27 އޯގަސްޓް 2019 - 12:35

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ފަނޑިޔާރު ޑީޑީއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލަތަކާ ގުޅިގެން އޭނާ މިދިޔަ ޖޫން މަހުން ފެށިގެން ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލައިގެ ތަހުގީގު އަޑުއެހުމެއް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ފަހު ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ކުރިން ނިންމާފައި އޮތީ ފަނޑިޔާރު ޑީޑީ ވަކިކުރަން މަޖިލީހަށް ފޮނުވުމަށެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ މައްސަލަ ތަހުގީގުކުރި ކޮމެޓީން ފަނޑިޔާރު ޑީޑީ ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި ފަނޑިޔާރު ޑީޑީގެ ފަރާތުން ދެއްވި ޖަވާބަށް ރިއާޔަތްކޮށް، ތަހުގީގު ކޮމެޓީގެ ނިންމުމަށް ބަދަލެއް ނުގެންނަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ ކޮމެޓީން ނިންމާފައިވާ ގޮތަށް ފަނޑިޔާރު ޑީޑީ ވަކިކުރަން މަޖިލީހަށް ފޮނުވަން އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށް އެ ބަޔާނުގައިިވެ އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ.
ފަނޑިޔާރު ޑީޑީ ވަކިކުރަން ޖޭއެސްސީން ނިންމިއިރު، އެމަނިކުފާނު ސަސްޕެންޑްކުރި މައްސަލަ އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސަސްޕެންޝަނަށް އަމަލު ކުރުން ފަސް ކުރަން ސުޕްރީމް ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ނިންމާފައިވަނީ އެ އަމުރު ނެރުނަސް، ސަސްޕެންޝަން ދެމި އޮންނާނެ ކަމަށެވެ.
މިދިޔަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަގާމެއް ހުުސްވުމުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ފަނޑިޔާރު ޑީޑީ އަކީ ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށެވެ.
މިހާތަނަށް ފަނޑިޔާރަކާ ފިޔަވަޅެއް އެޅުމުގެ ގޮތުން މަޖިލީހުން ފާސް ކޮށްގެން ވަކި ކޮށްފައިވަނީ ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދެވެ.