އާ ފިލްމު އަންނަ މަހު އިއުލާންކުރާނަން: ފަރާ ޚާން
އާ ފިލްމު އަންނަ މަހު އިއުލާންކުރާނަން: ފަރާ ޚާން

ފަރާ ޚާން ޑައިރެކްޓްކުރަން ތައްޔާރުވަމުން އަންނަ އާ ފިލްމު އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް އިއުލާންކުރާނެ ކަމަށް އޭނާ ބުނެފި އެވެ.

ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު ކުންފުންޏަށް ހަތަރު ފިލްމެއް ހަދައިދޭން ފަރާ އެއްބަސްވެ، އެކަން އިއުލާނުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް އޭނާ ޑައިރެކްޓްކުރާ ފަސް ވަނަ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަނަށް ހިއްސާއެއް ނުކުރެ އެވެ.

އެކަމަކު މީޑިއާތަކުން ބުނާގޮތުގައި އެ ފިލްމަކީ ކުރީގެ ކާމިޔާބު ފިލްމު "ސައްތޭ ޕޭ ސައްތާ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. އަދި މީގެ ކާސްޓާ ބެހޭ ގޮތުން ވެސް މީޑިއާތަކުން އަންނަނީ އެކި ވާހަކަތައް ފަތުރަމުންނެވެ.

މުމްބާއީގައި އަންގާރަ ދުވަހު ފެށި 4 ވަނަ ބިގް ސިނެ އެކްސްޕޯގައި ނޫސްވެރިން ފިލްމާ ބެހޭ ގޮތުން ސުވާލުކުރުކުން ފަރާ ވަނީ "ސައްތޭ ޕޭ ސައްތާ" ގެ ރިމެކެއް ހަދާކަން ނުވަތަ ނޫންކަން ވެސް ކަށަވަރުކޮށް ދޭން އިންކާރުކޮށްފަ އެވެ.

އެ އިވެންޓްގެ ހަވާސާގައި ބޮލީވުޑް ހަންގާމާ އަށް "އޯމް ޝާންތީ އޯމް" އާއި "ހެޕީ ނިއު އިޔާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ބުނީ އަންނަ މަހުގެ ތެރޭގައި ފިލްމު ރަސްމީކޮށް އިއުލާންކުރާނެ ކަމަށެވެ.

"ތައްޔާރީތަކުގެ ތެރޭގައި އަހަރެން މި އުޅެނީ. އެގޮތުން ފިލްމުގެ ނަމާއި ކާސްޓުންނާއި އެ ނޫން ވެސް ވަރަށް ގިނަ މައުލޫމާތުތައް އަންނަ މަހު ހިއްސާކުރާނަން. މަޑުކޮށްލައިގެން މި ހުންނަނީ ރޯހިތު މި ވަގުތު ރިއަލިޓީ ޝޯ ހަތުރޯން ކޭ ކިލާޅީގެ ޝޫޓިންގައި ބަލްގޭރިއާގައި އުޅޭތީ،" ފަރާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އާ ފިލްމު އަންނަ އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.

"އަހަރެންގެ އާ ފިލްމަކީ ކޮބައިކަން އެނގެން ގިނަ ބަޔަކު ބޭނުންވާކަން އެނގުމަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ކޮމްޕްލިމަންޓެއް،" ފިލްމު "މޭ ހޫ ނާ" އިން 2004 ގައި ޑައިރެކްޝަނަށް ނުކުތް، ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ކޮރިއޮގްރާފަރު ބުންޏެވެ.