ބޯޓަކުން 450،000ރ. ވަގަށް ނެގި މައްސަލައެއް ބަލަނީ
ބޯޓަކުން 450،000ރ. ވަގަށް ނެގި މައްސަލައެއް ބަލަނީ

މާލެއިން ފުރައިގެން ފ. ބިލެތްދު އަށް ދިޔަ ބޯޓަކުން 450،000ރ. ވަގަށް ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކަބަޑެއްގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިގެން އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.

"އެންދެރި" ނަމަކަށް ކިޔާ ބޯޓުގެ ކައްޕި ޔޫނުސް މުހައްމަދު ބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެ ބޯޓު މާލެއިން ފުރީ މުދާ ހިފައިގެން ކަމަށެވެ. ނަމަވެސް ފަސިންޖަރުންގެ ގޮތުގައި މަދު ބަޔަކު އެ ވަގުތު ތިއްބެވެ. އެ ދޯނި އެންމެ ފުރަތަމަ ޖެއްސީ ފީއައްޔަށެވެ. ބިލެތްދު އަށް ދިޔައީ އެ ރަށުގައި ކުޑަ ވަގުތުކޮޅަކު މަޑުކުރުމަށްފަހުގަ އެވެ.

އޭނާ ބުނީ ކަބަޑުގައި ފައިސާ ނެތްކަން އެނގުނީ އިއްޔެ ހެނދުނު ރަށަށް ފައިބައި ގެއަށް ދާން އުޅެނިކޮށް ކަމަށެވެ.

"ރުފިޔާ ހިފައިގެން ގެއަށް ދާންވެގެން ކަބަޑު މި ބަލައިލީ. ބަލައިލިއިރު ނެތް އެއަކު،" ޔޫނުސް ބުންޏެވެ.

އެ ފައިސާތައް ބަހައްޓާފައި ހުރީ 50،000ރ. ގެ ބޮނޑިބޮނޑިއަށެވެ.

ހުންގާނު ކައިރީގައި ހުރި ކަބަޑުގައި ފައިސާ ބެހެއްޓީ، މާލެއިން ފުރުމުގެ ކުރިންނެވެ. އެ ފައިސާތައް ކަބަޑަށް ލި މަންޒަރު، އެ ދޯނިން ދަތުރުކުރި މީހަކު ބަލަންހުރި ކަމަށާއި އެ މީހާ އެތަނުން ދިޔައީ ކަބަޑު ތަޅުލައި ތަޅުދަނޑި ވެސް މޭޒުމަތީގައި ބޭއްވި ފަހުން ކަމަށް ޔޫނުސް ބުންޏެވެ.

"ދޯނީގެ ވެރިޔާ އައިސް ބުނީ ފައިސާ ގުނާލާށޭ، ބުނީމަ އަހަރެން މި ބުނީ މުހައްމަދު ބުނީމަ ނުޖޭހޭނެއޭ ގުނާކަށް. އެކަމަކު އޭނަ ބުނީ ތީގައި އިންނާނެއޭ 50،000ރ. ގެ ނުވަ ބޮނޑި، އެވަރަށް އެބައިންތޯ. ބުނީމަ އަހަރެން އެ ގުނައި، ކަބަޑަށް ލާފައި ތަޅުލާފައި ކަބަޑުމަތީގައި ތަޅުދަނޑި ބޭއްވިއިރު އެ މީހާ ހުރި ހުޅަނގު ފަރާތު ދޮރުމަތީގައި ބަލަހައްޓައިގެން،" ޔޫނުސް ބުންޏެވެ.

އޭނާ ބުނީ ހުންގާނުން ދުރަށް ގޮސްފައި ހުންނާނީ ގާތްގަނޑަކަށް ދެ ގަޑިއިރާއި 30 މިނެޓަށް ކަމަށެވެ. އެއީ ފީއައްޔަށް މަޑުކޮށް އެ ރަށަށް ފޭބި 30 ވަރަކަށް މިނެޓާއި އެއަށްފަހު ނިދާލި ދެ ގަޑިއިރެވެ.

"ފީއައްޔަށް ފޭބި ވަގުތާއި އަހަރެންނަށް ނިދިފައި އޮތް ވަގުތު އެކަމެއް މި ހިނގީ. ތަޅުދަނޑިން ހުޅުވައިގެން އެ ވައްކަން ކޮށްފައި މި ވަނީ،" އޭނާ ބުންޏެވެ.