19 ސެޕްޓެމްބަރ 2016 - 09:19

އެމެރިކާގެ ފްލޮރިޑާގައި މިހާރު ކުރިއަށްދާ ޒަޕާޓާ ރޭސިންގް އެންޑް ޕޮރޯ ވޯޓަ ކްރޮސް ފްލައިބޯޑް ވޯލްޑް ޗެމްޕިއަންޝިޕްގެ ގަދަ 16 އިން ރާއްޖޭގެ އެއް ވަނަ ފްލައިބޯޑަރު އިބްރާހިމް ހުސެއިން (އިއްބަޑޭ) ޖާގަ ހޯދައިފި އެވެ.
އިއްބަޑޭ ގަދަ 16 އަށް ދަތުރުކުރީ ޕްރޯ ފްލައިބޯޑާސް ރައުންޑުންނެވެ. މިއީ މިދިޔަ އަހަރަށް ބަލާއިރު އިއްބަޑޭ އަށް ލިބުނު ކުރިއެރުމެކެވެ. މިދިޔަ އަހަރު ދުބާއީގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕުން އިއްބަޑޭ އަށް ލިބުނީ ދުނިޔޭގެ 26 ވަނަ އެވެ.
އިއްބަޑޭ ވަނީ މިދިޔަ ޖޫން މަހު ފްރާންސްގައި ކުރިއަށް ދިޔަ ޔޫރަޕިއަން ފްލައިބޯޑް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޯދައިފަ އެވެ. އިއްބަޑޭ އަންނަނީ ފަހަކަށް އައިސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށް ގިނަ ކުރިއެރުންތައް ހޯދަމުންނެވެ.
މި މުބާރާތުގައި ވާދަކުރުމަށް އިއްބަޑޭ އަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިންނެވެ.