ލަންކާ މުބާރާތަށް ކްލަބް ވެމްކޯ އިން ވަރުގަދަ ޓީމެއް
ލަންކާ މުބާރާތަށް ކްލަބް ވެމްކޯ އިން ވަރުގަދަ ޓީމެއް

އަންނަ ހަފްތާގައި ސްރީ ލަންކާގައި ބާއްވާ އިންވިޓޭޝަނަލް ވޮލީބޯޅަ އަންހެން އަދި ފިރިހެން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ކްލަބް ވެމްކޯ ޓީމުން ޒުވާން ގައުމީ ޓީމާއި ސީނިއާ އަންހެން ޓީމުގެ ކުޅުންތެރިން ހިމެނޭ ގޮތަށް ވަރުގަދަ ސްކޮޑެއް އެކުލަވާލައިފި އެވެ.

އަންނަ މަހު 2-6 އަށް ކުރިއަށްދާ މި މުބާރާތުގެ އަންހެން ބައިގައި ރާއްޖޭގެ ވެމްކޯގެ އިތުރުން ވާދަކުރަނީ ލަންކާގެ އާމީ، ލަންކާ އެއާފޯސް، ލަންކާ ނޭވީ، ނެޝަނަލް ޔޫތު ސާވިސް ކައުންސިލް އަދި އެމްއޭއެސް ކެސުއަލިން އެވެ.

ކްލަބް ވެމްކޯ ޓީމުގައި ހިމެނެނީ ރާއްޖޭގެ 23 އަހަރުން ދަށުގެ އަންހެން ޓީމުގެ ބައެއް ކުޅުންތެރިންގެ އިތުރުން ސީނިއާ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކްލަބް ވެމްކޯ ޓީމަށް ކުޅޭ ކުޅުންތެރިންނެވެ. ޓީމުގެ ހެޑް ކޯޗަކީ ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗު އަހުމަދު އަދީލް (ބޭބެ) އެވެ.

ބޭބެ "މިހާރަ"ށް ބުނީ ލަންކާ މުބާރާތަށް ތައްޔާރުވުމަށް ފަރިތަކުރުމުގެ ކަންތައްތައް މިހާރު ކުރިއަށްދާ ކަމަށާއި ޒުވާން ކުޅުންތެރިންނާއި ސިނިއާ ކުޅުންތެރިންނާ އެކުވެ ވެމްކޯގައި އޮތީ މި މުބާރާތުގައި ކުޅެވޭވަރުގެ ވަރުގަދަ ޓީމެއް ކަމަށެވެ.

"ފަސް މެޗު އެބަލިބޭ ފައިނަލް ނުލައި ވެސް. ލަންކާގެ ވަރުގަދަ ޓީމުތަކެއް މި އޮތީ. އެއާފޯސް އާއި ނޭވީ ކަހަލަ ޓީމުތައް. ހަގީގަތުގައި މިއީ މި ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު މެޗުތަކެއް. ވަރަށް މުހިއްމު ކަމެއް މި ފަދަ މުބާރާތްތަކުގައި ބައިވެރިވުމަކީ،" ބޭބެ ބުންޏެވެ.

ވެމްކޯ ޓީމުގައި ވަނީ އިންޑިއާގެ ދެ ކުޅުންތެރިން ކަމަށްވާ ނިރްމަލާ އާއި ސަރޯޖް ކުމާރީ ހިމަނައިފަ އެވެ. ބޭބެ ބުނީ މި ދެ ކުޅުންތެރިންނަށް އަދި ޓީމުގެ ޕްރެކްޓިހުގައި ބައިވެރިނުވެވެނީ ވަރަށް ފަހު އިންޑިއާގެ ޓީމާ އެކު މުބާރާތެއް ކުޅެފައި އައުމުން ކަމަށާއި އެ ކުޅުންތެރިން ޓީމާ ވަރަށް އަވަހަށް ގުޅޭނެ ކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ ވެމްކޯ ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ރާއްޖޭގެ އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާގެ މަގާމު މީގެ ކުރިން ހޯދި ގައުމީ ޓީމުގެ ސެޓަރު ޖޫޒާން ޒަރީރުގެ އިތުރުން ގައުމީ ޓީމުގެ ކުޅުންތެރިޔާ އައިމިނަތު އަރީޝާ އާއި އައިމިނަތު ރިޔާޝާ އަދި މަރިޔަމް އަޒުމާ އެވެ. އަދި މިދިޔަ އަހަރުގެ އެންމެ އުއްމީދީ އަންހެން ވޮލީ ކުޅުންތެރިޔާގެ މަގާމު ހޯދި އަމިނަތު ޝަހާ ޝާމިންގެ އިތުރުން ޒުވާން އެހެން ދެ ކުޅުންތެރިން ކަމަށްވާ ހަމްނާ ހުސެއިން އަލީ ދީދީ އަދި ޝަމްހާ ރިޔާޒް ހިމެނެ އެެވެ.

މި ފަހަރުގެ ވޮލީ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދީ ވެމްކޯ އިންނެވެ.

ލަންކާގެ މުބާރާތުގައި ރާއްޖޭން ވާދަކުރާ ފިރިހެން ޓީމަކީ ގުޑީސް އެވެ. އަޝްރަފް އަލީ (އަޝްރާ) ކޯޗުކަމުގައި ކުޅޭ ގުޑީސް ޓީމު ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ޓީމުން ވެސް މި މުބާރާތަށް ނުކުންނާނީ ވަރުގަދަ ސްކޮޑަކާ އެކު ކަމަށް މައުލޫމާތު ދެ އެވެ. ވެމްކޯ އާއި ގުޑީސް މި މުބާރާތުގައި ކުޅެނީ އެ ދެ ކްލަބުން އަމިއްލަ އަށް ހޯދި ފުރުސަތެއްގަ އެވެ. މީގެ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އެހީތެރިކަން ފޯރުކޮށްދެނީ މެމްބަރު ކްލަބަކަށް އޮންނަ އުސޫލެއްގެ ތެރެއިން ވެދެވޭ އެހީތެރިކަމެއް ކަމަށް ވީއޭއެމުން މައުލޫމާތުދެ އެވެ.