18 ސެޕްޓެމްބަރ 2016 - 23:48

މިލާން (ސެޕްޓެމްބަރު 18) - އިޓާލިއަން ލީގުގައި މިރޭ އެންމެން ހައިރާންކޮށްލުމަށް ފަހު ގަދަފަދަ ޔުވެންޓަސްގެ މައްޗަށް ފަހަތުން އަރައި 2-1 އިން އިންޓަ މިލާން ކުރި ހޯދައިފި އެވެ.

މަޝްހޫރު ބައެއް ކުޅުންތެރިން ގެނެސް އިންޓަ އިން ޓީމު ވަރުގަދަކޮށްފައިވީ ނަމަވެސް، ލީގުގައި ހޯދި ދަށް ފެށުމާއި އަދި ޔުރޮޕާ ލީގުގައި އިޒްރޭލުގެ އާދައިގެ ޓީމެއް އަތުން ބުރާސްފަތި ދުވަހުގެރޭ ބަލިވެފައިވާތީ މިރޭ ޔުވެންޓަސްގެ މައްޗަށް އެ ޓީމަށް ކުރި ހޯދިދާނެ ކަމަށް ގިނަ ބަޔަކު ނުދެކެ އެވެ.
އެކަމަކު އިންޓަގެ ކުޅުންތެރިން ވަނީ މިރޭ މޮޅެއް ހޯދައި ކޯޗު ނެދަލެންޑްސްގެ ފްރޭންކް ޑި ބޮއާގެ ވަޒީފާ ސަލާމަތްކޮށްދީފަ އެވެ. މިރޭ ބަލިވި ނަމަ ޑި ބޮއާ މަގާމުން ވަކިކުރާނެ ކަމަށް ބެލެވެ އެވެ. މި މޮޅާ އެކު ހަތް ޕޮއިންޓާ އެކު އިންޓަ ހަ ވަނަ އަށް އެރިއިރު ޔުވެންޓަސް އަށް ވަނީ އެއް ވަނަ އެރުމުގެ ފުރުސަތު ގެއްލިފަ އެވެ. އެ ޓީމު ނުވަ ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު އެއް ވަނައިގައި 10 ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ.
އިންޓަގެ ސެންސީރޯ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗަށް ޔުވެންޓަސް ނުކުތީ 95 މިލިއަން ޔޫރޯ އަށް ގަތް އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގައިން ފުރަތަމަ އެގާރައިގައި ނުހިމަނަ އެވެ. އަށްޑިހަ ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 66 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ ސްޓެފަން ލީޗެސްޓެއިނާ އެވެ. ދެ މިނެޓު ފަހުން އިންޓަ އަށް އެއްވަރުކޮށްދިނީ ކެޕްޓަން މައުރޯ އިކާޑީ އެވެ.
މިދިޔަ ފަސް ސީޒަނުގައި އިޓާލިއަން ލީގު ކާމިޔާބުކުރި ޔުވެންޓަސް މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވީ 78 ވަނަ މިނެޓުގައި އިންޓަގެ ބަދަލު ކުޅުންތެރިޔާ އިވާން ޕެރިސިޗް ޖެހި ލަނޑާ އެކު އެވެ. މި ލަނޑު ޖަހަން މަގުފަހިކޮށްދިނީ އިކާޑީ އެވެ.
ޑާބީ ޑި އިޓާލިއާގެ ނަމުން މަޝްހޫރުވެފައިވާ މި ކުރިމަތިލުމުގެ ފަހު ވަގުތު ޔުވެންޓަސް އެއްވަރުކުރުމާ ގާތަށް ދިޔަ އެވެ. އެކަމަކު ސާމީ ކެދީރާ ހުހަށް ހުރެ ބޮލުން ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ އިންޓަގެ ގޯލްކީޕަރު ސާމިރު ހެންޑޮނޮވިޗެވެ. މެޗުގެ ފަހު ވަގުތު އިންޓަގެ އެވާ ބަނޭގާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.