28 އޯގަސްޓް 2019 - 15:12

ށ. މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމްގެ އިތުބާރު ނެތް ކަމަށް އެ ރަށު ކައުންސިލުން މިދިޔަ ބުދަ ދުވަހު ނިންމައިފި އެވެ.
އެ ރަށު ކައުންސިލް މެމްބަރު މުހައްމަދު އިބްރާހިމް ވަހީދު "މިހާރު" އަށް ވިދާޅުވީ، އާދަމް ދިޔައީ އޭނާގެ ޒިންމާތަކަށް އިހުމާލުވެ ވަޑައިގަންނަވަމުން ކަމަށެވެ. އޭގެ ތެރޭގައި ކައުންސިލްގެ ބައްދަލުވުންތައް ގަވާއިދުން ކުރިއަށް ނުގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކައުންސިލުން ހިންގާ ތަފާތު ހަރަކާތްތައް އާދަންގެ އެއްބާރުލުން ނުލިބޭ ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.
އެ ރަށު ކައުންސިލްގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގީ އެ ކައުންސިލްގެ 33 ވަނަ އާންމު ޖަލްސާގަ އެވެ. އަދި މި ނިންމުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މިދިޔަ ބުރާސްފަތި ދުވަހު އެންގި ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.
"އެލްޖީއޭ އިން މާދަމާ ޖަވާބެއް ލިބޭނެ ކަމަށް މި އުންމީދު ކުރަނީ،" އިބްރާހިމް ވިދާޅުވި އެވެ.
އެލްޖީއޭގެ ގަވާއިދު އޮންނަ ގޮތުން، ކައުންސިލް މެމްބަރެއްގެ އިތުބާރު ނެތް ކަމަށް ވޯޓު ލެވޭނީ އެ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، ހުކުމެއް ކޮށްފައިވާ ނަމަ އެވެ. އާދަމް ސަލީމް މަސްތުވާތަކެތި ބޭނުން ކުރި ކަމަށް މިދިޔަ އަހަރު ސާބިތުވެފައިވާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި އޭނާ މިހާރު އަންނަނީ، އޭނާއަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް، ފަރުވާ ހޯދަމުން ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.
މިދިޔަ ދައުރު ނޫން ކުރީ ދައުރުގައި ވެސް އާދަމް ސަލީމް ވަނީ އެ ރަށު ކައުންސިލްގެ ރައީސް ކަމުގެ މަގާމު އަދާކުރައްވައިފަ އެވެ. ޕީޕީއެމަށް ސޮއިކުރައްވައިގެން ހުންނެވި އާދަމް މިދިޔަ މަޖިލިސް އިންތިހާބާ ދިމާކޮށް އެމްޑީޕީއަށް ސޮއި ކުރެއްވި އެވެ. އާދަމް އެމްޑީޕީ އަށް ބަދަލުވެ ވަޑައިގަތުމުގެ ކުރިން، އެ ރަށު ހުރިހާ ކައުންސިލަރުންނަކީ ޕީޕީއެމަށް ސޮއިކުރެއްވި ބޭފުޅުންނެވެ.