29 އޯގަސްޓް 2019 - 14:14

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅުގެ ދެ ރަށަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.
އެ ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ ދިޔަމިގިއްޔަށެވެ. އެ ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ރަށުގެ ކައުންސިލާއި އިދާރާތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވާނެ އެވެ.
ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ތ. އަތޮޅުގެ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ބުރުނީއަށް ކަމަށެވެ. އެ ރަށަށް ވަޑައިގެން، ބުރުނީ ސްކޫލަށް 50 އަހަރު ފުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެ އެވެ.
މިދިޔަ ނޮވެމްބަރު މަހު ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް ގިނަ ރަށްރަށަށް ވަޑައިގެންފައިވެ އެވެ. އެގޮތުން މިދިޔަ މަހު ބ. އަތޮޅަށް ވަޑައިގެންނެވިއިރު އޭގެ ކުރިން ރ. އަތޮޅަށާއި އއ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންނެވި އެވެ.