އިންޑޮނީޝިއާ ކައިރިން ކާގޯ ބޯޓެއް ގެއްލިއްޖެ
އިންޑޮނީޝިއާ ކައިރިން ކާގޯ ބޯޓެއް ގެއްލިއްޖެ

ޖަކާޓާ (އޮގަސްޓް 29) - އިންޑޮނީޝިއާގެ މަލުކޫ އައިލެންޑްސްއާ ދިމާ ބޭރުން ކަނޑުމަތިން ކާގޯ ބޯޓެއް ގެއްލިފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

ދަގަނޑު ހިފައިގެން ދަތުރުކުރި 190 މީޓަރު (620 ފޫޓު) ގެ ދިގު ބޯޓު ހާލުގައި ޖެހުނު އިރު ދަތުރު ކުރީ ހަލްމަހެރާ ރަށުން ސުލަވެސީ އައިލެންޑްސް އަށެވެ. އޭގެ ފަހުން އެ ބޯޓުގެ ރޭޑިއޯ ސިގްނަލް ވަނީ ކެނޑިފަ އެވެ.

ރެސްކިއު ޓީމުގެ އޮފިޝަލުން ބުނެފައި ވަނީ ކާގޯ ބޯޓާ އެންމެ ފަހުން ގުޅުނު ސަރަހައްދަށް ދަތުރު ކުރަން ކުރިން އުނދަގޫވެފައި ވަނީ ކަނޑު އާދަޔާޚިލާފަށް ގަދަވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ފަހުން އެ ސަރަހައްދަށް ދިޔަ އިރު ބޯޓު ނުވަތަ ކްރޫންގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ބުނެފައިވެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ އިންޑޮނީޝިއާގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ސުރަބަޔާ އިން ބޯނިއީ އައިލެންޑުގެ ބަލިކްޕައްޕަން އަށް ދަތުރު ކުރި ބޯޓެއްގައި މިދިޔަ ހުކުރު ދުވަހު އަލިފާން ރޯވެފައި ވަނިކޮށެވެ. އެ ހާދިސާގައި 300 އަށް ވުރެ ގިނަ މީހުން ސަލާމަތް ކުރި ނަމަވެސް ތިން މީހުން ވަނީ މަރުވެފަ އެވެ. ގާތްގަނޑަކަށް 17،000 ރަށް ހިމެނޭ އިންޑޮނީޝިއާގައި އެއް ރަށުން އަނެއް ރަށަށް ދިއުމަށް މައިގަނޑު ގޮތެއއްގައި ބޭނުން ކުރަނީ ކަނޑު ބޯޓު ފަހަރެވެ. ނަމަވެސް ބޯޓުތަކުގެ ސަލާމަތީ ކަންކަން ދަށްވުމުން ވަރަށް ގިނަ ފަހަރު އެކްސިޑެންޓްތައް ހިނގަ އެވެ.

މީހުން އަރުވާ ބަރާކޮށްފައިވާ ފެރީއެއް ޖަވާގެ އުތުރުން ގަދަ ކަނޑުގައި ދަތުރު ކުރަނިކޮށް ފެތި މިދިޔަ ޖޫން މަހު ވަނީ 21 މީހުން މަރުވެފަ އެވެ. ސުމަތުރާގެ ކޯރަކަށް ފެރީއެއް ބަންޑުން ޖަހާލުމުން މިދިޔަ އަހަރު ވަނީ 160 މީހުން މަރުވެފަ އެވެ.