29 އޯގަސްޓް 2019 - 08:10

ޑައިރެކްޓަރު އަލީ އައްބާސް ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު "ޚާޕީ ޕީލީ" ގެ ކާސްޓުންނަކީ އިޝާން ޚައްތަރާއި އަނަންޔާ ޕާންޑޭކަން ކަށަވަރުކޮށް ދިނުމަށް ފަހު، ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.
"ބާރަތު" އާއި "ޓައިގާ ޒިންދާ ދޭ" ފަދަ ފިލްމުތައް އުފެއްދި އަލީގެ އަލަތު ޕްރޮޑަކްޝަން ގެނެސްދެނީ ޒީ ސްޓޫޑިއޯސްއާ ގުޅިގެންނެވެ. ރޮމޭންޓިކް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ޚާލީ ޕީލީ" ގެ ޑައިރެކްޓަރަކީ މަގްބޫލް ހާނެވެ.
މި ފިލްމުގެ ޝޫޓިން އަންނަ މަހުގެ 11 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ އިރު، ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ޖޫން މަހުގެ 12 ގަ އެވެ.
"ޚާލީ ޕީލީ" ޒުވާން ދެ ތަރިން ކަމަށްވާ އިޝާނާއި އަނަންޔާގެ ޖޯޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަށެވެ.
ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންޔާއަކީ މިދިޔަ މެއި މަހު ރިލިޒްކުރި "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ. އޭނާގެ ދެވަނަ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" އަންނަ ޑިސެމްބަރު މަހުގެ 6 ގައި ސިނަމާތަކަށް އަންނާނެ އެވެ.
ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާނަކީ މިދިޔަ އަހަރު ފިލްމު ކުޅެން ފެށި އެކްޓަރެކެވެ. އިރާންގެ ޑައިރެކްޓަރު މާޖިދު މާޖިދީގެ "ބިޔޯންޑް ދަ ކްލައުޑްސް" އިން އެކްޓިން އަށް ނުކުތް އިޝާންގެ ދެވަނަ ފިލްމަކީ ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރް ބޮލީވުޑަށް ތައާރަފުވި ފިލްމު "ދަޅަކް" އެވެ.
"ޚާލީ ޕީލީ" ގެ ޝޫޓިން އަންނަ މަހު ފަށާ އިރު، އިޝާން ދާދި ފަހުން ވަނީ ލިޔުންތެރިޔާ ވިކްރަމް ސޭތުގެ ވާހަކަ "އަ ސޫޓެބަލް ބޯއި" އަށް ބިނާކޮށް މީރާ ނައިރް ޑައިރެކްޓްކުރާ ފިލްމަށް ވެސް ސޮއިކޮށްފަ އެވެ.