ގާނޫނަށްވުރެ މަތީގައި ޒާކިރު ނައިކަށް ވެސް ނުހުރެވޭނެ: މެލޭޝިޔާ
ގާނޫނަށްވުރެ މަތީގައި ޒާކިރު ނައިކަށް ވެސް ނުހުރެވޭނެ: މެލޭޝިޔާ

ކުއާލަ ލަމްޕޫރު (އޮގަސްޓް 28) - ދީނީ އިލްމުވެރިޔާ ޒާކިރު ނައިކަށް ވެސް މެލޭޝިއާގައި ގާނޫނުތަކަށް ވުރެ މަތީގައި ނުހުރެވޭނެ ކަމަށް އެ ގައުމުގެ ހޯމް މިނިސްޓަރު މުހިޔިއްދީން ޔާސީން ވިދާޅުވެއްޖެ އެވެ.

ގާނޫނަށްވުރެ މަތީގައި ޒާކިރު ނައިކަށް ވެސް ނުހުރެވޭނެ: މެލޭޝިޔާ
ގާނޫނަށްވުރެ މަތީގައި ޒާކިރު ނައިކަށް ވެސް ނުހުރެވޭނެ: މެލޭޝިޔާ

މިނިސްޓަރު ވިދާޅުވީ ޒާކިރު ނައިކްއާ ގުޅޭ ގޮތުން ރިޕޯޓްކޮށްފައިވާ އެތައް ސަތޭކަ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށެވެ.

ވޭތުވެދިޔަ ތިން އަހަރު މެލޭޝިއާގައި ދިރިއުޅުއްވި ޒާކިރު ނައިކް ދާދި ފަހުން ވަނީ އިންޑިއާގެ މައިނޮރިޓީ މުސްލިމުންނަށް ވުރެ މެލޭޝިއާގެ ހިންދޫންނަށް ލިބިފައިވާ ހައްގުތައް 100 ގުނަ އިތުރު ކަމަށް ވިދާޅުވެފަ އެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ޗައިނާ ދަރިކޮޅުގެ މީހުންނަކީ "މެހުމާނުންތަކެއް" ކަމަށާއި އެ މީހުން މެލޭޝިއާ އިން ދާން ޖެހޭ ކަމަށް ވެސް ޒާކިރު ނައިކް ވަނީ ވިދާޅުވެފަ އެވެ.

ޒާކިރު ނައިކުގެ ވާހަކަތަކާ ގުޅިގެން އޭނާ މެލޭޝިއާ އިން ފޮނުވާލުމަށް އެތައް ބަޔަކު ވަނީ ގޮވާލައިފަ އެވެ.

"ޒާކިރް ނައިކް ދެއްކެވި ވާހަކަތައް ތަހުގީގު ކުރާނެ. އެއްވެސް މީހަކަށް ގާނޫނަށް ވުރެ މަތީގައި ނުހުރެވޭނެ. އެއީ ޒާކިރް ނައިކް ކަމަށް ވިޔަސް،" އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ސެމިނާރަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުހިޔިއްދީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޭނާ އިންތިޒާރު ކުރަނީ ޒާކިރް ނައިކުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފުލުހުން ތައްޔާރު ކުރާ ރިޕޯޓަށް ކަމަށެވެ.

ވޭތުވެދިޔަ ދެ ހަފުތާ ތެރޭ މެލޭޝިއާ ފުލުހުން ވަނީ ޒާކިރު ނައިކްއާ ދެ ފަހަރެއްގެ މަތިން ސުވާލުކޮށްފަ އެވެ. ފުލުހުން ބުނީ ޒާކިރް ނައިކްއާ ގުޅޭ ގޮތުން 115 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

މެލޭޝިއާގައި ޒާކިރް ނައިކް ތަގުރީރު ކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ.

އިންޑިއާ އިން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އޭނާ ނިއު ދިއްލީއާ ހަވާލު ކުރުމަށް މެލޭޝިއާގައި އެދިފަ އެވެ.

މުހިޔިއްދީން ވިދާޅުވީ އެ މީހެއްގެ ގައުމުން އެދިއްޖެ ނަމަ އަނބުރާ އެ ގައުމަކަށް ފޮނުވާލުން މެލޭޝިއާގެ ގާނޫނުތައް މަނާ ނުކުރާ ކަމަށެވެ.

އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޒާކިރު ނައިކް އަށް މެލޭޝިއާގެ ކުރީގެ ސަރުކާރުން ވަނީ ޕާމަނަންޓް ރެސިޑެންސީ ދީފަ އެވެ. ޒާކިރު ނައިކް ވަނީ އޭނާ ދެއްކެވި ވާހަކަތައް ބަޔަކު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވައިފަ އެވެ. އަދި މެލޭޝިއާގެ ރައްޔިތުންގެ މެދުގައި ނަސްލީ ބައިބައިވުން އުފެދޭ ފަދަ ވާހަކަތަކެއް ވިދާޅުވެފައިވާ ނަމަ އޭނާ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.

މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޒާކިރް ނައިކް އިންޑިއާ ދޫކުރައްވާ ވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ. ހަރުކަށި ފިކުރަށް ހިތްވަރުދޭ ކަމަށް ބުނެ ޒާކިރު ނައިކުގެ އިސްލާމިކް ރިސާޗް ފައުންޑޭޝަން އިންޑިއާ އިން މަނާކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ.

ނަސްލީ ނުވަތަ ދީނީ ގޮތުން ބުނާ ބަސްތަކަކީ މެލޭޝިއާގައި ވަރަށް ސީރިއަސް މައްސަލަތަކެކެވެ. މެލޭޝިއާގެ 32 މިލިއަން މީހުންގެ އާބާދީގެ 60 ޕަސެންޓަކީ މުސްލިމުންނެވެ. ދެން ހިމެނެނީ ޗައިނާ އާއި އިންޑިއާ ދަރިކޮޅުގެ މީހުންނެވެ. އިންޑިއާ ނަސްލަށް ނިސްބަތްވާ ގިނަ މީހުންނަކީ ހިންދޫންނެވެ.