27 އޯގަސްޓް 2019 - 09:29

ވެރޯނާ (އޮގަސްޓް 27) – ލުކީމިއާ އަށް ކީމޯތެރަރީގެ ފަރުވާ ހޯދަމުން ވެސް، ބޮލޯނިއާގެ ކޯޗު ސިނިސާ މިހަލޮވިޗް އިޓާލިއަން ލީގުގައި އެ ޓީމުން އާދީއްތަ ދުވަހުގެރޭ ވެރޯނާއާ 1-1 އިން އެއްވަރުވި މެޗުގައި އިރުޝާދުދޭން ބެންޗަށް ދިއުމުން އޭނާގެ ހިތްވަރަށް ތައުރީފް އޮހެން ފަށައިފި އެވެ.
ލޭގެ ކެންސަރު އޭނާގެ ގައިގައި ހުރިކަން މިދިޔަ މަހު އެނގުމާ އެކު ގިނަ ބަޔަކު ހީކުރީ އޭނާ ވަޒީފާ އިން ވަކިވާނެ ކަމަށެވެ. އެކަމަކު އޭނާ ނިންމީ މަގާމުގައި ދެމި ހުންނާށެވެ.
"އަހަންނަށް އެ ހަބަރު ލިބުމުން އެކަންވީ ބޮޑު ތޫފާނަކަށް. އަހަރެން ވަރަށް ބޮޑަށް ރުއިން. ލޯ ކުރިމަތިން ދިރިއުޅުން އޮޔާދާތަން ފެނޭ. އެކަމަކު އަހަރެން މިކަމާ ކުރިމަތިލާނަން. ހޮސްޕިޓަލަށް ގޮސް މި ބައްޔާ ކުރިމަތިލާން ކެތްމަދުވެފައި މިހިރީ. މިއީ އުނދަގޫ ހަނގުރާމައެއް އެކަމަކު ބަލިކުރެވޭނެ،" މިހަލޮވިޗް ބުނެފައިވެ އެވެ.
އޭރު ވެސް ހީކުރެވިފައި އޮތީ އޭނާ ހަމައެކަނި ރަމްޒީ ގޮތުން އިރުޝާދުދޭނީ ކަމަށެވެ. އެކަމަކު މިހަލޮވިޗް ދިޔައީ ހޮސްޕިޓަލުގެ ކެންސަރު ވޯޑުގައި އޮވެ ވީޑިއޯ ލިންކެއް މެދުވެރިކޮށް ތަމްރީން ސެޝަންތައް ބަލައި އިރުޝާދުދެމުންނެވެ. އަދި އޭނާ ވަނީ ލީގުގައި ބޮލޯނިއާ ކުޅޭ ފުރަތަމަ މެޗަށް ދާނެ ކަމަށް ކުޅުންތެރިން ގާތު ވައުދުވެފަ އެވެ. ހޮސްޕިޓަލުގައި 41 ރޭ ހޭދަކުރުމަށް ފަހު މިހަލޮވިޗް ޓީމާ އަމަލީ ގޮތުން ގުޅުނު ނަމަވެސް ބެލެވިފައި އޮތީ އޭނާ ހުންނާނީ ސްޓޭޑިއަމުގެ ވީއައިޕީ ބޮކްސްގައި ކަމަށެވެ. އެކަމަކު މިހަލޮވިޗް އިރުޝާދު ދެމުން ދިޔައީ ސީދާ ބެންޗުންނެވެ. ހަށިގަނޑު އަނަރޫފަވެފައިވީ ނަމަވެސް އޭނާގެ ފަރާތުން ފެނުނީ ގަދަ ހިތްވަރެވެ.
"އަހަރެމެން ތިބީ ހައިރާންވެފައި. (މެޗަށް އަންނާނެ ކަމަށް) އޭނާ ވައުދުވެފައިވީ ނަމަވެސް އެއްގޮތަކަށް ވެސް ހީނުކުރަން އޭނާ އަތުވެދާނެ ކަމަށް،" ބޮލޯނިއާގެ މިޑްފީލްޑަރު އަންދްރޭ ޕޮލީ ބުންޏެވެ. "އޭނާ އަހަރެމެންނާ އެކު ހުރުމުން ވަރަށް އުފާވި. ކޯޗި އެ ދެއްކީ އާދަޔާހިލާފު ހިތްވަރެއް."
ކުރީގެ ޔޫގޮސްލާވިއާ އަށް އުފަން މިހަލޮވިޗް ކުޑައިރު ކްރޮއޭޝިއާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހުނެވެ. އޭނާ ބުނީ ނަސީބު ދެރަކަމުން، ހަޔާތުގައި އެއްވެސް އެއްޗެއް ތަބަކަކަށް ލާފައި އޭނާ އަށް ނުލިބޭ ކަމަށާއި ލިބުނު އެއްޗެއް ލިބުނީ އެކަމަށް މަސައްކަތްކޮށްގެން ކަމަށެވެ. އެހެންވެ މިކަމާ ވެސް ހަނގުރާމަކޮށް ކާމިޔާބު ހޯދާނެ ކަމަށް ބުނެފައިވެ އެވެ.
ފިލިއްޕޯ އިންޒާގީގެ ބަދަލުގައި މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން ބޮލޯނިއާއާ ހަވާލުވެ މިހަލޮވިޗް ވަނީ ރެލިގޭޝަން ޒޯނުގައި އޮތް ޓީމު ތާވަލުގެ 10 ވަނައިގައި ސީޒަން ނިންމައިދީފަ އެވެ. މި ހިތާމަވެތި ހަބަރު އައީ ފުރަތަމަ ފުލް ސީޒަނަށް ތައްޔާރުވަމުން އަންނަނިކޮށެވެ.
ސާބިއާގެ ވަރުގަދަ ބާރު ރެޑްސްޓާ ބެލްގްރޭޑަށް ކުޅުމަށް ފަހު 1992 ވަނަ އަހަރު އިޓަލީގެ އޭއެސް ރޯމާ އަށް ބަދަލުވި ފަހުން މިހަލޮވިޗް މުޅި ކެރިއަރު ހޭދަކުރީ އެ ލީގުގަ އެވެ. އޭގެ ފަހުން ސަމްޕްޑޯރިއާ އަށް ކުޅުމަށް ފަހު އޭނާ އެންމެ މަޝްހޫރުވީ ލާޒިއޯގައި ހޭދަކުރި ދުވަސްވަރެވެ. ސްވެން-ގޯރާން އެރިކްސަންގެ ކޯޗުކަމުގައި ލާޒިއޯ އިން 2000 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކުރިއިރު އޭނާ މޮޅަށް ކުޅުނެވެ. ހިލޭ ޖެހުންތަކުގައި އެފަދަ ދެ ވަނަ އެއް ނެތް ޑިފެންޑަރު ކެރިއަރު ނިންމާލީ އިންޓަ މިލާނުންނެވެ.
އެއަށް ފަހު ކޯޗުން ކެރިއަރު 2006 ގައި ފެށީ އިންޓަގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ފިއޮރެންޓީނާ، ކަޓާނިއާ، ސަމްޕްޑޯރިއާ، އޭސީ މިލާން އަދި ޓޮރިނޯ އާއި ސާބިއާ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ. މީގެ ތެރެއިން މިލާނަށް ކޯޗުކޮށްދިން އިރު އޭނާ ވަނީ މިވަގުތު އިޓަލީގެ އެއް ވަނަ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އާއި މިލާނުގެ ކެޕްޓަން އަލެސިއޯ ރޮމަނޮލީގެ ކެރިއަރު ލޯންޗުކޮށްދީފަ އެވެ.