29 އޯގަސްޓް 2019 - 15:19

ރެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން އަންނަ ވިއްސާރައިގައި ބައެއް ރަށްރަށަށް އެކި ވަރުގެ ގެއްލުން ލިބިއްޖެ އެވެ.
މިއަދު ހެނދުނު ވ. ފެލިދު އަށް ކުރި ވިއްސާރައިގައި، ވައިގަދަވި ވަގުތު އެ ރަށުގެ ދެ ގެއެއްގެ ފުރާޅު ވަނީ އެއްލާލައިފަ އެވެ. އަދި ގެއެއްގައި ހުރި ބަނބުކެޔޮ ދެ ގަސް ވެސް ވެއްޓުނު ކަމަށް އެ ރަށު ކައުންސިލްގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
އޭނާ ވިދާޅުވީ އެއް ގެއެއްގެ ދެ ކޮޓަރީގެ ވެސް ފުރާޅު އެއްލާލާފައިވާ ކަމަށެވެ. އަދި އެ ކޮޓަރިތަކުގައި އުޅޭ މީހުން މިހާރު ވަނީ އެހެން ތަންތަނަށް ބަދަލުވެފައި ކަމަށާއި، އެތަން ހިޔާކުރުމުގެ މަސައްކަތް ފުލުހުންނާއި ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. އަދި ދެން ގެއްލުންވި ގެއަށް އެހާ ބޮޑު ގެއްލުމެއް ވެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރ. އަލިފުށީގައި ވެސް މިއަދު ފެންބޮޑުވި ކަމަށް އެ ރަށު ކައުންސިލް މެމްބަރު އިބްރާހިމް ދަހީން "މިހާރު" އަށް ވިދާޅުވި އެވެ. އެ ރަށުގެ ތިން ގެއަކަށް ފެން ވަދެފައިވި ނަމަވެސް، އެއްވެސް ގެއަކަށް އަދި މުދަލަކަށް ގެއްލުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގެތަކަށް ފެން ނުވަންނަ ގޮތަށް ގޭ ދޮރުމަތީގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފުލުހުންނާއި ކައުންސިލުން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހއ. އަދި ނ. އަތޮޅުގެ ބައެއް ރަށްތަކުގައި ވެސް ފެންބޮޑުވި ކަމަށް ފުލުހުން ބުންޏެވެ. އަދި ބައެއް ގެތަކަށް ފެން ވަންނަމުންދާ ކަމަށާއި، އެ ރަށްތަކުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.
އިއްޔެ އާއި މިއަދު ވިއްސާރަވި ނަމަވެސް، މާދަމާއިން ފެށިގެން މޫސުން ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން ބުނެފައި ވެ އެވެ.