26 އޯގަސްޓް 2019 - 22:41

މަސައްކަތްތައް އެހާމެ ފުރިހަމަ އެވެ. ބޭނުންވީ އެ ހުނަރު ވީހާ ވެސް ގިނަ ބަޔަކަށް ދައްކާލުމަށް އާޓް އެގްޒިބިޝަނެއް ބާއްވާށެވެ. ނަމަވެސް މުހައްމަދު ޖަމީލް މިސްކިތުގެ މަސައްކަތެއްގައި އުޅުއްވަނިކޮށް ވެއްޓި ޒަހަމްވެ، މިދިޔަ އޭޕްރިލް 26 ވަނަ ދުވަހު އަވަހާރަވުމުން އަޒްމީ މުސްތަފާ އަށް އެ ފުރުސަތު ލިބިވަޑައެއް ނުގަތެވެ. އެކަމަކު އޭނައާއެކު ލަކުޑީގެ މަސައްކަތްތައް ކުރި ރައްޓެހިން މި ވަނީ އެކަން ހަގީގަތަކަށް ހަދައިދީފަ އެވެ.

ބީއެމްއެމް ވުޑް ވޯކްސްގައި އަޒްމީއާއެކު މަސައްކަތްކުރި ހުސެއިން އައިމަން (ސައިމަން) ބުނިގޮތުގައި އަޒްމީ އަކީ ލަކުޑީގެ މަސައްކަތުގައި ރާއްޖޭގައި އެފަދަ ދެ ވަނައެއް ނެތް ބޭފުޅެކެވެ. އަމިއްލަ ހިޔާލާއި ހުނަރާއެކު ލަކުޑީގެ މަސައްކަތްތައް ކުރެއްވީ ވަރަށް ފުރިހަމަކޮށެވެ.

ގިނަ ދިވެހިންނަށް އޭނާގެ މަސައްކަތް އެހާ ރަނގަޅަށް ނޭނގުނަސް، ބޭރުގެ ގައުމުތަކުން އަޒްމީއަށް ތަފާތު އެއްޗިއްސަށް އޯޑަރު ލިބެ އެވެ. އެގޮތުން އެމެރިކާ އާއި އިނގިރޭސިވިލާތާއި ސައުދީ އަށް ވެސް ތަފާތު އެއްޗެހި ފޮނުއްވި އެވެ.

އުމުރުން 41 އަހަރުގައި އަވަހާރަވި އަޒްމީގެ ހުނަރު މިހާރު އެންމެ ރަނގަޅަށް ފެންނާނީ އާޓް ގެލެރީގައި މިއަދު ފެށި "އަޒްމީ މެމޯރިއަލް އެގްޒިބިޝަން" އިންނެވެ. އަންނަ ބުދަ ދުވަހުގެ ހަވީރު 6:00 އާ ހަމަޔަށް ބާއްވާ އެގްޒިބިޝަންގައި، ލަކުޑީގެ އެކި ވައްތަރުގެ އުފެއްދުންތައް އެބަހުއްޓެވެ.

"އިންސްޓަގްރާމުން ބޮޑަށް އަޒްމީ މީގެ ކުރިން އޭނާގެ މަސައްކަތް މި ދައްކާލީ. އެގޮތަށް ބޭރުގެ މީހުންނަށް ވެސް އޭނާގެ މަސައްކަތް ފެނި، އޯޑަރުތައް ލިބެން ފެށީ،" ސައިމަން ބުންޏެވެ.

އެސްޓީއޯގެ އައިޓީ ޑިޕާޓްމަންޓުގެ ހެޑް، އަޒްމީ އަވަހާރަވިއިރު އޭނާ ވަނީ އެގްޒިބިޝަނަށް ތައްޔާރުވާން ފައްޓަވައިފަ އެވެ. އެގޮތުން މިހާރު ޑިސްޕްލޭ ކޮށްފައިވަނީ ވެސް އެގްބިޝަނަށް ހާއްސަކޮށްގެން ތައްޔާރުކުރެއްވި އެއްޗިއްސެވެ. އެތަނުގައި 194 އަށް ވުރެ ގިނަ ތަފާތު އެކި ވައްތަރު އެއްޗެހި ބަހައްޓާފައިވެ އެވެ.
"އަޒްމީގެ ޕެޝަންއެއް އެއީ. އެހެންވެ އެހާ ފުރިހަމައަށް މަސައްކަތްތައް ކޮށްފައި އެ ހުންނަނީ،"
މިސްކިތުގައި ވެސް އޭނާ ކުރެއްވީ ލަކުޑީގެ މަސައްކަތްތަކެވެ. އެ މަސައްކަތުގައި އުޅުއްވަނިކޮށް ވެއްޓި އޭނާގެ ބޮލަށާއި ފުއްޕާމެއަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.
އައިޓީގެ މަސައްކަތަށް ވެސް ކުޅަދާނަ އަޒްމީ އަވަހަރާވިއިރު އެއް އަހަރު ނުވާ ކުއްޖަކާއި އަންބަކު ދުނިޔޭގައި ހުއްޓެވެ،