ކޮންޓޭގެ ޕްލޭނުގައި ފަބްރެގަސް އަށް ފުރުސަތު ކުޑަ
ކޮންޓޭގެ ޕްލޭނުގައި ފަބްރެގަސް އަށް ފުރުސަތު ކުޑަ

ލަންޑަން (ސެޕްޓެމްބަރު 19) - ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ޕްލޭނުގައި އެ ޓީމަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު ސެސް ފަބްރެގަސް އަށް އޮތީ ކުޑަ ފުރުސަތެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފި އެވެ.

ކޮންޓޭގެ ކޯޗުކަމުގައި ޗެލްސީ މިހާތަނަށް ކުޅުނު އެއްވެސް މެޗެއްގެ ފުރަތަމަ އެގާރައިން ފަބްރެގަސް އަށް ފުރުސަތު ދީފައެއްނުވެ އެވެ. ފަބްރެގަސް ކޮންމެ މެޗެއްގައި ކުޅެން އަރަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ކޮންޓޭގެ ޓީމުން ގަވައިދުން ފުރުސަތު ހޯދާ ތިން ކުޅުންތެރިންނަކީ އެންގޯލޯ ކާންޓޭ އާއި ނިމެންޔާ މަޓިޗް އަދި އޮސްކާ އެވެ.

އުމުރުން 29 އަހަރުގެ ފަބްރެގަސް ހޯދަން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުވެންޓަސް އާއި އޭސީ މިލާނުން ވަނީ މަސައްކަތްކޮށްފަ އެވެ. ފަބްރެގަސް ވިއްކާލަން ކޮންޓޭ އެއްބަސްނުވީ އިންޓަ މިލާނަށް ކުޅޭ ކްރޮއޭޝިއާގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗާއި ރޯމާގެ މިޑްފީލްޑަރު ރަޒާ ނައިންގޫލަން ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ.

ފަބްރެގަސް ވެސް ވަނީ ޓީމު ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފަ އެވެ. ކޮންޓޭ ބުނީ ޓީމުގެ ފުރަތަމަ އެގާރައިން ފަބްރެގަސް އަށް ފުރުސަތު ލިބޭނީ ޑިފެންސް ރަނގަޅު ކުރުމުން ކަމަށެވެ.

"އަހަރެންގެ ވިސްނުމުގައި ފުޓްބޯޅައިގައި އެންމެ މުހިއްމު ކަމަކީ ޑިފެންސްކުރުން. އެއީ ޑިފެންސްކޮށްގެން އެޓޭކް ކުރެވޭނީ. ޑިފެންސްނުކޮށްފިއްޔާ އެޓޭކް ކުރާނެ ހިތްވަރެއް ވެސް ނުހުއްނާނެ. ފަބްރެގަސް އެބަޖެހޭ ކުޅުން ރަނގަޅުކުރަން،" ލިވަޕޫލް އަތުން ބަލިވި މެޗަށް ފަހު ކޮންޓޭ ބުންޏެވެ.

ފަބްރެގަސް އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އެހެން ނަމަވެސް އެކި ކޯޗުން ޓީމަށް ކުޅުންތެރިން ނެގުމުގައި ގެންގުޅޭ ވިސްނުން ތަފާތުވާނެ ކަމަށް ކޮންޓޭ ބުންޏެވެ.