28 އޯގަސްޓް 2019 - 16:06

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް، ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމްގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
ގަވަރުނަރަކަށް އަލީ ހާޝިމްގެ ނަން ފޮނުއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު އިސްތިއުފާ ދެއްވުމުންނެވެ. ކިޔަމުންދިޔަ ފާޑުކިޔުންތަކާއި ތުހުމަތުތަކާ ގުޅިގެން ނަސީރު އެމްއެމްއޭ އިން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.
އަލީ ހާޝިމް މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2008-2010 އާ ހަމައަށެވެ.
އަލީ ހާޝިމް ވަނީ އައްޑޫ އިންޓަނޭޝަނަލް ކުންފުނީގެ ޗެއާމަންކަން ވެސް ކުރިން ކުރައްވައިފަ އެވެ. މިހާރު އޭނާ ހުންނެވީ ޕްރެޒިޑެންޝަލް އެކްޝަން ކޮމެޓީގެ ޗެއާމަނަކަށެވެ.