27 އޯގަސްޓް 2019 - 14:27

ރާއްޖޭގެ ހުނަރުވެރި ހޭންޑް ޑްރަމަރު އަހުމަދު ފައިޒަންއާ އެކު ރާއްޖޭގައި ވީޑިއޯ ލަވަތަކެއް ޝޫޓްކުރަން ރޮމޭނިއާގެ މަޝްހޫރު އަންހެން ބޭންޑް އެމެޑިއުޒް ރާއްޖެ އަތުވެއްޖެ އެވެ.
ހަތަރު މެމްބަރުން ހިމެނޭ ބޭންޑް ރާއްޖެ އައީ އިއްޔެ އެވެ. އެ ބޭންޑް ރާއްޖެ އައުމުން ވެލާނާ އެއާޕޯޓުން ވެސް މަރުހަބާ ކީ ފައިޒަން އެވެ.
ދެހާސް ވަނަ އަހަރު އުފެދުނު ބޭންޑްގައި ހިމެނޭ ހަތަރު މެމްބަރުންނަކީ ވޯކަލިސްޓް/ ވައޮލިން އެންޑްރީއާ، ޕެޓްރީޝިއާ (ސެލޯ)، ބިއަންކާ (ވައޮލިން) އަދި ވޯކަލް/ޕިއާނޯ ލައުރާ އެވެ.
އެމެޑިއުޒް ރާއްޖޭގައި ހޭދަކުރާ ހަތަރު ދުވަހުގެ ތެރޭގައި ދެ ވީޑިއޯ ލަވަ ޝޫޓްކުރާ އިރު، އެ ލަވަތަކުގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ އެނބޫދޫ ފަޅުގައި ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސް މޯލްޑިވްސްގަ އެވެ.
ރާއްޖޭގައި ހުރި ހަމައެކަނި ހޭންޑް ޑްރަމަރު، ރުމޭނިއާގެ އެމެޑިއުޒްއާ އެކު ވީޑިއޯ ލަވަތަކެއްގައި ބައިވެރިވާ އިރު، އޭނާއަކީ އެ ގައުމުގެ މީހަކާ ކައިވެނި ވެސް ކޮށްގެން އުޅޭ ފަންނާނެކެވެ.
ހޭންޑް ޑްރަމަރު ރާއްޖެ އަށް ތައާރަފުކުރި ފައިޒަންއަކީ މިއުޒިކްގެ ވަރަށް ގިނަ ސްޓްރޫމަންޓްތައް ކުޅޭ އަދި ލަވަ ވެސް ކިޔާ ފަންނާނެކެވެ. އޭނާ އަށް 2016 ވަނަ އަހަރު "ދަ ބެސްޓް ހޭންޑްޕޭން ވީޑިއޯސް އޮފް 2016" ގެ ލިސްޓްގެ ދެ ވަނައިން ޖާގަ ވެސް ލިބިފައިވެ އެވެ.
ރާއްޖޭގެ މަޝްހޫރު ވަރަށް ގިނަ ބޭންޑްތަކާއި އާޓިސްޓުންނާ އެކު މިހާތަނަށް ޕަފޯމްކޮށްފައިވާ ފައިޒަންއަކީ މިހާރު "ސްކައިރޮކް" ކިޔާ ބޭންޑެއް ވެސް ހިންގަމުން އަންނަ ފަންނާނެކެވެ. އަދި އެންމެ ފަހުން ގެނެސްދިން މޯލްޑިވިއަން އައިޑޮލްގެ ބޭންޑްގައި ވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ.
ފައިޒަން ބުނިގޮތުގައި އެމެޑިއުޒް ބޭންޑާ އެކު ހަދާ ދެ ވީޑިއޯ ލަވަތައް ދުނިޔޭގެ އެކި މީޑިއާތަކުގައި ޕްރޮމޯޓްކުރާނެ އެވެ. އަދި މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމެވެ. މި ވީޑިއޯ ހެދުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ޔޫތު މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެ އެވެ.