27 އޯގަސްޓް 2019 - 14:30

ދެ މަސް ދުވަހުގެ ތެރޭގައި 120 އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމިޓީން ރިވިއުކޮށް ނިންމާފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެ އެވެ.

މިއަދު ފެށި މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ނާޝިޒް ވިދާޅުވީ، މާލިއްޔަތު ކޮމިޓީގެ މަސައްކަތްތަކާ ހަވާލުވެވަޑައިގަތް އިރު ގާތްގަނޑަކަށް 800 އޮޑިޓް ރިޕޯޓް ރިވިއުކުރަން އޮތް ކަމަށެވެ. އެހާ ގިނަ ރިޕޯޓް ރިވިއުކޮށް ނިމުނީ، ކޮމިޓީގެ މެންބަރުންގެ ބުރަ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލް ހުށަހަޅުއްވާ އޮޑިޓް ރިޕޯޓުތައް ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ކަމާ ބެހޭ އިދާރާތަކަށް އެކަންކަން އެންގުމަކީ މާލިއްޔަތު ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ.
ނާޝިޒް ވިދާޅުވީ، އޮޑިޓް ރިޕޯޓުތައް ރިވިއުކުރުމުގައި އޮޑިޓާ ޖެނެރަލް އޮފީހުން ކެނޑިނޭޅި ފަންނީ އެހީތެރިކަން ލިބޭ ކަމަށެވެ. މާލީ ކަންކަން މޮނީޓާކޮށް، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮޑިޓް ރިޕޯޓުތައް ރިވިއު ކުރުމުގައި ފާހަގަކުރެވުނު އެއް ކަމަކީ، އޮޑިޓް ރިޕޯޓުތަކުގައި އޮޑިޓަރުންގެ ނިންމުންތައް ސާފުނުވުން ކަމަށް ވެސް ނާޝިޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އޮޑިޓް ރިޕޯޓުތައް ރިވިއުކޮށް މަޖިލީހުން ބަލަނީ ދައުލަތުގެ ތެރޭ ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށެވެ.
"ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އޮޑިޓަރުން ޕްރޮފެޝަނަލް ސްޓޭންޑާޑްތަކުގައި ހިފަހައްޓަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ގެންގުޅޭ އިރު މިކަން ހާސިލް ކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން ފުރިހަމަށް އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.