އެމެޒަން ޖަންގަލީގެ ހިމާޔަތަށް ލިއޮނާޑޯ ޑިކެޕްރިއޯ 5 މިލިއަން ޑޮލަރުގެ އެހީއެއް ދީފި
އެމެޒަން ޖަންގަލީގެ ހިމާޔަތަށް ލިއޮނާޑޯ ޑިކެޕްރިއޯ 5 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި، އެމެޒަންގައި ރޯވެ އަނދަމުން ދާއިރު އެތަން ހިމާޔަތްކުރުމުގެ މަސައްކަތަށް، ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ލިއޮނާޑޯ ޑިކެޕްރިއޯ މާލީ ގޮތުން ބޮޑު އެހީއެއް ދީފި އެވެ.

ތިމާވެއްޓަށް މަސައްކަތްކުރާ ލިއޮނާޑޯގެ ޖަމިއްޔާ އާތު އެލައިންސުން އެމެޒެން ޖަންގަލީގެ ހިމާޔަތަށް ވަނީ ފަސް މިލިއަން ޑޮލަރު ދީފަ އެވެ.

"ޓައިޓޭނިކް" ގެ ތަރިން އިންސްޓްގްރާމްގައި ހިއްސާކުރި ބަޔާނެއްގައި ބުނީ އެމެޒަން ޖަންގަލި ރޯވެ، ކަންބޮޑުވާ މިންވަރަށް ޖައްވަށް ކާބަންޑައޮކްސައިޑް ބޭރުވުމަކީ މޫސުމަށް އަންނަ ބަދަލުތަކަށް ވެސް އޮތް ބޮޑު ބިރެއް ކަމަށެވެ.

"މިކަމުގެ ސަބަބުން އަހަރެމެންގެ އީކޮސިސްޓަމް ބޮޑު ނުރައްލަކަށް ހުށަހެޅިދާނެ،" ބަޔާނުގައި ބުންޏެވެ. "އަހަރެމެން މި ތިބީ މިކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިވާން. އަދި އެމެޒަން އަށް މިހާރު ކުރިމަތިވެފައި އޮތް ހާލަތާ މެދު އާތު އެލައިންސުން ވަރަށް ކަންބޮޑުވޭ."

ބްރެޒިލްގެ ނެޝަނަލް އިންސްޓިއުޓް ފޮ ސްޕޭސް ރިސާޗުން ބުނިގޮތުގައި އެމެޒެން ޖަންގަލީގައީ ރޯވަމުން ދިއުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ދަރަޖައެއްގައި މިހާރު އޮތް ކަމެކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އަލިފާން ރޯވުމުގެ 75،000 ހާދިސާ ރެކޯޑްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 40،000 އިތުރު އަދަދެކެވެ.

ބްރެޒިލުން އަންނަނީ މި ކާރިސާއާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މިއީ ގޮންޖެހުން ބޮޑު އުނދަގޫ މަސައްކަތެކެވެ.

ދުނިޔޭގެ އެންމެ ބޮޑު ރެއިންފޮރެސްޓް އެމެޒަން އަކީ ކާބަން ރައްކާކުރާ މުހިންމު ތަނެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ މޫސުމަށް ބަދަލު އައުން ލަސްކޮށްދެ އެވެ. އަދި އެއީ ތިން މިލިއަން ޖަނަވާރާއި ގަސްގަހާގެހީގެ ވައްތަރުތައް ހިމެނޭ ތަނެކެވެ. އެމެޒަން ރެއިންފޮރެސްޓް ގާތްގަނޑަކަށް 5.5 މިލިއަން އަކަކިލޯމީޓަރު (2،100،000 އަކަމޭލު) ގެ ސަރަހައްދެއް ކަވަރު ކުރެ އެވެ. އެއީ ޔޫރަޕުގެ ދެބައިކުޅަ އެއްބައިވަރުގެ ސަރަހައްދެކެވެ.

ދުނިޔޭގެ އޮކްސިޖަންގެ 20 ޕަސެންޓް އުފެދިގެން އަންނަނީ އެމެޒަން ޖަންގަލީގެ ތެރެއިންނެވެ. އަދި ދުނިޔެ ހޫނުވުމުގެ މައިގަނޑު އެއް ސަބަބު ކަމަށްވާ ކާބަންޑައޮކްސައިޑް ޖައްވަށް ބޭރުވިޔަ ނުދީ ހިފަހައްޓައިދޭ ގުދުރަތީ އެންމެ ބޮޑު ދަލަކީ ވެސް އެ ޖަންގައްޔެވެ.