އުނގެނުމާއި އުނގަންނައިދިނުމުގައި މޫސާގެފާނާއި ޚިޟްރުގެފާނުގެ އަދަބުވެރިކަން
އުނގެނުމާއި އުނގަންނައިދިނުމުގައި މޫސާގެފާނާއި ޚިޟްރުގެފާނުގެ އަދަބުވެރިކަން

ޢިލްމު އުނގަންނައިދޭ މީހުންނާއި އުނގެނޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ވަރަށް މުހިންމު އަޚްލާޤީ ސިފަތަކަކާއި އަދަބުތަކެއްވެ އެވެ. މި ސިފަތަކާއި އަދަބުތަކާ ގުޅޭ ވަރަށް މުހިންމު ކަންތައްތަކެއް ކީރިތި ޤުރްއާނުގެ ކަހްފު ސޫރަތުގައިވާ މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކައިން ފެނިގެންދެ އެވެ. މިއީ އެދުރުންނާއި ދަރިވަރުންނަށް ވަރަށް މުހިންމު ފިލާވަޅުތަކެއް ދަސްކޮށްދޭ ހާދިސާތަކެކެވެ.

މިގޮތުން އެންމެ ފުރަތަމަ ކަމަކީ، މޫސާގެފާނު އެއީ ﷲ ގެ ނަބިއްޔެއް އަދި ރަސޫލެއް ކަމުގައިވީ ނަމަވެސް ﷲ ގެ އަމުރުފުޅަށް ތަބާވުމަށްޓަކައި އަދި ޢިލްމު އުނގެނުމަށްޓަކައި ކިޔަމަންތެރިކަމާ އެކު ވަޑައިގެންނެވުމެވެ. ޚިޟްރުގެފާނާ ބައްދަލުވުމުން މޫސާގެފާނު ވިދާޅުވީ "ކަލޭގެފާނަށް ދެއްވާފައިވާ ޢިލްމުން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާން ކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު ތަބާވަންތޯއެވެ؟ (އަލްކަހްފު 66) މިއިން މޫސާގެފާނުގެ އަދަބާއި އިޙުތިރާމު ވަރަށް ސާފުކޮށް ފެނެއެވެ.

ދެވަނަ ކަމަކަށް ފެނިގެންދަނީ ޚިޟްރުގެފާނުގެ ހިތްތިރި ކަމެވެ. ﷲ ގެ ކަލީމު އަދި ބަނީއިސްރާއީލުންގެ ނަބިއްޔެއްގެ އުސްތާޛަކަށް ވުމުން ބޮޑާވެ ވަޑައެއް ނުގަންނަވަ އެވެ. ވަރަށް ހިތްތިރި ކަމާ އެކު ވިދާޅުވީ "އޭ މޫސާގެފާނެވެ. ތިމަންކަލޭގެފާނަށް ﷲ އުނގަންނަވައިދެއްވި ޢިލްމުގެ ތެރޭގައި ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާ ކަންކަން ހިމެނެއެވެ. ހަމައެފަދައިން ތިމަންކަލޭގެފާނަށް އެނގިވަޑައިނުގަންނަވާ ކަންކަން ކަލޭގެފާނަށް ﷲ ވަނީ އުނގަންނަވައިދެއްވައިފަ އެވެ." ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ގެ ޙަދީސެއްގައި ވާގޮތުން ﷲ މޫސާގެފާނަށް މިކަމަށް އަމުރު ކުރެއްވި އިރު "ކަލޭގެފާނަށް ވުރެ އެކަލޭގެފާނު (ޚިޟްރުގެފާނު) ބޮޑަށް ދެނެވަޑައިގަންނަވައެވެ." މިހެން ވަޙީ ކުރެއްވި އެވެ. ހަދީސް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މީގެ މުރާދަކީ ހުރިހާ ޢިލްމެއްގައި ޚިޟްރުގެފާނު މޫސާގެފާނަށްވުރެ މޮޅަށް ދެނެވަޑައިގަންނަވާ ވާހަކައެއް ނޫނެވެ. ނަމަވެސް އޭގެ މުރާދަކީ ކަނޑައެޅިފައިވާ ވަކި ކަންތައްތަކެއްގައި އޭގެ ތަފްސީލު ވަރަށްބޮޑަށް ދެނެވަޑައިގަންނަވާނެ ވާހަކަ އެވެ. މިކަން އެނގެނީ ހަމަ އެ ހަދީސްގައި އައިސްފައިވާ، ޚިޟްރުގެފާނުގެ ހިތްތިރި ބަސްފުޅުތަކުންނެވެ. އެހެންކަމުން މުޠުލަޤު ގޮތެއްގައި މޫސާގެފާނަށްވުރެ ޚިޟްރުގެފާނު ޢިލްމުވެރި ކަމަށް ޚިޟްރުގެފާނު ދެކެވަޑައެއް ނުގަންނަވައެވެ.

ކިތަންމެ ޢިލްމުވެރި ވިޔަސް ތިމާއަށް ޢިލްމުން ލިބެނީ ދަށްމިންވަރެއް ކަން ގަބޫލު ކުރުމަކީ ޢިލްމުވެރިންގެ ކިބައިގައި ހުރުން ވަރަށް މުހިންމު ސިފައެކެވެ. ޢިލްމުވެރިން ދީނީ ކަންކަމާ މެދު ވާހަކަ ދެއްކުމަށް ފަހު، "މޮޅަށް ދެނެވޮޑިގެންވާނީ ﷲ" އޭ ބުނަން ޖެހެނީ މި ތަވާޟުޢުވެރިކަން ދެމެހެއްޓުމަށްޓަކައެވެ. އަދި ޢިލްމުވެރިން ނޫނަސް ކޮންމެ މީހަކުވެސް އެމީހަކަށް ނޭނގޭ އެއްޗެއް އެހެން މީހަކަށް އެނގިދާނެ ކަމަށް އަބަދުވެސް ގަބޫލު ކުރަން ޖެހޭނެ އެވެ. ނަބިއްޔާ ސުލައިމާނުގެފާނަކީ ﷲ އެކަލޭގެފާނަށް ވަރަށް ގިނަކަންކަން ފަހުމްކޮށްދެއްވި ބޭކަލެކެވެ. އަދި އެބޭކަލަކަށް ޢިލްމާއި ޙިކުމަތްވެސް ދެއްވި ބޭކަލަކެވެ. (އަލްއަންބިޔާއު 79). އެހެންނަމަވެސް ކުޑަކުޑަ ނިކަމެތި ދޫންޏެއް "ކަލޭގެފާނަށް އެނގިވަޑައިގެންނުވާ ކަންތައްތަކެއް ތިމަންނާއަށް އެނގިއްޖެއެވެ." ބުނުމުން އެ ނިކަމެތި ދޫނީގެ ކުރިމަތީ ސުލައިމާނުގެފާނު ދެއްކެވީ ހިތްތިރިކަމުގެ ލާމަސީލު ނަމޫނާ އެކެވެ. (އައްނަމްލު 22).

ޞޫފީންގެ ތެރެއިން ހައްދުފަހަނައަޅާފައިވާ ބައެއް މީހުން ދެކޭގޮތުގައި ﷲ އެމީހުންނަށް ޣައިބު ކަޝްފު ކޮށްދެއްވައެވެ. މިއީ މިގޮތަށް އޮންނަ ކަމެއް ނޫންކަން ޚިޟްރުގެފާނުގެ ވާހަކައިން އެބަ އެނގެއެވެ. ﷲ އެކަލޭގެފާނަށް އެހެން ބައެއް މީހުންނަށް ނޭނގޭ ކަންކަމުގެ ޢިލްމު ދެއްވި ހިނދު އެކަލޭގެފާނަށް ޣައިބު ކަޝްފުވެފައިވާ ކަމުގެ ދަޢުވާއެއް ނުކުރައްވައެވެ. އެހެން ޞާލިޙު އަޅުންނާއި ﷲ ގެ ނަބިއްޔުން ވެސް މިފަދަ ދަޢުވާއެއް ނުކުރައްވަ އެވެ. އޭގެ ބަދަލުގައި ޣައިބު އެނގިވަޑައިނުގަންނަވާ ކަމަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވެސް ވިދާޅުވިއެވެ. (އަލްއަންޢާމް 50). އަދި ނޫޙުގެފާނުވެސް އެހެން ވިދާޅުވި އެވެ. (ހޫދު 31). ޢުމަރުގެފާނާއި ޢަބްދުﷲ ބުނު މަސްޢޫދާއި އެހެންވެސް ބައެއް ޞަޙާބީންގެ ކިބައިން ވެސް މި ތަވާޟުޢުވެރިކަން ފެނިގެންދާ މިސާލުތައް އިސްލާމީ ތާރީޚުން ފެނެއެވެ. ހަގީގަތުގައި ގަދަރުވެރި ޢިލްމުވެރިންގެ ގަދަރާއި ޢިއްޒަތް ދެމެހެއްޓެނީވެސް އެބޭކަލުންގެ ހިތްތިރި ކަމުގެ ސަބަބުންނެވެ. "ކުރާގަނޑުގައި ގޮވާން ހެދިބޮޑުވަމުންދާ ވަރަކަށް ކުރާގަނޑު ތިރިއަށް ޖެހިދެއޭ" ބުނާ އިރުމަތީ ގައުމުތަކުގެ މިސާލު ބަހުން ބުނެދޭން ބޭނުންވަނީ އިންސާނާއަށް ވެސް ޢިލްމާއި ޙިކުމަތާއި ތަޖުރިބާތައް ލިބި ގިނަވަމުންދާ ވަރަކަށް އޭނާގެ ހިތްތިރިކަން އިތުރުވަމުންދާން ޖެހޭނެ ކަމެވެ.

އުނގެނުމާއި އުނގަންނައިދިނުމުގައި މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކައިން ފާހަގަ ކުރެވޭ ތިންވަނަ ކަމަކީ، ޢިލްމު އުނގެނޭ މީހެއްގެ ހައިސިއްޔަތުން މޫސާގެފާނުގެ ކިބައިން ފެނިގެންދިޔަ ކަންކަމެވެ. ތަފްސީރު ޢިލްމުވެރިޔާ، އިމާމް އައްރާޒީ މިގޮތުން ފާހަގަ ކުރައްވާފައިވާ 12 ކަމެއް ވެއެވެ.

ފުރަތަމަ ކަމަކީ، މޫސާގެފާނަކީ އެދުރުމީހާއަށް ތަބާވާނެ މީހެއް ކަން، "ކަލޭގެފާނަށް ތިމަންކަލޭގެފާނު ތަބާވަންތޯއެވެ؟" މިހެން ވިދާޅުވުމުން ދޭހަވާ ކަމެވެ. ދެވަނަ ކަމަކީ ތަބާވާން އެދުނު ހިނދު އެކަމަށް އިހުތިރާމާ އެކު އިޒުނަ ހޯއްދެވުމަށް ފަހު އެކަން ކުރެއްވުމެވެ. ތިންވަނަ ކަމަކީ، ޚިޟްރުގެފާނަށް ޢިލްމު ލިބިވަޑައިގެންފައިވާކަން ގަބޫލު ކުރެއްވުމާއި އަދި މޫސާގެފާނަށް އެކަންކަން އެނގިވަޑައިނުގަންނަވާކަން އަމިއްލައަށް އިޢުތިރާފުވެ ވަޑައިގަތުމެވެ. "ކަލޭގެފާނަށް ދެއްވާފައިވާ ޢިލްމުން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާންކަމަށް" މިހެން ވިދާޅުވުމުން މިކަން ހާމަވެއެވެ. ހަތަރުވަނަ ކަމަކީ، ޚިޟްރުގެފާނަށް ﷲ ދެއްވާފައިވާ ޢިލްމާ އެއްހަމަވުމަށް އެދިވަޑައިގަތުމުގެ ބަދަލުގައި އެއިން ޚިޟްރުގެފާނު ދެއްވަން ބޭނުންފުޅުވާ ބައެއް އުނގަންނައި ދެއްވަން އެދިވަޑައިގަތުމެވެ. "ކަލޭގެފާނަށް ދެއްވާފައިވާ ޢިލްމުން" ނޭ ވިދާޅުވުމުން އެއީ މުޅި ޢިލްމެއް ނޫނެވެ. އެއީ އެއިން ބައެކެވެ. ފަސްވަނަ ކަމަކީ، ޚިޟްރުގެފާނަށް ވެސް ޢިލްމު ދެއްވީ ﷲ ކަމަށް ގަބޫލުފުޅު ކުރެއްވުމެވެ. ވިދާޅުވީ "ކަލޭގެފާނަށް ދެއްވާފައިވާ" އެވެ. "ކަލޭގެފާނު ހޯއްދަވާފައިވާ" އެއް ނޫނެވެ. ހަވަނަ ކަމަކީ، އިރުޝާދާއި ހިދާޔަތަށް ޚިޟްރުގެފާނުގެ ކިބައިން އެދިވަޑައިގަތުމެވެ. އާޔަތުގައިވާ "ރުޝްދަން" މި ލަފުޒުން އެ މާނަ ދޭހަވެއެވެ. އިރުޝާދާއި ހިދާޔަތު ނެތިއްޔާ މަގު ގެއްލި އެއްކިބާވެދާނެ އެވެ.

ހަތްވަނަ ކަމަކީ، ﷲ ޚިޟްރުގެފާނަށް އުނގަންނަވައިދެއްވި ފަދައިން އަދި އެކަމުން ޚިޟްރުގެފާނަށް އެ ނިޢުމަތް އިހުސާސް ކުރެއްވުނު ފަދައިން މޫސާގެފާނަށް ވެސް އުނގަންނަވައިދެއްވައި އެ އިހުސާސް ލިއްބައިދެއްވަން އެދި ވަޑައިގަތުމެވެ. މި އިބާރާތުން ނަގައިގަނެވޭ އަނެއް ކަމަކީ މިހެންވެއްޖިއްޔާ ތިމަންކަލޭގެފާނުވެސް ކަލޭގެފާނަށް ޝުކުރުވެރިވެ ވަޑައިގަންނަވާނަމޭ ވިދާޅުވާ ކަމުގެ އިޝާރާތެވެ. އަށްވަނަ ކަމަކީ، ތަބާވާނެ ކަމަށް ވިދާޅުވި ވިދާޅުވުން އެއީ އުނގެނުމަށްޓަކައި ތަބާވާނެ ވާހަކަ ކަމަށް ވުމެވެ. އެހެން ބަޔަކު އެގޮތަށް ކަންކުރާތީ ކޮޕީ ކުރުމުގެ ގޮތުން ކުރާ ކަމަކަށް ނުވުމެވެ.

އެހެންކަމުން އުނގަންނައިދިނުމަށްޓަކައި އެދުރުމީހާ އެދިވަޑައިގަންނަވާ ކޮންމެ ކަމެއް އިއުތިރާޒު ކުރުމަކާ ނުލައި ބަލައިގަނެ އެއަށް ތަބާވާނެކަން މިއިން ދޭހަވެ އެވެ.

ނުވަވަނަ ކަމަކީ، އެއްވެސް ގައިދެއް ނެތި ހުރިހާ ކަމެއްގައި ތަބާވާނެ ކަން ހާމަވެގެން ދިއުމެވެ. މިވެނި ކަމެއް މިހެން ވިއްޔާ ނުވަތަ އެވެނި ކަމެއް މިހެން ހަދައިފިއްޔާ ކަހަލަ އެއްވެސް ގައިދެއް "ތަބާވަންތޯ؟" މި ލަފުޒަކުން ދައްކައެއް ނުދެއެވެ. ދިހަވަނަ ކަމަކީ، މޫސާގެފާނުގެ ތަވާޟުޢުވެރިކަމުގެ ނިހާޔަތެވެ. އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ދަރަޖަތަކާއި ޢިލްމުވެރިކަމާއި އެކަލޭގެފާނަށް ﷲ ދެއްވެވި މުޢުޖިޒާތްތަކާއި މިފަދަ ހުރިހާ މަތިވެރިކަންކަން ހުއްޓައި ވެސް ތަވާޟުޢުވެރި ކަމާއެކު ޚިޟްރުގެފާނުގެ އަރިއަހުން ޢިލްމު ހޯއްދަވަން އެދިވަޑައިގަތުމުން މިކަން ހާމަވެއެވެ. އަދި ޢިލްމު އުނގެނުމަށް ހުރި ޖޯޝާއި ފޯރި ހާމަވެއެވެ. އެގާރަވަނަ ކަމަކީ، އުނގަންނައިދެއްވަން އެދިވަޑައިގަތުމުގެ ކުރިން ތަބާވެވަޑައިގަންނަވާނެކަން ހާމަ ކުރެއްވުމުން އަމިއްލަ ނަފްސަށްވުރެ އެދުރުމީހާ އަށް އިސްކަން ދިނުމެވެ. (ދިވެހި ތަރުޖަމާގައި މި ތަރުތީބު ނެތަސް އާޔަތުގައި ފުރަތަމަ ވަނީ ތަބާވާ ވާހަކަ އެވެ.) ބާރަވަނަ ކަމަކީ، ތަބާވުން ބިނާވެފައިވަނީ އެއިން އެހެން މަންފާއެއް ހޯދުމުގެ ގަސްދެއް ނެތި ހަމައެކަނި ޢިލްމު ހޯދުމަށް ކަމަށް ވުމެވެ. އޭގެ ފަހަތުގައި މުދާވެރިކަމެއް ޖާހެއް މަގާމެއް ހޯދުން ފަދަ ކަމެއް ނެތް ކަމެވެ.

އެހެންކަމުން އަޅުގަނޑުމެން ދަރިވަރުންގެ ގޮތުގައި ވިއަސް އަދި އެދރުރުންގެ ގޮތުގައި ވިޔަސް އެކަމުގައި ހިފަހައްޓަން ޖެހޭ އަދަބުތައް ދަސްކުރުމަށްޓަކައި މޫސާގެފާނާއި ޚިޟްރުގެފާނުގެ މި ވާހަކައިން އިބުރަތް ލިބިގަންނަން ޖެހެއެވެ. މިގޮތުން ޢިލްމު އުނގެނުމާއި އުންގަންނައިދިނުމުގައި ހިތްތިރިވުމާއި އިޚްލާޞްތެރިވުމާއި ބުރަ މަސައްކަތް ކުރުމާއި އެކަކު އަނެކަކަށް އިހުތިރާމު ކުރުން ފަދަ ސިފަތައް އަޅުގަނޑުމެންގެ ކިބައިގައި ހަރުލަން ޖެހެ އެވެ.