އަރުހަމްގެ މަރުގެ މައްސަލާގައި ސިއްރު ހެކިންގެ މައުލޫމާތު ދައުލަތަށް އޮޅިގެން ހާމަކުރެވިއްޖެ
އަރުހަމްގެ މަރުގެ މައްސަލާގައި ސިއްރު ހެކިންގެ މައުލޫމާތު ދައުލަތަށް އޮޅިގެން ހާމަކުރެވިއްޖެ

ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކް ތެރޭގައި މަރާލި ހއ. ހޯރަފުށީ ނޫރީގޭ އަހުމަދު އަރުހަމްގެ މަރުގެ މައްސަލާގައި ދަށު ކޯޓުގައި ހެކިބަސް ދިން ސިއްރު ހެކިވެރިންގެ މައުލޫމާތުތައް ދައުލަތަށް އޮޅިގެން ހާމަކުރެވިފައިވާ ކަން ހައި ކޯޓުގައި މިއަދު އެނގިއްޖެ އެވެ.

ޖޫން، 2012 ގައި ލޮރެންޒޯ ޕާކް ތެރޭގައި ގްރޫޕަކުން ތޫނު އެއްޗަކުން ހަމަލާދީ އަރުހަމް މަރާލި މައްސަލާގައި ދައުލަތުން ހަތަރު މީހަކަށް ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. އެއީ ލ. މާވަށު އެވާބްލޫގޭ މުހައްމަދު ވިސާމާއި އެރަށު އަސަރީގޭ މަންސޫރު ޔޫސުފްގެ އިތުރުން ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާނާއި މއ. ސީނަރީވިއު އާތިފް ރަޝީދުގެ މައްޗަށެވެ. އޭގެ ތެރެއިން ވިސާމްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މަރަން ކްރިމިނަލް ކޯޓުން ހުކުމް ކުރިޔަސް ދެން ތިބި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.

ކުށް ސާބިތުނުވި ތިން މީހުންގެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ފަނޑިޔާރުން އެ މައްސަލަ ދިރާސާ ކުރެއްވިއިރު، ސިއްރު ބައެއް ހެކިވެރިންގެ މައުލޫމާތު ދައުލަތަށް ހާމަކުރެވިފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ދަށު ކޯޓުގައި ޚުލާސާ ބަޔާން ހުށަހެޅިއިރު ވެސް ބައެއް ސިއްރު ހެކިވެރިންގެ މައުލޫމާތު ދައުލަތަށް ހާމަކުރެވިފައިވާ ކަން ލިޔުންތަކުން ފާހަގަކުރެވޭ ކަމަށް ވެސް ބެންޗުން ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ސިއްރު ހެކިވެރިންގެ މައުލޫމާތު ހާމަވުމުގެ ޒިންމާ ކޯޓުން ނުނަގާނެ ކަމަށެވެ. އަދި ޝަރީއަތުގައި ދެ ފަރާތުން ވެސް ވާހަކަ ދެއްކުމުގައި ސިއްރު ހެކިވެރިންގެ މައުލޫމާތު ހާމަވިޔަ ނުދިނުމަށް ފަނޑިޔާރުން އެންގެވި އެވެ.

އެހެންވެ، ދައުލަތުން އިސްތިއުނާފީ ނުކުތާތައް ހުށަހެޅިއިރު ސިއްރު އެއްވެސް ހެކިވެރިއެއްގެ ނަމެއް ހާމައެއް ނުކުރެ އެވެ.

ދައުލަތުން ބުނީ ދަށު ކޯޓުން އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުށަހެޅި ހެކިތަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ. އަދި ހަތަރު މީހުންނާ ދެކޮޅަށް އެއް ހެކިތަކެއް ހުށަހަޅާފައި ވަނިކޮށް ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅިއިރު، ވިސާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އަރުހަމް މަރާލުމުގައި އެ ހަތަރު މީހުން ވެސް ބައިވެރިވިކަން ހެކިންގެ ބަހުން އެނގެން އެބައޮތް ކަމަށާއި އެކަމަކު ދަށު ކޯޓުން އެކަމަށް ރިއާޔަތް ނުކުރާ ކަމަށް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން އެ މައްސަލާގައި ވީޑިއޯ އެނަލިސިސް ހެދި ފުލުސް މީހާ ރާއްޖެއިން ބޭރުގައި ހުރުމުން އޭނާގެ ހެކިބަސް ނުނަގަން ދަށު ކޯޓުން ނިންމީ ވީޑިއޯ މެދުވެރިކޮށް އޭނާގެ ހެކިބަސް ނަގައިދޭން ދައުލަތުން އެދިފައި ވަނިކޮށް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި މީހަކު މެރުމަށް ގިނަ ބައެއްގެ މެދުގައި ރާވައިގެން ހިންގާ ކުށްތަކުގައި އެކަމުގައި އެކި މިންވަރަށް ބައިވެރިވިޔަސް، އެ އެންމެން ވެސް ކުށްވެރިވާނެ ކަމަށް އިސްލާމީ ޝަރީއަތުގެ އިލްމުވެރިން ވިދާޅުވެފައިވެ އެވެ. އަދި އެ ހާދިސާ ހިނގިއިރު އަމަލުކުރި ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން ވެސް ކުށް ކުރުމުގައި ނުވަތަ ކުށް ކުރުމަށް ފަހު ފިލުމުގައި ފަސޭހަކޮށްދިން ނުވަތަ އެހީތެރިވެދިން މީހުންނަކީ ކުށް ކުރުމުގައި ބައިވެރިވި ބައެއް ކަމަށް ބެލެވޭނެ ކަމަށް ބުނެފައިވާކަން ވެސް ދައުލަތުން ފާހަގަކުރި އެވެ.

އެކަންކަން ފާހަގަކޮށް، ދައުލަތުން އެދުނީ އެ ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް އަދި އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ މީހުންގެ މައްޗަށް އަދަބު ކަނޑައަޅައި ދިނުމަށެވެ.

ސުފްޔާނާއި މަންސޫރުގެ އިތުރުން އާތިފްގެ ވަކީލް އަލީ ޝާހު އެދިވަޑައިގަތީ ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތެއް ދެއްވުމަށެވެ. އެ މައްސަލާގެ ލިޔުންތައް އޭނާއާ ލިބުނީ އިއްޔެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުމެއްގައި ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމަށް ފަހު އެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝުއައިބު އެވެ.

ސުފްޔާނާއި މަންސޫރުގެ އިތުރުން އާތިފްގެ މައްޗަށް ދައުލަތުން އިސްތިއުނާފް ކުރިއިރު، އެ މައްސަލާގައި ވިސާމް މެރުމަށް ކުރި ހުކުމް އޭނާގެ ފަރާތުން ވެސް އޮތީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.