19 ސެޕްޓެމްބަރ 2016 - 09:13

މެންޗެސްޓާ (ސެޕްޓެމްބަރު 19) - މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިންނަށް ދިމާވެފައިވާ މައްސަލައަކީ، 20 ފަހަރު އިނގިރޭސި ލީގު ކާމިޔާބުކޮށްފައިވާ ޓީމަކަށް ކުޅޭތީ ކުރިމަތިވާ ޕްރެޝަރާ ކުރިމަތިލާން ނޭގުން ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުވި ނަމަވެސް ޔުނައިޓެޑް ވަނީ ފަހު ދެ މެޗުން އަދި ޔުރޮޕާ ލީގުގެ މެޗުން ބަލިވެފަ އެވެ. އެގޮތުން ރޭ ބަލިވީ ވެޓްފޯޑް އަތުން 3-1 އިންނެވެ.
"އަހަންނަށް ހީވަނީ، ވަކިވަކި ބައެއް ކުޅުންތެރިންނަށް ޕްރެޝަރާއި ޒިންމާ މާ ބޮޑަށް އިހުސާސްކުރެވެނީ ހެން. އަހަރެމެން އެބަޖެހޭ ކުރިއެރުން ހޯދަން. އެކަމާ ޝައްކެއް ނެތް. ވަކިވަކި ކުޅުންތެރިން ވެސް އަދި ޓީމެއްގެ ގޮތުގައި ވެސް ރަނގަޅުކުރަން ޖެހޭ. އެކަން ކުރުމަކީ އަހަރެންގެ ވަޒީފާ،" މޮރީނިއޯ ބުންޏެވެ.
މިއީ 2002 ވަނަ އަހަރު ޕޯޓޯ އަށް ކޯޗުކޮށްދިން ފަހުން، މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމެއް އެއް ސީޒަނުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
"އަހަރެމެން ސީޒަން ފެށީ ވަރަށް ރަނގަޅަށް. ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށް ޖެހިޖެހިގެން ތިން މޮޅު ހޯދިން. މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗަކު ހޯދި އެންމެ ރަނގަޅު އެއް ފެށުން އެއީ. އެކަމަކު އަހަރެން އޭރު ވެސް ހިޔެއް ނުކުރަން މި ޓީމު ފުރިހަމަވެފައިވާ ކަމަކަށް،" މޮރީނިއޯ ބުންޏެވެ. "މަސައްކަތް އެބަހުރި."
ކުރިން ޗެލްސީ އާއި ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން މޮރީނިއޯ ބުނީ ރެފްރީންގެ ބައެއް ނިންމުންތަކުގެ ސަބަބުން ޔުނައިޓެޑަށް ގެއްލުންވާ ކަމަށާއި ހާއްސަކޮށް އިއްޔެގެ މެޗުގައި ރެފްރީ ތަފާތުކުރި ކަމަށެވެ.