28 އޯގަސްޓް 2019 - 16:19

ސިފައިންގެ ވެރިންގެ ބޮޑު ކޮންފަރެންސެއްގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގެންފި އެވެ.

އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނިގޮތުގައި މިދިޔަ ހޯމަ ދުވަހު ތައިލެންޑުގައި ފެށި "އިންޑޯ ޕެސިފިކް ޗީފްސް އޮފް ޑިފެންސް (ޗޮޑް) ކޮންފަރެންސް" ގައި 33 ގައުމެއްގެ ޗީފް އޮފް ޑިފެންސް މަގާމު ފުރުއްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
ކޮންފަރެންސްގެ ތެރެއިން ޝަމާލް ވަނީ މިިދިޔަ ހޯމަ ދުވަހު އޮސްޓްރޭލިއާގެ ޗީފް އޮފް ޑިފެންސް ފޯސް، ޖެނެރަލް އެންގަސް ކޭމްޕްބެލްއާ ބައްދަލުކުރައްވައިފަ އެވެ. ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ތައިލެންޑުގެ ދަތުރަށްފަހު "ދަ ކޮލޮމްބޯ ޑިފެންސް ސެމިނާ" ގައި ބައިވެރިވެވަޑައިގަތުމަށް އޭނާ މިއަދު ލަންކާއަށް ވަޑައިގަންނަވާނެ އެވެ. އަންނަ ހުކުރު ދުވަހާ ހަމައަށް ސެމިނާ އޮންނާނެ އެވެ.
ތައިލެންޑާއި ލަންކާގެ ދަތުރަށްފަހު ޝަމާލް ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯނިހިރު ދުވަހެވެ.