުވި ފަސް މީހުން ވަޅުލަނީ އެކުއެކީގައި އެއް ވަޅެއްގައި. ހަނިމާދޫ މިސްކިތުގައި އޮތް ކަށު ނަމާދުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައި. މި ޖަނާޒާ އަށް އެ ރަށާއި އަދި މަރުވި މީހުން ނިސްބަތްވާ ނޮޅިވަރަމްފަރުގެ ވަރަށް ގިނަ ބަޔަކު ވަނީ ހާޒިރުވެފައި. ހަނިމާދޫގެ އެންމެންހެން މި ޖަނާޒާގައި ބައިވެރިވާ ކަމަށްވޭ.

ފަސް މީހުންގެ މައްޗަށް ކުރާ ކަށު ނަމާދު ދާދި ދެންމެއަކު ފަށައިފި. ކަށުނަމާދުގައި ވަރަށް ގިނަ ބަޔަކު ބައިވެރިވޭ

ލޯންޗު ބަންޑުން ޖަހާލައިގެން ހިނގި ހިތާމަވެރި ހާދިސާގައި މަރުވި ފަސް މީހުންގެ މޫނު ދެއްކުން މިހާރު ހަނިމާދޫ ސަހަރާގައި ކުރިއަށް އެބަދޭ. ޖަނާޒާގައި ބައިވެރިވުމަށް ޓަކައި ވަރަށް ގިނަ ބަޔަކު ނޮޅިވަރަމްފަރުން ހަނިމާދު އަށް ވަނީ ގޮސްފައި. އަދި މަރުވި މީހުންގެ އާއިލާގެ ވަރަށް ގިނަ ބަޔަކު މާލެ އިން ވެސް ވަނީ ހަނިމާދު އަށް މިރޭ ގޮސްފައި.

ހަނިމާދޫ ކައުންސިލުން ބުނީ އެ ރަށު މަސްޖިދުލް މޫސާ އަލީގައި މިރޭ 1:30 ގައި ކަށު ނަމާދު އޮންނާނެ ކަމަށް. ވީހާ ވެސް ގިނަ ބަޔަކު ކަށު ނަމާދުގައި ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފައި.

ހަނިމާދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކުރި ފަސް މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލައި. އެއީ ލޯންޗުގެ ކެޕްޓަނާއި ފަޅުވެރިއެއް. ފަރުވާ ދެމުން އަންނަނީ ނޮޅިވަރަންފަރު ވީނަސްގޭ އަބްދުއްޝުކޫރު، 57، އާއި އެ ރަށު ރެޑް ރޯސް އައިމިނަތު އާސިމާ، 29، އަދި ދ. ކުޑަހުވަދޫ ފޮގެޓްމީ ނޮޓް އައިޝަތު ޝެހެނާޒް، 29، އަށެވެ. މި މީހުންގެ ތެރެއިން އަބްދުއްޝުކޫރުގެ އަންހެނުން ވަނީ ލޯންޗު ބަންޑުންޖަހާލި ހާދިސާގައި މަރުވެފަ.

ކަނޑު ގަދައިރު ދަތުރުކުރާ ނަމަ ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމަކީ އެ އުޅަނދު ދުއްވާ ކެޕްޓަންގެ ޒިންމާއެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި. އެތަނުން ނެރުނު އިއުލާނެއްގައި ބުނީ އާދަޔާ ހިލާފަށް ވައި ގަދަވެ ވިއްސާރަކުރާއިރު ދަތުރުކުރުމަކީ ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެ ކަމަކަށް ވާތީ އެފަދަ ހާލަތުގައި ދަތުރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށް. އަދި ދަތުރުކުރާއިރު ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށާއި އެގޮތުން ލައިފް ޖެކެޓް އެޅުވުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށް. މީގެ އިތުރުން، ދަތުރު ކުރުމުގެ ކުރިން ސަމާލުވެ ބަލަންޖެހޭ ކަންކަން އިއުލާނުގައި ފާހަގަކޮށްފައިވޭ

މަރުވި ނޮޅިވަރަންފަރު މީހުންގެ ޖަނާޒާ ހަނިމާދޫގައި ބާއްވަން އަންނަނީ ތައްޔާރީތައް ވަމުން. ހަނިމާދޫ އާއި އެ ރަށް ހިމެނޭ ސަރަހައްދުގެ މޫސުން ގޯސް. އެހެންވެ ޖަނާޒާގައި ބައިވެރިވާން ނޮޅިވަރަންފަރުން ހަނިމާދުއަށް ދަތުރުކުރުން ވަނީ ދަތިވެފައި.

ލޯންޗް ބަންޑުންޖަހާލި ހާދިސާގައި ސަލާމަތްވި ފަސް މީހުންނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ އިރު އެ މީހުންގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން

މިއަދުގެ ހާދިސާއާ ގުޅިގެން މޯލްޑިވިއަންގެ ދަތުރުތައް ހަނިމާދުއަށް މެދުކަނޑާލުމަށް ފަހު މިހާރު ވަނީ އަލުން ފަށާފައި

އާއިލާގެ މީހަކު ބުނި ގޮތުގައި، މަރުވި އައިޝަތު އަލީ އާއި އޭނާގެ ފިރިމީހާ ޝުކޫރު ހަނިމާދުއަށް ދިޔައީ ސްކޫލް ބަންދާ ދިމާކޮށް، އައިޝަތު ޑޮކްޓަރަށް ދެއްކުމަށް އިންޑިއާ އަށް ދާން ހަމަޖައްސާފައި އޮތުމުން މާލެ އަށް ދާންވެގެން.

ލޯންޗު ބަންޑުން ޖަހާލި އިރު ނޮޅިވަރަންފަރުގެ ބައެއް މީހުން ތިބީ ހަނިމާދޫގައި، މާލެއަށް ފުރާށާއި، ބަޔަކު ފުރުވަން ގޮސް. އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން ހަނިމާދޫ އެއާޕޯޓަށް މިއަދު މޯލްޑިވިއަންގެ އެއްވެސް ފްލައިޓެއް ދަތުރެއް ނުކުރޭ. އެހެންކަމުން ހަނިމާދޫގައި މަޑުކޮށްގެން ތިބި އެންމެން ވަނީ ހަނިމާދޫ ސިއްހީ މަރުކަޒު ކައިރިއަށް އެއްވެފައި.

ނޮޅިވަރަންފަރުގެ ވަރަށް ގިނަ ބަޔަކު ތިބީ ހަނިމާދުއަށް ގޮސް، މަރުވި މީހުންގެ އާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވާން ތައްޔާރުވެގެން. އެކަމަކު މޫސުމް ގޯސްވުމާއި ކަނޑު ގަދަކަމުން، އެ ފުރުސަތު ހަނި.

ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި މަރުވި ހަތަރު މީހުންނާއި ކުޑަ އަންހެން ކުއްޖާގެ ޖަނާޒާ އޮންނާނީ ހަނިމާދޫގައި ކަމަށް، "މިހާރު"އަށް ވަނީ އެނގިފައި.

ޑިންގީ ބަންޑުން ޖަހާލި ވަގުތު ކަމަށް މިހާރު ބެލެވޭ ގަޑީގައި، މެޓުން އޮތީ ޔެލޯ އެލާޓް ވެސް ނެރެފައި. އޭރު ވައިގެ ބާރުމިން ހުރީ ގަޑިއަކު 20 މޭލާއި 35 މޭލާ ދެމެދުގައި. އެކަމަކު ކޮޅިގަނޑުގައި އެއަށް ވުރެ ވައި ގަދަވާނެކަމަށް ލަފާކުރި. އެމްއެންޑީއެފުން ދާދި ދެންމެއަކު މީޑިއާއަށް ދިން މައުލޫމާތުތަކަށް ބަލާއިރު، ޑިންގީ ބަންޑުން ޖަހާލީ ކޮޅިގަނޑެއްގައި. މެޓުން ބުނި ގޮތުގައި އެ ހިސާބުގެ ކަނޑުތައް ވަރަށް ގަދަ.

އެމްއެންޑީއެފް: ޑިންގީ ބަންޑުން ޖަހާލައިގެން އުޅޭކަން އެނގުނީ އެ ޑިންގީން ދަތުރުކުރި އެކަކު ފަތާފައި ހަނިމާދު އަށް ގޮސް އެ ވާހަކަ ބުނުމުން.

ހަނިމާދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ޑިންގީ ބަންޑުން ޖަހާލީ ނޮޅިވަރަމުން ފުރައިގެން، ކަނޑިންމަ އަށް ވަންނަން އުޅުމުގެ ތެރޭގައި. އާންމުގޮތެއްގައި ހުޅަނގު މޫސުމުގައި އެ ކަނޑިންމަ ގަދަކަމުން އެތަނަށް ވަދެ ނޫޅޭ ކަމަށްވޭ. އެކަމަކު ކޮންމެވެސް ސަބަބަކާ ހުރެ ޑިންގީގެ ކައްޕި އެ ކަނޑިންމަ އަށް ވަނުމާ އެކު ނެގި ރާޅަކާ އެކު ލޯންޗު ބަންޑުން ޖަހާލީ.

ހަނިމާދޫ ހޮސްޕިޓަލް: ސަލާމަތްވި ފަސް މީހުން ހޮސްޕިޓަލަށް ގެނައިއިރު ލޮނުބޮވި ހާލު ސީރިއަސް. އެކަމަކު އޮކްސިޖަން ދީގެން އެ މީހުންގެ ހާލު ކުރިއަށް ވުރެ ރަނގަޅު.

އެމްއެންޑީއެފް: އެކަށީގެންވާ އުޅަނދެއްގައި އެކަށީގެންވާ ވަގުތެއްގައި ނޫނީ މި ދުވަސްވަރު ދަތުރު ނުކުރުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަން.
އެމްއެންޑީއެފް: އެކަން އެނގުމާ އެކު ހަނިމާދޫގައި ތިބި ސިފައިން އެކަމުގައި ވަގުތުން ހަރަކާތްތެރިވި. އަދި ފަސްޓް އެއިޑް ވެސް ދެވުނު.
އެމްއެންޑީއެފް: ސަލާމަތްވި ބައެއް މީހުންނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އެބަ ގެންދޭ.
އެމްއެންޑީއެފް: ހަނިމާދު އާއި ނޮޅިވަރަމްފަރުގެ ދުރުމިން އެއީ ލޯންޗެއްގައި އެންމެ ދިހަވަރަކަށް މިނެޓް. އަޅުގަނޑުމެން ފާހަގަކުރަން ލައިފް ޖެކެޓް ނާޅާ ދަތުރުކުރިކަން. އަދި ނުބައި ވަގުތެއްގައި ދަތުރުކޮށްފައިވާކަން.
ލޯންޗު ބަންޑުން ޖަހާލައިގެން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހުސެއިން އަބްދުﷲ، އުނިމާގެ (ބޮޑު ޓީޗަރު) އަދި އޭނާގެ އަންހެނުން މަރިޔަމް މަނިކެ އާއި އެ ދެމަފިރިންގެ ހަމައެކަނި އަންހެން ދަރިފުޅު ގުރައިޝާ އަބްދުﷲ 30، އާއި އޭނާގެ ތިން އަހަރުގެ ދަރިފުޅުގެ އިތުރުން އެހެން ޓީޗަރެއްގެ އަންހެނުން.
ނޮޅިވަރަންފަރަކީ، ހަނިމާދުއާ އެންމެ ކައިރި އެއް ރަށް. ލޯންޗެއްގައި މި ދެ ރަށުގެ ދެމެދު ކުރާ ދަތުރަކަށް ހޭދަވަނީ ގާތްގަނޑަކަށް 10 ވަރަކަށް މިނިޓް. ބަންޑުން ޖަހާލި ލޯންޗަކީ، ނޮޅިވަރަންފަރުން އާންމުކޮށް ހަނިމާދުއަށް ދަތުރުކުރާ ލޯންޗެއް. އެކަމަކު މި ކުރު ދަތުރުގައި ލޯންޗުގެ ހަބަރު ނުވެގެން ހޯދަން ފެށީ، ހަނިމާދުއަށް ބަނދަރުކުރަން ޖެހޭ ވަގުތަށް ވުރެ އެތައް އިރެއް ހޭދަވި ފަހުން ކަމަށްވޭ. އެހެންކަމުން ލޯންޗު ބަންޑުން ޖަހާލުމުގެ ހިތާމަވެރި ހާދިސާ ހިނގިކަން، ލޯންޗުގެ އެއްވެސް މީހަކަށް ފޯނުން ވެސް އަންގާލާނެ ވަގުތު ނުލިބުނީ ކަމަށް ބެލެވޭ.
ހަނިމާދު އަށް ކުރަން ހަމަޖެހިފައިވާ މިއަދުގެ ހުރިހާ ދަތުރެއް މޯލްޑިވިއަނުން ކެންސަލްކޮށްފި. ސަބަބަކީ މޫސުން ގޯސްވުން.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގައުމީ ފުޓުބޯޅަ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަންގެ އާއިލާގެ މެމްބަރުން ހިމެނޭ.
މަރުވި ފަސް މީހުންގެ ތެރޭގައި ދެމަފިރިއަކާއި އެ މީހުންގެ އަންހެން ދަރިފުޅާއި މާމަ/ކާފަ ދަރިއަކު ވެސް ހިމެނޭ
މަރުވި 5 މީހުންގެ ހަށިގަނޑު ވެސް މިހާރު އޮތީ ހަނިމާދޫ ސިއްހީ މަރުކަޒުގައި. މި ފަސް މީހުން ވެސް އެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވަނީ މަރުވެފައި
ލޯންޗު ބަންޑުން ޖަހާލައިގެން މަރުވި މީހުންގެ އަދަދު 5 އަށް އަރައިފި. ދެންމެ މައުލޫމާތުތައް ލިބުނު ގޮތުގައި މަރުވީ ދެމަފިރިއަކާއި އެ މީހުންގެ މާމަ/މާފަ ދަރިފުޅުގެ އިތުރުން ދެ އަންހެނުން.
އެންމެ ފަހުން ލިބިފައިވާ މައުލޫމާތުތައް ބުނާ ގޮތުން، ލޯންޗު ބަންްޑުން ޖަހާލައިގެން މަރުވެފައި ވަނީ އެއް އާއިލާއެއްގެ ހަތަރު މީހުން. އެއީ ދެމަފިރިންނާއި އެ އާއިލާގެ އެހެން އަންހެނަކާއި ކުޑަކުއްޖާ.
މަރުވި ފިރިހެން މީހާ، ހުސެއިން އަބްދުﷲ އަކީ ނޮޅިވަރަމްފަރު ސްކޫލުގެ އެންމެ ގިނަ ދުވަސްވީ ޓީޗަރު.
މި ހާދިސާގައި މަރުވި ކުޑަ އަންހެން ކުއްޖާ އަކީ އުމުރުން ގާތްގަނޑަކަށް އެއް އަހަރުގެ އަންހެން ކުއްޖެއް.
މަރުވެފައި އޮއްވާ ފެނުނު ފިރިހެން މީހާ އަކީ ނޮޅިވަރަމްފަރު ސްކޫލުގެ ޓީޗަރެއް. އޭނާ އާއި އަނބިމީހާ އަދި ކުޑަ ކުއްޖާ ހަނިމާދު އަށް ދަތުރުކުރީ ބަޔަކު ފުރުވަންވެގެން.
ގެެއްލިގެން ހޯދަމުން ދިޔައީ ދެމަފިރިއަކާއި އެ މީހުންގެ ކާފަ/މާމަ ދަރިފުޅު. އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ދެމަފިރިންގެ ހަށިގަނޑު މިހާރު ވަނީ ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައި.
ލޯންޗުން ގެއްލިގެން ހޯދަމުން ދިޔަ ދެމަފިރިންނާއި އެ މީހުންގެ ކާފަ ދަރިފުޅު މަރުވެފައި އޮއްވާ ފެނިއްޖެ.
ހދ. ނޮޅިވަރަންފަރުން ފުރައިގެން 10 މީހުންނާ އެކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ދެ އަންހެނަކާއި ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ހަނިމާދޫ ކައިިރިއަށް ބަންޑުން ޖަހާލި ޑިންގީން ދަތުރުކުރި އަނެއް ހަތް މީހުން، ހަނިމާދު އަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ވަހީދު "މިހާރު" އަށް ވިދާޅުވީ މިއަދު ހަނިމާދު އަށް ދާން ހެނދުނު ފުރި ޑިންގީގައި ތިބި މީހުންނާ އެންމެ ފަހުން ގުޅިފައި ވަނީ 11:47 ހާއިރު ކަމަށެވެ. ޑިންގީ ގެއްލިގެން ހޯދަން ފެށީ ހަނިމާދު އަށް ދަތުރުކުރަން އާއްމުކޮށް ހޭދަވާ ވަގުތުގެ ތެރޭގައި އެ ރަށަށް ގޮސްފައި ނުވުމުންނެވެ.
މި ޑިންގީ ނޮޅިވަރަމުން ފުރިއިރު ވެސް މޫސުން ވަރަށް ގޯސް ކަމަށް ވެ އެވެ.