27 އޯގަސްޓް 2019 - 14:57

ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން ސިކްސް ސެންސަސްގެ ރިސޯޓުތަކަކީ އަމިއްލަ އުފެއްދުންތަކަށް މަޝްހޫރު ރިސޯޓުތަކެކެވެ. މިފަހަރު އެ ކުންފުނީގެ ސިކްސް ސެންސަސް ލާމުން އުފައްދަން ފަށާފައި މިވަނީ ޗޮކްލެޓެކެވެ.

ޗޮކްލެޓަކީ އާއްމުގޮތެއްގައި ބޭރު ގައުމުތަކުން އެތެރެކުރާ އެއްޗަކަށް ވާއިރު ސިކްސް ސެންސަސް ލާމުން އަމިއްލަ ޗޮކްލެޓް އުފައްދަން ފެށުމަކީ، އެނގިފައިވާ ގޮތުގައި ރިސޯޓަކުން އަލަށް ކުރާ ކަމެކެވެ.
"އީޓް ވިތް ސިކްސް ސެންސަސް" ފިލޯސަފީގެ ދަށުން ސިކްސް ސެންސަސް ލާމުން އުފައްދާ ތަކެތީގެ ތެރެއަށް އިތުރު ކުރި ޗޮކްލެޓަކިީ ލަންކާއިން ގެންނަ ކްރިއޯލާ ބީންސް އާއި ބްރައުން ޝުގާ ބޭނުންކޮށްގެން އުފައްދާ ޗޮކްލެޓެކެވެ. މިއީ އެ ރިސޯޓުގެ އަލްކެމިސްޓް އަލްވީނާ އުފައްދާ ޗޮކްލެޓެކެވެ.
ސިކްސް ސެންސަސް ލާމުން ގެންގުޅޭ މި ފިލޯސަފީއަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި އުފައްދާ ތަކެތި ބޭނުންކުރުމުގެ މަގުސަދުގައި އެ ރިސޯޓުން ދަމަހައްޓަމުން އަންނަ ސަގާފަތެކެވެ. މި ސަގާފަތުގެ ދަށުން އެ ރިސޯޓުގައި ތައްޔާރު ކުރާ ކާބޯތަކެއްޗަކީ ވެސް ރާއްޖޭގެ ރަށްރަށުގައި އުފައްދާ ތަކެތިން ތައްޔާރު ކުރާ ކާބޯތަކެއްޗެވެ.
އެ ރިސޯޓުގައި އުފައްދާ ޗޮކްލެޓްގައި ދިވެހިންނަށް ކަމުދާ ދިވެހި ހާއްސަ ރަހައެއް ވެސް ވަނީ ހިމަނައިފަ އެވެ. އެގޮތުން "މޯލްޑިވިއަން ޗިލީ" އަކީ ދިވެހި ރަހަތައް ހިމެނޭ ޗޮކްލެޓެކެވެ. މި ފްލޭވާގެ އިތުރުން ލެމަން ގްރާސް އާއި ސިނަމަން އަދި ޑްރައިޑް ފްރުޓް ފަދަ ފްލޭވާތައް ލިބެން ހުންނާނެ އެވެ.
ސިކްސް ސެންސް ލާމުން އުފައްދާ މި ޗޮކްލެޓް ލިބެން ހުންނާނީ ހަމައެކަނި އެ ރިސޯޓުންނެވެ.