30 އޯގަސްޓް 2019 - 08:49

މިދިޔަ އަހަރު ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ތައާރަފުވި ޖާންވީ ކަޕޫރްގެ ދެވަނަ ފިލްމު "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އަންނަ އަހަރުގެ މާޗް މަހު ގެނެސްދޭން ނިންމައި، ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފި އެވެ.
ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ މި ފިލްމަކީ އިންޑިއާގެ ވައިގެ ސިފައިން (އިންޑިއަން އެއާ ފޯސް) ގެ ފުރަތަމަ އަންހެން ޕައިލެޓް ގުންޖަން ސަކްސޭނާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. އޭނާއަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1999 ގައި ކުރި ކަރްގިލް ހަނގުރާމައިގެ ތެރޭގައި އިންޑިއާގެ އަސްކަރީ އޮފިސަރުން ހެލިކޮޕްޓަރުގައި އުފުލުގައި ވަރަށް އިސް ދައުރެއް އަދާކުރި ގައުމީ ބަތަލެކެވެ.
ގުންޖަންގެ ރޯލުން ޖާންވީ ފެނިފެންދާ އިރު، ޝަރަން ޝަރުމާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ބަތަލާ ނޭހާ ދޫޕިއާގެ ފިރިމީހާ އަންގަދު ބޭދީ، ޕަންކަޖް ތުރިޕަތީ، ވިނީތު ކުމާރު އަދި މާނަވް ވިޖް ހިމެނެ އެވެ.
ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅުގެ ދެވަނަ ފިލްމު އަންނަ އަހަރުގެ މާޗް 13 ގައި ރިލީޒްކުރަން ތާވަލުކުރި އިރު، އޭނާގެ ތިން ވަނަ ފިލްމު "ރޫހީ އަފްޒާ" ވަނީ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ރިލީޒްކުރާތާ ހަފުތާއެއް ފަހުން މާޗް 20 ގައި ރިލީޒްކުރަން ތާވަލުކޮށްފަ އެވެ.
މެޑޮކް ފިލްމްސް އިން ގެނެސްދޭ އެ ފިލްމަކީ ޖާންވީ ޑަބަލް ރޯލަކުން ފެނިގެންދާ ހޮރޯ-ކޮމެޑީއެކެވެ.
ޒުވާން ބަތަލާ ސޮއިކޮށްފައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ތަޚުތު"، "ދޯސްތާނާ 2" އަދި "ގޯސްޓް ސްޓޯރީޒް" ހިމެނެ އެވެ.