ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސޯނަމް ކަޕޫރާއި ސައުތުގެ މަޝްހޫރު އެކްޓަރު ދަލްގޫރް ސަލްމާން ލީޑް ރޯލް ކުޅެފައިވާ ފިލްމު "ދަ ޒޯޔާ ފެކްޓާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މިއީ އިންޑިއާގެ ކްރިކެޓް ޓީމެއްގެ ނަސީބާ ޒުވާން އަންހެނަކު ގުޅިފައި އޮންނަ ގޮތް ކިޔައިދޭ ރޮމޭންޓިކް ޑްރާމާއެކެވެ. "ދަ ޒޯޔާ ފެކްޓާ" އަކީ އިންޑިއާގެ ލިޔުންތެރިޔާ އަނޫޖާ ޗޯހަން ހަމަ އެ ނަމުގައި 2008 ގައި ގެނެސްދިން ވާހަކަ އަށް ބިނާކޮށް އަބީޝެކް ޝަރުމާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އަންނަ މަހުގެ 20 ގައި ރިލީޒްކުރާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސޯނަމްގެ ބޮޑުބޭބެ ސަންޖޭ ކަޕޫރް، އަންގަދު ބޭދީ، ސިކަންދަރު ކޭރް، ރާހުލް ކަންނާ، ސޯރަބް ޝުކްލާ، ޕަންކަޖް ދީރް، މަނޫ ރިޝީ، ޕޫޖާ ބަމްރާ އަދި ކޮއެލް ޕޫރީ ހިމެނެ އެވެ.

"ދަ ޒޯޔާ ފެކްޓާ" އަކީ ދަލްގޫރް ކުޅުނު ދެވަނަ ހިންދީ ފިލްމެވެ. އޭނާގެ އަލަތު ފިލްމަކީ މިދިޔަ އަހަރުގެ އޮގަސްޓްގައި ރިލީޒްކުރި އިފްރާން ހާންގެ "ކާރްވާ" އެވެ.

ސަންޖޭ ގުޕްތާ ޑައިރެކްޓްކުރާ ގޭންގްސްޓާ ފިލްމު "މުމްބާއީ ސާގާ" ގެ ޝޫޓިން ފަށައިފި އެވެ.

ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގެ ލީޑް އެކްޓަރުންނަކީ ޖޯން އަބްރަހަމް އާއި އިމްރާން ހާޝިމީ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޕްރަތީކް ބައްބަރު، ޖެކީ ޝްރޮފް، ސުނިލް ޝެޓީ، ސަމީރު ސޯނީ، ރޯހިތު ރޯއީ، އަމޯލް ގުޕްތޭ އަދި ގުލްޝަން ގްރޯވާ ހިމެނެ އެވެ.

"މުމްބާއީ ސާގާ" ގެ ބަތަލާއަކީ ހިންދީ ފިލްމު "ސިންގަމް" ކުޅުނު ސައުތުގެ ބަތަލާ ކާޖަލް އަގަރްވާލެވެ.

ސަންޖޭގެ ވައިޓް ފެދާ ފިލްމްސް އާއި ޓީ ސީރީޒް ގުޅިގެން ހަދާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖޫން 19 ގަ އެވެ.

އިނގިރޭސިވިލާތުގައި މިހާރު ޝޫޓްކުރަމުން އަންނަ ޑައިރެކްޓަރު ކަބީރު ހާންގެ ކްރިކެޓް ފިލްމު "83" ގެ ރޯލަކަށް ބޮމަން އިރާނީ ސޮއިކޮށްފި އެވެ.

ފިލްމުގެ ޓީމުން ވަނީ އޭނާއާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ޓްވިޓާގައި ހިއްސާކޮށްފަ އެވެ. "83" ގައި ބޯމަން ކުޅޭނީ ފާރޫގް އިންޖިނިއާގެ ރޯލެވެ.

އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ކަޕިލް ދޭވްގެ ރޯލް ރަންވީރު ސިންގް ކުޅޭ ފިލްމުގެ ޝޫޓިން މިދިޔަ ޖޫން މަހުން ފެށިގެން އިނގިރޭސިވިލާތުގައި ކުރިއަށްދާ އިރު، މީގެ ކާސްޓުންގެ ތެރޭގައި ސާގިބް ސަލީމް، ތާހިރު ރާޖް ބާސިން، އައްމީ ވާކް، އާރް ބަދުރީ، ހާޑީ ސަންދޫ، ޗިގާރް ޕަޓިލް، ޖީވާ، އަދިނާތު ކޮތާރޭ، ޑިންކަރު ޝަރުމާ، ޖަތިން ސަރްނާ، ދައިރިޔާ ކަރްވާ، ނިޝާންތު ދަހިޔާ އަދި ޕަންކަޖް ތުރިޕަތީ ހިމެނެ އެވެ.

އަންނަ އަހަރުގެ އެޕްރީލް 10 ގައި ރިލީޒްކުރާ "83" ގެ ބަތަލާއަކީ ދީޕިކާ ޕަދްކޯނެވެ.

މި ފިލްމަކީ އިންޑިއާ އިން ކާމިޔާބުކުރި 1983 ގެ ކްރިކެޓް ވޯލްޑް ކަޕަށް ބިނާކޮށް ހަދާ ފިލްމެކެވެ.

ފަރްހާން އަޚްތަރު ބޮކްސިން ތެޅުންތެރިއެއްގެ ރޯލް ކުޅޭ ފިލްމު "ތޫފާން" ގެ ޝޫޓިން ފަށައިފި އެވެ.

މި ފިލްމަކީ އޭނާ އަށް 2013 ވަނަ އަހަރު އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު ފިލްމު "ބާގް މިލްކާ ބާގް" ގެ ޑައިރެކްޓަރު އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކުރާ ފިލްމެކެވެ.

ކުރިން ވެސް ތާވަލުކުރި ގޮތަށް މި މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެއްސި ފިލްމުގެ މަސައްކަތް ފެށި އިރު، ފަރްހާން ވަނީ ބޮކްސިންގެ ޓްރޭނިންތަކެއް ވެސް މި އަހަރުގެ ކުރީކޮޅުން ފެށިގެން ހަދައިފަ އެވެ.

އަންނަ އަހަރުގެ މެއި 8 ގައި ރިލީޒްކުރަން ނިންމާފައިވާ "ތޫފާން" ގައި ފަރްހާންގެ ކޯޗްގެ ރޯލުން ފެނިގެންދާނީ ޕަރޭޝް ރާވަލް އެވެ. މި ފިލްމުގެ ބަތަލާއަކީ މޮނާލީ ތާކޫރް ކަމަށްވެ އެވެ.

ފަރްހާންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އޮކްޓޯބަރު މަހުގެ 11 ގައި ރިލީޒްކުރާ "ދަ ސްކައި އިޒް ޕިންކް" އެވެ.