19 ސެޕްޓެމްބަރ 2016 - 06:44

ނިއު ޔޯކް (ސެޕްޓެމްބަރު 19) - ނިއު ޔޯކުގައި ގޮއްވާލާފައި ވަނީ އެތެރެއަށް ދަގަނޑު ކޮޅުތައް އަޅާފައިވާ ޕްރެޝަރު ކުކަރެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނިއު ޔޯކުގައި ފުރަތަމަ ބޮއްވާލި ކުކަރާ މާ ދުރު ނޫން ހިސާބަކުން ވަނީ ނުގޮވާ އޮތް ކުކަރެއް ފެނިފައި ކަމަށް އޮފިޝަލުންނާ ހަވާލީ ނިއު ޔޯކް ޓައިމްސް އިން ބުނެފައިވެ އެވެ. ގޮއްވާލި ކުކަރުގެ ތެރެއަށް ވަނީ ގޮވާތަކެތި އަޅައިފަ އެވެ. ކުކަރު ގޮއްވާލަން ބޭނުންކޮށްފައި ވަނީ ފްލިޕް ފޯނެކެވެ.
ނިއު ޔޯކުގެ ޗެލްސީ އޭރިއާގެ ޑަސްބިނެއްގެ ތެރޭގައި ގޮއްވާލި ކުކަރުގެ ސަބަބުން 29 މީހުން ވަނީ ޒަޚަމްވެފަ އެވެ. އޮފިޝަލުން ބުނެފައި ވަނީ މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ. ނަމަވެސް މި ހަމަލާ ދިން މީހުންގެ ބޭނުމެއް ނޭނގޭ ކަމަށް ވަނީ ބުނެފަ އެވެ. މި ހަމަލާ ދިން ކަމަށް އެއްވެސް ބަޔަކު އަދި ނުބުނެ އެވެ.
ނިއު ޔޯކުގެ ގަވަރުނަރު އެންޑްރޫ ކޫމަން ވިދާޅުވީ މިއީ ކޮންމެ ބަޔަކު ކުރި ކަމެއް ނަމަވެސް އެ ބަޔަކު ހޯދާ އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.
ނިއު ޖާޒީގައި ވެސް ވަނީ ޕައިޕް ބޮމެއް ގޮއްވާލައިފަ އެވެ. ނިއު ޔޯކުގައި ގޮއްވާލި ކުކަރުގެ ބާރުގަދަވުމުގެ ސަބަބުން ކައިރީގައި ހުރި އިމާރާތްތަކުގެ ބިއްލޫރިތައް ވެސް ވަނީ ތެޅިފަ އެވެ.
ބޮމުގެ ހަމަލާތަކާ ގުޅިގެން ނިއު ޔޯކުގެ ޓްރާންސްޕޯޓް ނިޒާމް ބެލެހެއްޓުމަށް ވަނީ އިތުރު 1،000 ފުލުހުން ނެރެފަ އެވެ. ނިއު ޔޯކުގައި ބޮން ގޮއްވާފައި މި ވަނީ އދ.ގެ އާއްމު މަޖިލީހުގެ ޖަލްސާތައް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ. މި ބައްދަލުވުންތަކުގައި ދުނިޔޭގެ ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.