28 އޯގަސްޓް 2019 - 20:44

އިންޑިއާގެ ކަލްކަތާގެ ރޭލު ސްޓޭޝަނެއްގައި މާ ރީތިކޮށް ލަވައެއް ކިޔައިގެން އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ރާނޫ މޮންޑާލް އަށް ބޮލީވުޑްގެ އެކްޓަރު ސަލްމާން ހާން ގެއެއް ގަނެދީފި އެވެ.
އަބަދުވެސް މީސްމީހުންނަށް އެކި ކަންކަމުގައި އެހީވާ އެކްޓަރު ރާނޫ އަށް މުމްބާއީން ގަނެދިނީ 55 ލައްކަ ރުޕީސްގެ ގެއެކެވެ. އަދި އެއާ އެކު ސަލްމާން މިހާރު ކުޅެމުން އަންނަ ފިލްމު "ދަބަންގް 3" އަށް ލަވައެއް ރިކޯޑް ކުރުމުގެ ފުރުސަތު ވެސް ރާނޫ އަށް ދީފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.
ކަލްކަތާގެ ރޭލު ސްޓޭޝަނެއްގައި ލަތާ މަންގޭޝްކަރުގެ ހިތްގައިމު ލަވައެއް ކަމަށްވާ "އެކް ޕިޔާރު ކަ ނަގްމާ ހޭ" ކިޔަނިކޮށް މީހަކު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކުރުމުން އޭނާގެ އަޑުގެ ރީތިކަން އެތައް ބަޔަކަށް ފާހަގަކުރެވިގެން ރާނޫ ވަނީ އިންޓަނެޓްގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތަރިއަކަށް ވެފަ އެވެ.
މިއާ އެކު އޭނާ ލަވައެއް ރިކޯޑް ކުރަން ފުރަތަމަ ފުރުސަތު ދިނީ މިއުޒިކް ޑައިރެކްޓަރު/އެކްޓަރު/ޕްރޮޑިއުސަރު ހިމޭޝް ރޭޝަމިޔާ އެވެ. އަންނަ މަހު ރިލީޒްކުރާ އޭނާގެ ފިލްމު "ހެޕީ ހާޑީ އެންޑް ހީރު" ގެ ޑުއެޓް ލަވައެއް، ރާނޫ ވަނީ ހިމޭޝްއާ އެކު ރިކޯޑްކޮށްފަ އެވެ.
ރާނޫ، 60، އަކީ ފިރިމަރުވެފައިވާ ދެ ކުދިން ތިބި މައެކެވެ. އެކަމަކު ދަރިން ވަނީ މީގެ އަހަރުތަކެއް ކުރިން އޭނާ ދޫކޮށްލައިފަ އެވެ. އޭގެ ފަހުން ރާނޫ ބަނޑުފުރާމުއްތި ކުރަމުން ދިޔައީ ރޭލު ސްޓޭޝަނުގައި މީހުން ދިއްކޮށްލާ އެހީންނެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި މަންމަގެ ލަވަކިޔުމުގެ ހުނަރާ އެކު ލިބުނު މަޝްހޫރުކަމާއި އޮހެމުން އަންނަ ފުރުސަތުތަކާ އެކު ދަރިން މިހާރު ވަނީ ރާނޫ ކައިރި އަށް ގޮސްފަ އެވެ.