26 އޯގަސްޓް 2019 - 14:24

ބޭރޫތު (އޮގަސްޓް 26) - އިޒްރޭލް ތައްޔާރަށް އޮތުމަށް ކަމަށް ބުނެ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އިންޒާރު ދީފި އެވެ.
ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ހިޒްބުﷲ އިން ބާރުގަދަކޮށްފައިވާ ސަރަހައްދަކަށް އިޒްރޭލުން ދިން ޑްރޯން ހަމަލާއަކަށް ފަހު، ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ އިޒްރޭލުން ދޭ ކޮންމެ ހަމަލާއެއް ނާކާމިޔާބުކޮށްލަން ހިޒްބުﷲ އޮތީ ތައްޔާރަށް ކަމަށެވެ.
"އިޒްރޭލުގެ ބޯޓުތަކުން ލުބުނާނަށް ގޮސް ބޮން އެޅި ޒަމާން މިހާރު ނިމިއްޖެ. އަޅުގަނޑު ދަންނަވާނީ މިރެއިން ފެށިގެން އިޒްރޭލް ސިފައިން ތައްޔާރަށް ތިބެ، ހިޒްބުﷲ ޖަމާއަތަށް އިންތިޒާރު ކުރާށޭ،" ނަސްރުﷲ ވިދާޅުވި އެވެ.
އެތައް ހާސް ސަޕޯޓަރުންނާ މުޚާތަބް ކުރައްވާ ނަސްރުﷲ ވިދާޅުވީ އިޒްރޭލުން ދިން ހަމަލާއަކީ އިޒްރޭލާއި ހިޒްބުﷲއާ ދެމެދު 2006 ވަނަ އަހަރު ކުރި ހަނގުރާމަ އަށް ފަހު ދިން ފުރަތަމަ ހަމަލާތައް ކަމަށެވެ. އިޒްރޭލާއި ހިޒްބުﷲއާ ދެމެދު އެ ފަހަރު ކުރި 33 ދުވަހުގެ ހަނގުރާމައިގައި ލުބުނާނުން 1،200 މީހުން އަދި އިޒްރޭލުން 160 މީހުން މަރުވި ކަމަށެވެ.
ނަސްރުﷲ ވިދާޅުވީ އިޒްރޭލުގެ އަސްކަރީ ޑްރޯނެއް ބޭރޫތުގެ މަތިން އުދުހިފައިވާ ކަމަށާއި އެ ޑްރޯނުން ބައެއް ތަންތަނަށް ހަމަލާދީފައިވާ ކަމަށެވެ. އަދި ޑްރޯން ހަމަލާގައި ބޭރޫތުން ހިޒްބުﷲ ގެ ދެ މެންބަރުން މަރުވި ކަމަށް ވެސް ބުނެފައިވެ އެވެ.
ހިޒްބުﷲ އިން ކުރިން ބުނެފައި ވަނީ އިޒްރޭލުން ފޮނުވާލި ދެ ޑްރޯން ވެސް ވެއްޓިފައިވާ ކަމަށެވެ.
އިޒްރޭލުން ވަނީ ސީރިއާގެ ވެރިރަށް ދިމިޝްގާ ކައިރީގައިވާ ސަރަހައްދުތަކަކަށް ހޮނިހިރު ދުވަހު ވައިގެ ހަމަލާތައް ދީފަ އެވެ. އިޒްރޭލުން ބުނީ ހަމަލާ ދިނީ ސީރިއާގައި ހަރަކާތްތެރިވާ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ގުދުސް ފޯސް އަށް ކަމަށެވެ.