19 ސެޕްޓެމްބަރ 2016 - 08:45

ބާސެލޯނާ (ސެޕްޓެމްބަރު 19) - ސްޕެނިޝް ލީގުގައި ރޭ އެސްޕަންޔޯލް 2-0 އިން ބަލިކޮށް ޖެހިޖެހިގެން 16 މެޗުން މޮޅުވެގެން ބާސެލޯނާ ހަދާފައިވާ ރެކޯޑާ ހަމަކޮށް ރެއާލް މެޑްރިޑް ލީގުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.
ސްޕެނިޝް ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް ބާސެލޯނާ އިން ހެދީ 2010-2011 ވަނަ އަހަރުގެ ސީޒަނުގައި ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުންނެވެ. ރޭގެ މޮޅާ އެކު ރެއާލް ވެސް ވަނީ އެ ރެކޯޑާ ހަމަކޮށްފަ އެވެ.
ރޭގެ މެޗަށް ރެއާލް ނުކުތްއިރު ހޮނިހިރު ދުވަހުގެރޭ ލެގަނޭސް އަތުން ހޯދި ބޮޑު މޮޅާ އެކު ބާސެލޯނާ އޮތީ ލީގުގެ އެއް ވަނައިގަ އެވެ. ނަމަވެސް ރޭގެ މެޗުން މޮޅުވެ ރެއާލް ވަނީ އަލުން ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑު ނަގައިފަ އެވެ.
ރެއާލް އެއް ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.
ރެއާލުން ރޭގެ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ގަރެތު ބޭލް އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލަ އެވެ. ރެއާލުގެ ލަނޑުތައް ރޭގެ މެޗުގައި ކާމިޔާބުކުރީ ހަމޭސް ރޮޑްރިގޭޒާއި ކަރިމް ބެންޒެމާ އެވެ.
ރޭގެ މެޗަށް ފަހު ޒިދާން ބުނީ ރެއާލަކީ ވަކިވަކި ކުޅުންތެރިންނަށް ބިނާވެފައި އޮތް ޓީމެއް ނޫންކަން މި މެޗުން އެނގިގެން ގޮސްފި ކަމަށެވެ.
"އަހަރެން އުފާވަނީ ރެކޯޑަކާ ހަމަކުރެވިގެނެއް ނޫން. މި ޓީމަކީ ވަކިވަކި ކުޅުންތެރިންނަށް ބަރޯސާވެފައި އޮތް ޓީމެއް ނޫންކަން މި މެޗުން އެނގިއްޖެ. މުހިއްމު ދެ ކުޅުންތެރިން ނުލައި އުނދަގޫ މެޗަކުން މޮޅު މިވެވުނީ،" ޒިދާން ބުންޏެވެ.