މާޅޮހުގެ ހައިޑްރޮޕޯނިކްސް ޕްރޮގްރާމް އިފްތިތާހު ކޮށްފި
މާޅޮހުގެ ހައިޑްރޮޕޯނިކްސް ޕްރޮގްރާމް އިފްތިތާހު ކޮށްފި

ބ. މާޅޮހުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއިން ކުރިއަށްގެންދާ ހައިޑްރޮޕޯނިކްސް ޕްރޮގްރާމް މިއަދު އިފްތިތާހު ކޮށްފި އެވެ.

މާޅޮހުގެ ހައިޑްރޮޕޯނިކްސް ޕްރޮގްރާމް އިފްތިތާހު ކޮށްފި
މާޅޮހުގެ ހައިޑްރޮޕޯނިކްސް ޕްރޮގްރާމް އިފްތިތާހު ކޮށްފި

މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ މާޅޮހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން އެ ރަށުގެ ކައުންސިލްގެ މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

މާޅޮހުގެ ހައިޑްރޮޕޯނިކްސް ޕްރޮގްރާމް އިފްތިތާހު ކޮށްފި
މާޅޮހުގެ ހައިޑްރޮޕޯނިކްސް ޕްރޮގްރާމް އިފްތިތާހު ކޮށްފި

ހައިޑްރޮޕޯނިކްސް އަކީ ފެނުގައި ގަސް އިންދުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ނިޒާމެކެވެ. މި ނިޒާމް މާޅޮހުގެ 10 ގެއެއްގައި ވަނީ ގާއިމް ކޮށްފަ އެވެ. އިތުރު ގެތަކުގައި ވެސް ހައިޑްރޮޕޯނިކްސް ނިޒާމް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިނިސްޓަރު ޒަހާ ވަނީ މި ނިޒާމް ގާއިމްކޮށްފައިވާ ހުރިހާ ގެއަކަށް ވެސް މިއަދު ޒިޔާރަތް ކުރައްވާފަ އެވެ.

މާޅޮހުގެ ހައިޑްރޮޕޯނިކްސް ޕްރޮގްރާމް އިފްތިތާހު ކޮށްފި
މާޅޮހުގެ ހައިޑްރޮޕޯނިކްސް ޕްރޮގްރާމް އިފްތިތާހު ކޮށްފި

ހައިޑްރޮޕޯނިކްސް ޕްރޮގްރާމް މިއަދު އިފްތިތާހު ކޮށްފައިވާއިރު މި ނިޒާމް ބޭނުންކޮށްގެން ގަސް އިންދުމުގެ ތަމްރީން ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ޕްރޮގްރާމްގައި ބައިވެރިވި 20 ބައިވެރިންނަށް މިނިސްޓަރު ޒަހާ ވަނީ ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވައިފަ އެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ އެ މިނިސްޓްރީން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. ދަނޑުވެރިންނަށް ލިބެން ޖެހޭ އާމްދަނީ ލިބުމަކީ މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވެސް ޒަހާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތެއް ދަނޑުވެރިކަމުގެ ނަފާ ވީހާ ވެސް ގިނަ ރައްޔިތުންނަށް ހޯދައި ދިނުމަކީ. އަދި އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަކީ. މިގޮތުން އަޅުގަނޑުމެން ކުރާ މި މަސައްކަތަކީ ވަކި ވަކި ރަށްތަކުގައި ތިބޭ މީހުންގެ ފުދުންތެރިކަން އިތުރު ކުރުމާ އެކީގައި ދަނޑުވެރިކަމަކީ ވަކިން ތަރައްގީ ކުރެވޭ ދާއިރާއަކަށް ހެދުމަށް ކުރެވޭ މަސައްކަތެއް." މިނިސްޓަރު ޒަހާ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު މާޅޮހަށް ކުރި މި ދަތުރުގައި ބ. އަތޮޅުގެ އެކި ރިސޯޓުތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ. މިއީ ހައިޑްރޮޕޯނިކްސް އިން ގަސް އިންދާ ގޮތް ބެލުމަށާއި ރައްޔިތުންނަށް ރިސޯޓުތަކުން އޮތް ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކުރި ދަތުރެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ފޯ ސީޒަންސް ރިސޯޓުގެ އެސިސްޓެންޓް ޕާޗޭޒިން މެނޭޖަރު އަބްދުލް ނާސިރު ވިދާޅުވީ އެ ރިސޯޓުން އަބަދު ވެސް ލޯކަލް ވިޔަފާރިތަކަށް އިސްކަން ދޭ ކަމަށެވެ. އަދި މިއަދު ހައިޑްރޮޕޯނިކްސް ބޭނުންކޮށްގެން ގަސް އިންދާ ގޮތްތައް ފެނިވަޑައިގެންފައިވާ ކަމަށާއި އެ ތަކެތި އެ ރިސޯޓުން ގަތުމަށް މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭރުން އެއްޗެހި ގެންނައިރު ނޭނގޭ އެ އުފައްދަނީ ކިހިނެއް ކަމެއް. އެކަމަކު ލޯކަލް އެއްޗެހި އުފައްދާ ގޮތް އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ. މިއަދު ފެނުނު ތަކެތި މިވަނީ ވަރަށް ފުރިހަމައަށް އިންދާފައި. ކޮލިޓީ ރަނގަޅު. އަޅުގަނޑުމުން މި ތަކެތި ޓެސްޓް ކުރުމަށްފަހު ގަތުމަށް މަޝްވަރާ ކުރާނަން." ނާސިރު ބުންޏެވެ.

ހައިޑްރޮޕޯނިކްސް ތަމްރީން ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލެވުނު ކަމަށާއި ކުރިއަށް އޮތްތާނގައި މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. މި ޕްރޮގްރާމްތަކަކީ ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމްތަކެކެވެ.