މިއަދު ވިއްސާރަ، މާދަމާއިން ފެށިގެން މޫސުން ރަނގަޅު
މިއަދު ވިއްސާރަ، މާދަމާއިން ފެށިގެން މޫސުން ރަނގަޅު

މުޅި ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރަ، މާދަމާއިން ފެށިގެން ރަނގަޅު ވާނެ ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން މިއަދު ބުނެފި އެވެ.

އިއްޔެއިން ފެށިގެން މާލެ އާއި ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މާލޭގެ އިތުރުން ބައެއް ރަށްތަކުގައި ފެންބޮޑުވެފައި ވެސް ވެ އެވެ. މިޑްޓާމަށް ސްކޫލްތައް މިއަދުން ފެށިގެން އެއް ހަފްތާ އަށް ބަންދު ވާތީ ގިނަ ބަޔަކު އެކި ރަށްރަށަށް ވެސް ފުރާނީ މިއަދާއި މާދަމާ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ހުޅަނގު މޫސުމުގެ ވިއްސާރަ މިހާރު މުޅި ރާއްޖެ އަށް ކުރަމުން ދިޔަ ނަމަވެސް މާދަމާއިން ފެށިގެން މުޅި ރާއްޖެ އަށް ވެސް މޫސުން ރަނގަޅުވާނެ އެވެ.

"މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ. ހޮނިހިރު ދުވަހުން ފެށިގެން މުޅި ރާއްޖެ އަށް ވެސް މޫސުން އޮންނާނީ ރަނގަޅަށް،" އޭނާ ވިދާޅުވި އެވެ.

މެޓުން ބުނާގޮތުގައި މިއަދު ހެނދުނު 8:00 އާ ހަމައަށް ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ގދ. ކާޑެއްދުއަށެވެ. އެއީ 128 މިލިމީޓަރުގެ ވާރެ އެވެ. ތިނަދުއަށް 93 މިލިމީޓަރުގެ ވާރޭ ވެހުނުއިރު ހުޅުލެ އަށް 73 މިލިމީޓަރުގެ ވާރޭވަނީ ވެހެފަ އެވެ.

ވިލާގަނޑާއެކު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މިއަދު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ލަފާ ކުރެ އެވެ. އެހެންވެ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މިއަދު ގަދަވާނެ ކަމަށް މެޓުން ބުނެ އެވެ.