ޖިބްރޯލްޓާ އިން ހިފެހެއްޓި އީރާނުގެ ޓޭންކަރުގައި ހުރި ތެޔޮ ވިއްކާލައިފި
ޖިބްރޯލްޓާ އިން ހިފެހެއްޓި އީރާނުގެ ޓޭންކަރުގައި ހުރި ތެޔޮ ވިއްކާލައިފި

ތެހެރާން (އޮގަސްޓް 27) - ޖިބްރޯލްޓާ އިން މިދިޔަ މަހު ކުރީކޮޅު ހިފެހެއްޓި ޓޭންކަރުގައި ހުރި 2.1 މިލިއަން ފީފާ ތެޔޮ ވިއްކާލައިފި އެވެ.

ގްރޭސް1 ގެ ނަން ދީފައިވާ އީރާނުގެ ތެޔޮ ހުރި ޓޭންކަރު ޖުލައި 4 ވަނަ ދުވަހު ޖިބްރޯލްޓާ ބޭރުން އިނގިރޭސި ސިފައިން އަރައި ހިފެހެއްޓީ އެ ޓޭންކަރުގައި ހުރީ ސީރިއާ އަށް ގެންދާ ތެޔޮ ކަމަށް ބުނެ އެވެ. ސީރިއާ އަށް ތެޔޮ ވިއްކުމަކީ ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން މަނާ ކަމެކެވެ.

ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން ހުއްދަ ދިނުމުން އެ ޓޭންކަރު މި މަހު 18 ވަނަ ދުވަހު ފުރި އިރު ޓޭންކަރުގެ ނަން ވަނީ އެޑްރިއަން ޑަރިޔާ 1ގެ ނަމަށް ބަދަލުކޮށްފަ އެވެ. ޓޭންކަރު ފުރިޔަ ނުދީ ހިފެހެއްޓުމަށް އެމެރިކާ އިން ވަނީ ވަރަށް މަސައްކަތް ކޮށްފަ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން އަލީ ރަބީއީ ވިދާޅުވީ ޓޭންކަރުގައި ހުރި ހުރިހާ ތެލެއް ވިއްކާލާފައިވާ ކަމަށެވެ. ނަމަވެސް ތެޔޮ ގަތް ފަރާތާއި އެ ވިޔަފާރިއާ ބެހޭ އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ. މިހާރުގެ ރޭޓުން ބަލާ ނަމަ އެޑްރިއަން ޑަރިޔާ 1 ގައި ހުރި ތެލުގެ އަގު 130 މިލިއަން ޑޮލަރަށް އަރާނެ އެވެ.

"ޓޭންކަރުގައި ހުރި ހުރިހާ ތެލެއް އީރާނުން ވަނީ ވިއްކާލާފައި. ޓޭންކަރު ދެން މިސާރު ޖަހާނެ ތަނެއް އެނގޭނީ ތެޔޮ ގަތް ފަރާތާއި ޓޭންކަރުގެ ވެރި ފަރާތަށް،" ރަބީއީ ވިދާޅުވި އެވެ. "ޓޭންކަރުގެ މިސްރާބު ހުރި ދިމާލެއް އީރާނަކަށް ދެން ނާންގާނެ."

ޓޭންކަރު މިހާރު ދަތުރު ކުރަމުން ދަނީ ގްރީސްގެ ދެކުނުން މެޑިޓެރޭނިއަން ކަނޑުންނެވެ.

އީރާނުގެ ތެޔޮ ހުރި ޓޭންކަރު ހިފެހެއްޓުމާ ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރެއް މިދިޔަ މަހު 18 ވަނަ ދުވަހު ހިފަހައްޓައިފަ އެވެ.