26 އޯގަސްޓް 2019 - 14:52

ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލަކީ ތާރީހާއި ސަގާފަތު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގައި މިއަދު ފެށި ފަސް ވަނަ ވޯލްޑް ޓޫރިޒަމް ކޮންފަރެންސްގައި މިނިސްޓަރު އަލީ ވަހީދު ވަނީ ރާއްޖޭގެ ފަތުރުވެރިކަން މިހާރު އޮތް ހިސާބަށް ގެންނަން ކުރި ދަތުރާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ރާއްޖެ ފަދަ ޖަޒީރާ ގައުމަކުން، އެ ޖަޒީރާވަންތަކަން ގެއްލުވާނުލައި ޓޫރިޒަމް ފުޅާކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތާރީހާއި ސަގާފަތުގެ އިތުރުން ޓޫރިޒަމް ކުރިއެރުވުމަށް ދެމެހެއްޓެނިވި ތިމާވެށި މުހިންމު ކަމަށެވެ. ރާއްޖޭގައި ޓޫރިޒަމް ފުޅާކުރުމަށް ރިސޯޓު ހެދުމުގައި ތިމާވެއްޓަށް ބަލަންޖެހޭނެ ކަމަށް މީގެ ކުރިން ވެސް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.
ދެ ދުވަހުގެ މުއްދަތަށް މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ކުރިއަށް ގެންދާ މި ކޮންފަރެންސަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކުން ބައިވެރިވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ފައްޓަވައިދެއްވީ މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު އެވެ.