ޓޫރިޒަމުން އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ މިއަހަރު: ތޮއްޔިބު
ޓޫރިޒަމުން އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ މިއަހަރު: ތޮއްޔިބު

ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ މި އަހަރު ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޮއްޔިބު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މިދިޔަ ފަސް އަހަރު ވެސް، އަހަރެއްގެ ފުރަތަމަ ހަ މަސް ދުވަސް އެންމެ ރަނގަޅަށް ދިޔައީ މި އަހަރު ކަމަށެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު 19 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ ތެރޭގައި އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުން ލިބިފައިވާ ކުރިއެރުން އޭނާ ފާހަގަކުރެއްވި އެވެ.

ތޮއްޔިބު ވިދާޅުވީ ރާއްޖެ އަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިޓަލީ، ޖަރުމަން އަދި އިނގިރޭސި ވިލާތުން އައި ޓޫރިސްޓުންގެ އަދަދު ކުރީ އަހަރުތަކާ އަޅާ ބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އިޓަލީން އައި ޓޫރިސްޓުންގެ އަދަދު 34 ޕަސެންޓް އިތުރުވެފައި ވާއިރު ޖަރުމަނުން 20 ޕަސެންޓް އަދި އިނގިރޭސި ވިލާތުން 13 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާކަމަށް އޭނާ ވިދާޅުވި އެެވެ.

"މިދިޔަ ފަސް އަހަރު ތެރޭގައި އެންމެ ރަނގަޅު ގްރޯތެއް އައިސްފައިވަނީ މިއަހަރުގެ ފުރަތަމަ ހާފުގައި. އެއީ 19 ޕަސެންޓްގެ ގްރޯތެއް. މިއީ 2010 ވަނަ އަހަރުން ފެށިގެން ފުރަތަމަ ހަ މަސް ދުވަސް އެންމެ ރަނގަޅަށް ގޮސްފައިވާ އަހަރު. އެގޮތުން އަޅުގަނޑުމެންގެ ޓްރެޑިޝަނަލް މާކެޓަށް ބަލާއިރު އިޓަލީ ޖަރުމަން އަދި ޔޫކޭ އިން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފައި،" ތޮއްޔިބު ވިދާޅުވި އެވެ.

އަވަށްޓެރި އިންޑިއާ އިން އަންނަ ޓޫރިސްޓުންގެ އަދަދު ވެސް މިއަހަރު ވަނީ އެހެން އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން އިންޑިއާ އިން ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ ދެ ގުނަ އަށް އިތުރުވެފަ އެވެ. އަދި 2018 ވަނަ އަހަރު އިންޑިއާ އިން 41،000 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާއިރު މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު 82،000 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ތޮއްޔިބު ވިދާޅުވީ މީގެ ކުރިން ޗައިނާ އިން އަންނަ ޓޫރިސްޓުން ގިނަ ނަމަވެސް ކުރިއެރުމެއް ލިބިފައި ނުވާކަމަށެވެ. ނަމަވެސް މިއަހަރު އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 10 ޕަސެންޓް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ 2013 ވަނަ އަހަރުން ފެށިގެން ޗައިނާ އިން އައި ޓުރިސްޓުންގެ އަދަދު މިވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ.

"ޗައިނާ އިން އަންނަ ޓުރިސްޓުންގެ އަދަދު މި ހުންނަނީ އަބަދުވެސް އެއްވަރެއްގައި ހިފެހެއްޓިފައި. ނަމަވެސް މިއަހަރު އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު މިވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައި. މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް،" ތޮއްޔިބު ވިދާޅުވި އެވެ.

ޗައިނާގެ މާކެޓު ކުރިއެރުމަށް އެންމެ ބޮޑު ރޯލެއް އަދާކުރަނީ ސިޔާސީ ހަމަޖެހުން ކަމަށް ވެސް ތޮއްޔިބު ވިދާޅުވި އެވެ.

ރާއްޖެ އިޝްތިހާރުކުރަން މި އަހަރުގެ މިހާތަނަށް އެމްއެމްޕީއާރްސީން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެގޮތުން، 12 މާކެޓެއްގެ 15 ފެއެއްގައި ބައިވެރިވުމާއި 13 މާކެޓެއްގައި ފަސް ރޯޑް ޝޯއެއް ބޭއްވުމާއި، މީޑިއާ ފޭމްގެ ޓްރިޕްތަކުގެ 13 ގްރޫޕެއް ގެނައުމާއި 11 މާކެޓެއްގައި ޕީއާރު ޕްރެޒެންޓޭޝަން ދިނުމާއި 12 ޖޮއިންޓް ޕްރޮމޯޝަން ބޭއްވުން އަދި މުޅި ރާއްޖެ އަށް ރާއްޖެ އިޝްތިހާރު ކުރުމުގެ ދެ ކެމްޕޭނެއް ހިންގުން ހިމެނެ އެވެ.