އުސޫލަށް ބަދަލު ގެންނަން ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުން މަޑުޖައްސާލައިފި
އުސޫލަށް ބަދަލު ގެންނަން ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުން މަޑުޖައްސާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކާ އުސޫލަށް ބަދަލު ގެނައުމަށް، ބިން ވިއްކުމުގެ މަސައްކަތް މަޑުޖައްސާލާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

އުސޫލަށް ބަދަލު ގެންނަން ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުން މަޑުޖައްސާލައިފި
އުސޫލަށް ބަދަލު ގެންނަން ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުން މަޑުޖައްސާލައިފި

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ބިން ވިއްކަން މިއަދު އިއުލާން ކުރާނެ ކަމަށް ކުރިން ބުނެފައި ވީނަމަވެސް، ކަސްޓަމަރުންނަށް ހާއްސަކޮށްގެން ބޭއްވި ބައްދަލުވުންތަކުންނާއި އެހެނިހެން ގޮތްގޮތުން އެ ފަރާތްތަކުން ހިއްސާކޮށްފައިވާ ހިޔާލުތަކަށް ބެލުމަށް ފަހު ބިން ވިއްކުމުގެ އުސޫލަށް މުހިއްމު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އެހެންވެ، ގެންނަން ޖެހޭ ބަދަލުތަކާ އެކު ބިން ވިއްކުމަށް ހުޅުވާލެވޭނެ ތާރީހެއް އަލުން އިއުލާން ކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް އަލުން ހުޅުވާލާނެ ތާރީހެއް މި ހަފުތާގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭއްވި އެކި ސެޝަންތަކުން ވަރަށް ގިނަ ހިޔާލުތައް ލިބިފައި އެބަހުރި. އެކަން ކަމަށް ބަަލައި ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ގެންނަ ބަދަލުތަކެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެ އެެވެ.

އެޗްޑީސީން ނިންމާފައި ވަނީ ދެވަނަ ފިޔަވަހީގެ އަތިރިމައްޗާ ދިމާލުން ކުރިމައްޗަށް ވާ ގޮތަށް އަދި އަތިރިމައްޗާ ކައިރީގައި މީހުން ދިރިއުޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ދެ ކެޓަގަރީއަކުން 1000-1800 އަކަފޫޓުގެ 76 ބިން ވިއްކާށެވެ. އެއީ ބީޗު ފްރަންޓުން ވިއްކާ 38 ޕްލޮޓާއި ބީޗު ސައިޑުން ވިއްކާ 38 ޕްލޮޓެވެ.

އެޗްޑީސީން ކުރިން ބުނެފައި ވަނީ އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށް ވެސް ބިން ގަތުމަށްޓަކައި ބީލަން ހުށަހެޅޭނެ އެވެ. ކޮންމެ މީހަކަށް ވެސް ބީލަން ހުށަހެޅޭނީ ކޮންމެ ކެޓަގަރީއަކުން ގިނަވެގެން ދެ ބިން ކަމަށާއި ބީލަން ހުށަހަޅާ ކޮންމެ ބިމަކަށް ވެސް ބިޑް ސެކިއުރިޓީ ބަހައްޓަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ބިމުގެ އަގުގެ އިތުރުން އިކުއިޒިޝަން ފީގެ ގޮތުގައި ބިމުގެ އަގުގެ ފަސް ޕަސަންޓު ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ފީ އަކީ އެއްވެސް ސަބަބެއް މެދުވެރިވެގެން ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި އަނބުރާ ރައްދުކޮށްދިނުމަށް ހަމަޖެހިފައިވާ ފީއެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. އަދި އެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓާއި އެ ނޫން ވެސް ތަފާތު ހިދުމަތްތައް ލިބޭ ގޮތަށް އެ ތަން ތަރައްގީ ކުރަން އެޗްޑީސީން އަންނަނީ މަސައްކަތްކުރަމުންނެވެ.