27 އޯގަސްޓް 2019 - 10:46

ބޭރޫތު (އޮގަސްޓް 27) - އިޒްރޭލުން ބޭރޫތަށް ދިން ޑްރޯން ހަމަލާއަކީ ހަނގުރާމަ އިއުލާން ކުރުންފަދަ ކަމެއް ކަމަށް ލުބުނާނުގެ ރައީސް މިޝޭލް އޫން ވިދާޅުވެއްޖެ އެވެ.
ލުބުނާނަށް ކަނޑައަޅާފައި ހުންނަ އދ.ގެ ޚާއްސަ ކޯޑިނޭޓަރު ޖޭން ކުބިސްއާ ބައްދަލު ކުރައްވާ އޫން ވިދާޅުވީ އިޒްރޭލުގެ އަމަލުތައް ހުންނަ ގޮތުން ލުބުނާނުން ވެސް އަމިއްލަ ދިފާއުގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
ލުބުނާނުގެ ބޮޑު ވަޒީރު ސައުދު ހަރީރީ ވިދާޅުވީ އިޒްރޭލާ އެކު ކުރިމަތިލުމަކަށް ދާން ބޭނުން ނުވާ ކަމަށާއި ނަމަވެސް ލުބުނާނުގެ މިނިވަން ކަމަށް އިޒްރޭލުން އަރައިގަތުން ބައިނަލްއަގުވާމީ މުޖްތަމައުން ކުށްވެރި ކުރަން ޖެހޭނެ ކަމަށެވެ.
އިޒްރޭލުން ފޮނުވާލި ދެ ޑްރޯން ހޮނިހިރު ދުވަހު ވަނީ ބޭރުގެ ދެކުނުގައި ހިޒްބުﷲ ޖަމާއަތުގެ ބާރު އޮންނަ ސަރަހައްދަކަށް ވެއްޓިފަ އެވެ. އިޒްރޭލުގެ ޑްރޯން ހަމަލާއާ ގުޅިގެން ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ ވަނީ އިޒްރޭލަށް އިންޒާރު ދެއްވައިފަ އެވެ. އެތައް ހާސް ސަޕޯޓަރުންނާ މުޚާތަބް ކުރައްވައި ނަސްރުﷲ ވިދާޅުވީ އިޒްރޭލުގެ އުދުވާން ނިމުމަކަށް ގެންނަން ޖެހޭ ވަގުތު އަތުވެއްޖެ ކަމަށެވެ. އަދި އިޒްރޭލް ތައްޔާރަށް އޮތުމަށް އޭނާ ވަނީ އިންޒާރު ދެއްވައިފަ އެވެ.
އިޒްރޭލާއި ލުބުނާނުން 2006 ވަނަ އަހަރު ވަނީ 33 ދުވަހުގެ ހަނގުރާމައެއް ކޮށްފަ އެވެ. އެ ހަނގުރާމައިގައި ލުބުނާނުން 1،200 މީހުން މަރުވެ އިޒްރޭލުން 160 މީހުން މަރުވި އެވެ.