ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި ވޭނަކަށް ގެއްލުންވެއްޖެ
ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި ވޭނަކަށް ގެއްލުންވެއްޖެ

ރޭ މާލޭ އަށް ބޯކޮށް ވާރޭ ވެހެމުން ދަނިކޮށް، ގެއެއްގެ ބެލްކަނިން ބައެއް ބިންމައްޗަށް ވެއްޓި ޕާކުކޮށްފައި އޮތް ވޭނެއްގެ ބިއްލޫރިގަނޑު ތެޅިއްޖެ އެވެ.

ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި ވޭނަކަށް ގެއްލުންވެއްޖެ
ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި ވޭނަކަށް ގެއްލުންވެއްޖެ

ރޭ ދަންވަރު 12 ޖަހާކަންހާ އިރު ހިނގި މި ހާދިސާގައި ބެލްކަނީގެ ބައެއް ވެއްޓުނީ އޯކިޑް މަގުގައި ހުރި މ. ސާނިއާގެ އިންނެވެ. އެ އިމާރާތުގެ ވެރިފަރާތުގެ ފަރާތުން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނީ އެ ގެއިން ވެއްޓުނީ ގޭގެ ދެ ވަނަ ފްލޯގެ ބެލްކަނިން 10 ވަރަކަށް ފޫޓުގެ ބައެކެވެ.

ފުލުހުން ބުނީ އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށާއި އެ ހާދިސާގައި ވޭނުގެ ވިންޑް ސްކްރީން ތަޅައިގެން ދިއުން ފިޔަވައި އެހެން ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އިމާރާތުގެ ވެރިފަރާތުން ބުނީ އެ ބެލްކަނިން ބައެއް ވެއްޓުނީ ބާވެގެން ކަމަށެވެ. އަދި އެ އިމާރާތް ޕްލޭނިން މިނިސްޓްރީން މިއަދު ބަލައި ބެލްކަނިން އިތުރު ބައެއް ވައްޓާލަން ވެސް ލަފާ ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

މާލޭގައި ހުންނަ ބާ އިމާރާތްތަކުގެ ފާރު ވެއްޓި، މަގުމަތީގައި އުޅޭ މީހުންނާއި ޕާކުކޮށްފައި ހުންނަ އުޅަނދުތަކަށް މީގެ ކުރިން ގެއްލުންވެފައި ވެ އެވެ.