28 އޯގަސްޓް 2019 - 20:00

މެލޭޝިއާގެ ލިމްކޮކް ވިންގް ޔުނިވާސިޓީން ރާއްޖޭގެ 10 ދަރިވަރަކަށް އެ ޔުނިވާސިޓީގައި ކިޔެވުމުގެ ފުރުސަތު ދީފި އެވެ.

މި ފުރުސަތުތައް ދީފައިވަނީ މިއަދު އެ ޔުނިވާސިޓީގެ އިސް ފަރާތްތަކާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައްދަލު ކުރެއްވުމުގެ ތެރެއިންނެވެ. މި ބައްދަލު ކުރެއްވުމުގައި އެ ޔުނިވާސިޓީގެ ނައިބު ރައީސް ޑާތޯ ސްރީ ޓިމޮތީ ލިމްކޮކް ވިންގް އާއި ޔުނިވާސިޓީ ހިންގެވުމުގައި އިސްދައުރެއް އަދާ ކުރައްވާ ފަރާތްތައް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. މިއީ އެ ޔުނިވާސިޓީގެ ދައުވަތަކަށް ބޭއްވެވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ސަރުކާރުން ތައުލީމީ ގާބިލު ޒުވާނުން އުފެއްދުމަށްޓަކައި ދޭ އަހަންމިއްޔަތުކަން ފާހަގަކުރައްވާ މިނިސްޓްރީ އާއި، ޓުރިޒަމް ދާއިރާގައި އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. ލިމްކޮކް ޔުނިވާސިޓީން ދޭ ތައުލީމާއި ތަމްރީނަށް މިނިސްޓަރު އަލީ ވަހީދު ވަނީ މި ބައްދަލު ކުރެއްވުމުގައި ތައުރީފު ކުރައްވާފަ އެވެ.
މި ޒިޔާރަތުގައި ޔުނިވާސިޓީގެ ކުރީގެ ދަރިވަރެއްގެ ހައިސިއްޔަތުން މިނިސްޓަރު އަލީ ވަހީދު މިއަދާ ހަމައަށް ހާސިލުކުރައްވާފައިވާ ކާމިޔާބު ފާހަގަކޮށް "ގްލޯބަލީ އިންސްޕިރޭޝަނަލް ލީޑާޝިޕް" ގެ އެވޯޑެއް އެ ޔުނިވާސިޓީން ވަނީ އަރުވާފަ އެވެ.
މިނިސްޓަރު އަލީ ވަހީދު ލިމްކޮކް ޔުނިވާސިޓީ އަށް ކުރެއްވި މި ޒިޔާރަތުގައި އެ ޔުނިވާސިޓީގެ ދަރިވަރުންގެ ހާއްސަ ޕްރޮޖެކްޓްތަކާއި ހޯލް އޮފް ފޭމް ވަނީ ބައްލަވާލައްވާފަ އެވެ.