ޒިކާ އާއި ޗިކުންގުންޏާ ފެތުރިދާނެތީ ލަންކާ އިން ސަމާލުވެއްޖެ
ޒިކާ އާއި ޗިކުންގުންޏާ ފެތުރިދާނެތީ ލަންކާ އިން ސަމާލުވެއްޖެ

ކޮލަމްބޯ (ސެޕްޓެމްބަރު 19) - ޒިކާ ވައިރަސް އާއި ޗިކުންގުންޏާ އިތުރަށް ފެތުރިދާނެތީ ސްރީ ލަންކާގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ކަތުނަޔަކަ އެއާޕޯޓާއި ކޮލަމްބޯ ޕޯޓުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

"ޒިކާ އާއި ޗިކުންގުންޏާ ފެތުރޭ ގައުމުތަކަށް ދަތުރު ކުރާ މީހުންނާއި އެ ގައުމުތަކުން އަންނަ މީހުންނާ މެދު ސަމާލުވުމަށް އެއާޕޯޓުގެ ހެލްތު ޑެސްކަށް މިހާރު ވާނީ އަންގާފައި،" ކަރަންޓީން ޑިރެކްޓަރު ޕަލިތާ ކަރުނަޕެރުމާ ވިދާޅުވި އެވެ.

ލަންކާގެ ހެލްތު މިނިސްޓަރު ރަޖީތާ ސެނަރަތުނަ ވިދާޅުވީ މަދިރީގެ ޒަރީއާ އިން ފެތުރޭ މި ދެ ބައްޔާމެދު ލަންކާ އިން ސަމާލުވެފައިވާ ކަމަށާއި މި ރޯގާ ފެތުރިއްޖެ ނަމަ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ހޮސްޕިޓަލްތަކުން ތައްޔާރުވެފައިވާ ކަމަށެވެ.

ޒިކާ އާއި ޗިކުންގުންޏާއާ މެދު ލަންކާ އިން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމީ ނޯތުވެސްޓް ޕްރޮވިންސް އިން މިދިޔަ ހަފުތާގައި ދެ މީހަކު މަރުވުމާ ގުޅިގެންނެވެ. މި ދެ މީހުންނަކީ ވެސް އަވަށްޓެެރި އިންޑިއާ އިން ދިޔަ ދެ މީހުންނެވެ. އެ މީހުންނަށް ވަނީ ހުންޖެހިގެން ހޮސްޕިޓަލުން ފަރުވާ ވެސް ދީފަ އެވެ. ނޯތުވެެސްޓް ޕްރޮވިންސްގެ ޗިލޯ ސްޓޭޓުގެ ހޮސްޕިޓަލުގެ މެޑިކަލް ސްޕްރިންޓެންޑެންޓް ޑރ. ދިނުޝާ ފެނާންޑޯ ވިދާޅުވީ އެ ދެ މީހުން މަރުވީ ޒިކާ ޖެހިގެންތޯ ނުވަތަ ޗިކުންގުންޏާގެ ސަބަބުންތޯ އިތުރަށް ބަލަމުންދާ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ އެޕިޑެމިއޮލޮޖީ ޔުނިޓުން ބުނީ ޒިކާ ފަަދަ ބަލިތަކުގެ އަލާމާތްތަކުގައި މީހުން އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުމަކީ އެހާ އާއްމު ކަމެއް ނޫން ކަމަށެވެ.

ޒިކާ ވެސް ޖައްސަނީ ޗިކުންގުންޏާ ޖަައްސާ އީޑީސްގެ މަދިރީގެ ޒަރީއާއިންނެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ޗިކުންގުންޏާ ދަނީ ވަރަށް ހަލުވި ކަމާ އެކު ފެތުރެމުންނެވެ. އަނެއްކޮޅުން ސިންގަޕޫރު، މެލޭޝިއާ އަދި ތައިލެންޑުގައި ވަނީ ޒިކާ ވައިރަސް ފެތުރެން ފަށައިފަ އެވެ. މި ގައުމުތަކަށް ދަތުރު ކުރާ މީހުން ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ރިޕޯޓް ކުރުމަށް ލަންކާގެ ކަމާބެހޭ އޮފިޝަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.