27 އޯގަސްޓް 2019 - 18:05

ޓެރަރިޒަމާއި ހައްދުފަހަނާޅައިދިއުމާ ދެކޮޅަށް ނެރެން ހަމަޖެހިފައިވާ އެކްޝަން ޕްލޭން އެކުލަވާލުމަށް މަޝްވަރާ ކުރުމުގެ ގޮތުން މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.
މިއީ ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރާއި ޔޫއެންޑީޕީ ގުޅިގެން ޖަޕާނު ސަރުކާރުގެ އެހީގައި ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ އެކްޝަން ޕްލޭނެކެވެ. އިސްލާމީ މަރުކަޒުގައި ދެ ދުވަހަށް ކުރިއަށްގެންދާ ބައްދަލުވުން ޝަރަފްވެރިކޮށް ދެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ނަޝީދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އާއި ސަލާމަތީ ހިދުމްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) މެމްބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ އިސް ބޭފުޅުން ވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ކައުންޓަ ޓެރަރިޒަމް ސެންޓަރުން ބުނި ގޮތުގައި މި އެކްޝަން ޕްލޭންގެ މަސައްކަތް މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ކުރިއަށްދާ ކަމަށެވެ. މި ޕްލޭން އެކުލަވާލަނީ ތިން މަރުހަލާތަކަކަށް ބަހާލައި، ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.
ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ އަމާޒަކީ އަންނަ މަހު އެކްޝަން ޕްލޭން އިފްތިތާހު ކުރުމެވެ.
މި ހަފްލާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް މިފަދަ އެކްޝަން ޕްލޭނެއްގައި މުޖުތަމައުގެ ބައިވެރިވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.
އަދި ކަމާބެހޭ ފަރާތްތަކުން އެއްބާރުލުން ދިނުމުގެ މުހިއްމު ކަމަށާއި ފިކުރީ ހައްދުފަހަނާޅައިދިއުމާއި ޓެރަރިޒަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސަރުކާރާއި މުޖުތަމައު އަދި ވަކިވަކި ފަރުދުން ޝާމިލްކޮށްގެން މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރެއްވި އެވެ.