ދުނިޔޭގެ ބެޑްމިންޓަން ޗެމްޕިއަންކަން އިންޑިއާގެ ސިންދޫ އަށް
ދުނިޔޭގެ ބެޑްމިންޓަން ޗެމްޕިއަންކަން އިންޑިއާގެ ސިންދޫ އަށް

ބަސެލް، ސްވިޒަލެންޑް (އޮގަސްޓް 26) – ވޯލްޑް ބެޑްމިންޓަން ޗެމްޕިއަންޝިޕުގެ ވިމެންސް ސިންގަލްސް ރަން މެޑަލް ހޯދައި، މިދިޔަ ދެ އަހަރުގެ ފައިނަލުން ބަލިވުމުގެ ހިތްދަތިކަން ފިލުވާލައި އަދި މި މުބާރާތުން ރަން މެޑަލް ހޯދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް އިންޑިއާގެ ޕީ.ވީ ސިންދޫ ހޯދައިފި އެވެ.

އުމުރުން 17 އަހަރުގައި ބެޑްމިންޓަންގެ ދުނިޔޭގެ ރޭންކިންގެ ގަދަ 20 ކުޅުންތެރިންގެ ތެރޭ 2012 ވަނަ އަހަރު ހިމެނު ދުނިޔޭގެ ސަމާލުކަން ހޯދި ސިންދޫ ޖެހިގެން އައި ދެ އަހަރު ވޯލްޑް ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދައިފަ އެވެ. އޭގެ ފަހުން 2017 ވަނަ އަހަރާއި މިދިޔަ އަހަރު ފައިނަލުން ބަލިވެ ރިހި މެޑެއްޔަކުން ފުއްދާލަން ޖެހުނީ އެވެ. މި އަހަރު އޭނާ އެ ހުރިހާ މާޔޫސްކަމެއް، އުފާވެރިކަމަށް ބަދަލުކޮށްލީ 2017 ވަނަ އަހަރުގެ ފައިނަލުގައި އޭނާ އަތުން މޮޅުވި ޖަޕާނުގެ ނޮޒޮމީ އޮކުހަރާ އަތުން 21-7، 21-7 އިން މޮޅުވެގެންނެވެ.

އޮލިމްޕިކްސް އިން 2016 ވަނަ އަހަރު އަދި މިދިޔަ އަހަރުގެ އަހަރުގެ އޭޝިއަން ގޭމްސްގައި އިން ރިހި މެޑަލް ހޯދި ސިންދޫ، ވޯލްޑް ޗެމްޕިއަންޝިޕުން ހޯދި ރަން މެޑެއްޔާ އެކު އޭނާ ދެން އަމާޒުކުރާނީ އަންނަ އަހަރުގެ ޓޯކިޔޯ އޮލިމްޕިކްސް އިން ރަން މެޑަލް ހޯދުމަށެވެ.

ސިންދޫ އަކީ އޮލިމްޕިކްސްގައި އިންޑިއާ އަށް ބެޑްމިންޓަނުން މެޑެއްޔެއް ހޯދި ދެ ވަނަ ކުޅުންތެރިޔާ އެވެ. އަނެއް ކުޅުންތެރިޔަކީ ސައިނާ ނެހެވާލް އެވެ. އެކަމަކު ސިންދޫ އަށް ހާއްސަ އެހެން ޝަރަފްތަކެއް ލިބިފައިވެ އެވެ. އެގޮތުން އޭނާ އަކީ އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓަކުން ފައިނަލަށް ދިޔަ އިންޑިއާގެ ހަމައެކަނި ކުޅުންތެރިޔާ އެވެ. އަދި އޮލިމްޕިކްސްގެ އިންޑިވިޖުއަލް އިވެންޓަކުން އެއްވެސް ކުލައެއްގެ މެޑެއްޔެއް ހޯދި އެންމެ ޒުވާން އިންޑިއާ ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.

އިންޑިއާގައި ކުޅިވަރުން ދޭ އެންމެ މަތީ އެވޯޑް ކަމަށްވާ ރަޖީވް ގާންދީ ކޭލް ރަތުނާ އެވޯޑް 2015 ގައި އަދި އިންޑިއާގައި މަދަނީ ގޮތުން ދޭ ހަތަރު ވަނަ އަށް އެންމެ މަތީ ޝަރަފް ޕަދްމާ ޝްރީ 2106 ވަނަ އަހަރު ހާސިލްކުރި ސިންދޫގެ ހަޔާތާ ބެހޭގޮތުން ބަޔޯގްރަފިކަލް ފިލްމެއް ހަދަން އަންނަނީ މަސައްކަތްކުރަނުންނެވެ. އޭނާ އަކީ 2018 ވަނަ އަހަރު ހަތް ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަންހެން ކުޅިވަރު ކުޅުންތެރިޔާ އެވެ. އޭނާ އަށް މިދިޔަ އަހަރު އިޝްތިހާރުތަކުންނާއި އިނާމް ފައިސާ އިން 8.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ކްރިކެޓަށް މަރުދިނަސް އިންޑިއާގައި ސިންދޫ އަކީ މަގުބޫލު ތަރިއެކެވެ. އޭނާގެ ކާމިޔާބީއާ އެކު އެ ގައުމުގައި އުފާފާޅުކުރަމުން އަންނައިރު ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކާ އަދި ބޮލީވުޑުގެ ރަސްގެފާނު އަމީތާބް ބައްޗަން ވަނީ އޭނާ އަށް މަރުހަބާ ކިޔައިފަ އެވެ.