26 އޯގަސްޓް 2019 - 14:33

އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ސްޓެލްކޯ އަށް އެހީވާން ނިންމާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގްނީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ވަޑައިގެން އުޅުއްވާ އޭޑީބީގެ ރައީސް ޓަކެހީކޯ ނަކާއޯ މިއަދު ސްޓެލްކޯ އަށް ވަޑައިގެން، އޭޑީބީއާ ގުޅިގެން ސްޓެލްކޯ އިން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ވަނީ ބައްލަވާލައްވައިފަ އެވެ. ނަކާއޯ ސްޓެލްކޯ އަށް ވަޑައިގަތުމާ ބެހޭ ގޮތުން މީޑިއާއާ ބައްދަލުކުރައްވައި މުގްނީ ވިދާޅުވީ އޭޑީބީއާ ގުޅިގެން މިހާރު ވެސް ސްޓެލްކޯ އިން ގިނަ ޕްރޮޖެކްޓުތަކެއް ކުރިއަށްގެންދާ ކަމަށާއި އެ ކުންފުނިން ކުރިއަށް ރާވާފައިވާ ކަންތަކާ ގުޅޭގޮތުން މިއަދު މަޝްވަރާކުރެއްވި ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި، ސްޓެލްކޯ އިން ރާވާފައިވައި ކަންކަމަށް އޭޑީބީގެ ރައީސް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް މުގްނީ ވިދާޅުވި އެވެ.
"ސްޓެލްކޯގެ ވަރަށް ގިނަ ޕްރޮޖެކްޓްތަކަކީ އޭޑީބީގެ އެހީގެ ދަށުން ކޮށްފައި ހުރި މަސައްކަތްތަކެއް. މިއަދު ފެސިލިޓީސް ދައްކާލުމުގެ ތެރޭގައި ކުރިއަށް އޮތްތާނގައި އަޅުގަނޑުމެން ކުރާނެ އެއްބައި ކަންތައްތަކުގެ ވާހަކަތަކަށް ވެސް އަލިއަޅުވާލިން. އެއާއެކު އެބޭފުޅާ ވެސް މިކަންކަމަށް ޝައުގުވެރިކަން ހުރިކަމާއި އަދި މިކަންކަން ވީހާ ވެސް އަވަހަށް ކުރިއަށް ގެންދަން ހިތްވަރު ދެއްވި،" މުގްނީ ވިދާޅުވި އެވެ.
ސްޓެލްކޯ އިން އުފައްދާ ހަކަތައިގެ 50 ޕަސެންޓް ސޯލާ އަށް ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި އެ ކުންފުނިން އޮޕަރޭޓްކުރާ ހުރިހާ ސިސްޓަމެއް އެއް ވިއުގައަކުން ގުޅާލުމަށް ކުރަމުން ގެންދާ މަސައްކަތާ ގުޅޭގޮތުން ވެސް މިއަދު މަޝްވަރާކުރި ކަމަށް މުގްނީ ވިދާޅުވި އެވެ. މީގެ އިތުރުން މެޝިންތަކުންނާއި އެހެނިހެން ތަކެތިން އުފައްދާ ހޫނުން ފެން އުފައްދަން ކުރަމުން އަންނަ މަސައްކަތްތަކާއި ބެޓަރީ ސްޓޯރެޖް ސިސްޓަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރި ކަމަށް މުގްނީ ވިދާޅުވި އެވެ.
މުގްނީ ވިދާޅުވީ މި ހުރިހާކަމަށް ވެސް ޝައުގުވެރިކަން ފާޅު ކުރައްވައި އޭޑިބީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުގެ ރައީސް ވިދާޅުވި ކަމަށެވެ.
"އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި އޭޑީބީގެ ރައީސަށް މިއަދު ބްރީފް މި ކޮށްލަދިން ކަމަކީ އަޅުގަނޑުމެން ސޯލާގެ ކަންތައް ކުރިއަށްގެންދާނެ ސްކޭލްގެ ވާހަކަ. މީގެ އިތުރުން ވެސް އަޅުގަޑުމެން ދެން މި ފާހަގަކޮށްލީ އަޅުގަނޑުމެން މެނޭޖް މި ކުރާ ހުރިހާ ސިސްޓަމެއް އެއް ވިއުގައަކުން ގުޅާލަން އިލެކްޓްރޯނިކަލީ. މިކަންތައްތަކަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް އެބޭފުޅާ ވިދާޅުވި،"
"މީގެ އިތުރުން ވެސް އަޅުގަނޑު އަލި އަޅުވާލިން ވޭސްޓް ހީޓް ބޭނުންކޮށްގެން ފެން ހެދުމުގެ ނިޒާމާ ގުޅޭގޮތުން. މިކަމަކީ ވަރަށް ރަނގަޅު ކަމެއް ކަމުގައި ވިދާޅުވި. އަދި މިހާރު ދުނިޔޭގައި ތަރައްގީ ވެފައިވާ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން މިކަންކަން ކުރިއަށް ގެންދިއުމުގައި އޭޑީބީން ދެއްވެން އޮތް އެހީތެރިކަމެއް ދެއްވާނެ ކަމަށް ވިދާޅުވި." މުގްނީ އިތުރަށް ވިދާޅުވި އެވެ.
އޭޑީބީގެ ރައީސް ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ރާއްޖޭގެ ތަރައްގީއަށް އެ ބޭންކުން ދޭ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕްރޮޖެކްޓުތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ތިލަފުށީގައި ކުނި މެނޭޖް ކުރުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދާ ގޮތާއި ހުޅުމާލޭގެ ދެ ވަނަ ފޭސްގައި ހިނގާ މަސައްކަތްތައް ބައްލަވާލައްވާނެ އެވެ.