29 މެއި 2016 - 21:22

މިއަދު ހަވީރު ސްރީ ލަންކާ އިން މާލެ އަށް ފުރަން އޮތް މިހިން ލަންކާ ފްލައިޓް ފުރުން ލަސްވެ، ލަންކާ އެއާޕޯޓުގައި ގިނަ އަދަދެއްގެ ދިވެހިންތަކެއް ތާށިވެ ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިއަދު ހަވީރު 4:30 ގައި ލަންކާ އިން މާލެ ފުރަން ހަމަޖެއްސި ފްލައިޓް ފުރުން ލަސްވި ކަން އެންގީ މެންދުރު ފަހު ޗެކިން އަށް އެއާޕޯޓަށް ދިއުމުންނެވެ. ފުރަތަމަ އެންގީ މިރޭ 7:00 އަށް ފުރުން ލަސްވެފައިވާ ކަމަށެވެ. އެކަމަކު ފުރުމުގެ ގަޑިއެއްހާ އިރު ކުރިން މާދަމާ ފަތިހު 5:00 އަށް ފުރުން ލަސްވެފައިވާ ކަމަށް އެއާލައިނުން ވަނީ އަންގައިފަ އެވެ.

އެއާޕޯޓުގައި ހުރި ދިވެއްސަކު ބުނީ ފުރުން ލަސްވެ އެތައް ގަޑިއިރަކު އެއާޕޯޓުގައި ތިބެން ޖެހުމުން ގިނަ ބަޔަކަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
"ކެއުން ވެސް ހަމައެއް ނުޖައްސާ. އަރާމްކޮށްލާނެ ތަނެއް ވެސް ފުރަތަމަ ނުދައްކާ. އެންމެން ކިޔޫ ހަދާފައި ގޮސް ޝަކުވާ ކުރަން ފެށީމަ ހޮޓަލެއް ހަމަޖައްސައިދޭނެ ކަމަށް ބުނީ،" އެއާޕޯޓުގައި ހުރި މީހަކު ކިޔަދިނެވެ. "ފުރުން ލަސްވެގެން ޝަކުވާ ކުރީމަ ބުނީ އިތުރަށް ފައިސާ ދައްކައިގެން އެހެން ފްލައިޓަކުން ފުރިދާނެއޭ. އެގޮތަށް އެއްބަސްވާން ގިނަ ބަޔަކު ދެކޮޅު ހެދީ."
ފުރުން ލަސްވެގެން ރުޅިގަދަވެފައި ހުރި އެހެން މީހަކު ބުނީ ފްލައިޓް ލަސްވާން މެދުވެރިވި ސަބަބެއް ވެސް އެއާލައިނުން ސާފުކޮށްދީފައި ނުވާ ކަމަށެވެ.
"ވަރަށް ދެރަ، މިގޮތަށް ކަންތައްކޮށް އެތައް ބަޔަކަށް އެހާ އުނދަގޫ ޖެއްސީމަ،" އޭނާ ބުންޏެވެ.
ފްލައިޓް ލަސްވި ސަބަބާ ގުޅޭގޮތުން މިހިން ލަންކާގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.