29 އޯގަސްޓް 2019 - 22:43

މެޕްސް ކޮލެޖުގެ ކޯސްތަކެއް އޮންލައިންކޮށް ކިޔަވައިދޭން ފަށައިފި އެވެ.
އެ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ރެކްޓާ ފާތިމަތު ރަޝީދު ވިދާޅުވީ އުރީދޫގެ ސްމާޓް ކެމްޕަސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް މަތީ ތައުލީމް ހާސިލްކުރެވޭނެ ކަމަށެވެ.
ސެޕްޓެމްބަރު މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން އަންނަ މަހުގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ފާތިމަތު ވިދާޅުވީ މަތީ ތައުލީމަށް މާލެ އައުމަކީ މާލީގޮތުން ފަސޭހަކަމެއް ނޫން ކަމަށެވެ. އެހެންވެ ގިނަ ބައެއްގެ އެއްބާރުލުމާއެކު، މެޕްސް އިން މިހާރު ހިންގަމުން އަންނަ ބައެއް ކޯސްތައް އޮންލައިންކޮށް ކިޔަވައިދޭން ނިންމީ ކަމަށް ވިދާޅުވި އެވެ.
މެޕްސްގެ ޑީން އޮފް ޑިވެލޮޕްމަންޓް ނަޝްއާ ނަސީމް ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭނީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޓޫރިޒަމް މެނޭޖްމަންޓް، މާކެޓިން މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕްރޮކިއުމަންޓް ލޮޖިސްޓިކް އެންޑް ސަޕްލައިމޭންޓް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި އެކައުންޓިންގެ ދާއިރާގެ ޕްރޮގްރާމްތައް ކަމަށެވެ.
އެ ހުރިހާ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިގްރީއާ ހަމައަށް އޮންލައިންކޮށް ކިޔަވައިދޭނެ އެވެ.
އުރީދޫ ސްމާޓް ކެމްޕަސް މެދުވެރިކޮށް ސަރުކާރުގެ ދެ ތަނެއްގައި ކިޔަވައިދެ އެވެ. މިއީ އެ ސިސްޓަމް ބޭނުންކޮށްގެން ކިޔަވައިދޭ އަމިއްލަ ފުރަތަމަ ކޮލެޖެވެ.
ނަޝްއާ ވިދާޅުވީ ކިޔަވައިދޭ އާއްމު ވަގުތުތަކުގައި އުރީދޫ ސްމާޓް ކެމްޕަހުން ވެސް ކިޔަވައިދޭނެ ކަމަށެވެ. އެއިން އެސައިމަންޓްތައް ހުށަހެޅުމާއި ކިޔެވުމަަށް ބޭނުންވާ އެއްޗެހި ހިއްސާކުރެވޭނެ އެވެ. ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ އޮންލައިން ލައިބްރަރީއަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކޮލެޖުގެ ވައިސް ރެކްޓާ މެތިއު ސްޓްރީޓް ވިދާޅުވީ އޮންލައިންކޮށް ކިޔަވާ ދަރިވަރުންގެ ފެންވަރު، ސީދާ ކޮލެޖަށް ގޮސްގެން ކިޔަވާ ދަރިވަރުންނާ އެއް ފެންވަރަކަށް ގެނައުމަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މެޕްސް އިން ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭ ހުރިހާ ޕްރޮގްރާމެއް، ހިލޭ ކިޔެވުމުގެ އުސޫލުގެ ތެރޭގައި ހަމަޖައްސާފައިވާ ކަމަށެވެ. އެ ދަރިވަރުންނަށް މެޕްސްއާ ގުޅިގެން ފެންވަރު ރަނގަޅު މަތީ ތައުލީމް ހާސިލްކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އުރީދޫގެ ޑިރެކްޓާ އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވީ ސްމާޓް ކެމްޕަހަކީ އެވޯޑު ލިބިފައިވާ ޕްލެޓްފޯމެއް ކަމަށެވެ. ކްލާސްތައް ޝެޑިއުލްވެގެން ދާނީ މައިކްރޮސޮފްޓް ކަަލަންޑަރުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އުރީދޫގެ 4ޖީ ޕްލަސް ކަވަރޭޖް ހުންނާނެ ކަމަށެވެ. އަދި 90 ޕަސެންޓު ރިސޯޓުތަކުގައި 4ޖީ ހުންނާނެ ކަމަށް ވިދާޅުވި އެވެ.
"އޭގެ މާނައަކީ ކުޑަކުޑަ ރަށެއްގައި އުޅޭ ދަރިވަރަކަށް ވެސް މެޕްސް ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވެވޭނެއޭ،" ނިޔާޒު ވިދާޅުވި އެވެ.
ފޯނުގައި ވެސް އުރީދޫގެ ސްމާޓް ކެމްޕަސް އެޕްލިކޭޝަން ބޭނުންކުރެވޭނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.