27 އޯގަސްޓް 2019 - 07:59

ސްކޫލްތަކުގައި ކިޔަވައިދޭ ވައްޓަފާޅި އަށް އަންނަނީ އެކި ކަހަލަ ބަދަލުތައް އަންނަމުންނެވެ. ހާއްސަކޮށް ޓެކްނޮޖީއާ އެކު ކުލާސްރޫމްތަކުގައި ކިޔަވައިދޭ އުސޫލުތަކަށް މިހާރު ވެސް ބޮޑު ބަދަލެއް އައިސްފައިވެ އެވެ. އެކަމަކު އަދިވެސް ބަދަލުނުވާ މައިގަނޑު ކަމަކީ އިމާރާތެއްގެ ތެރޭގައި ކުލާސްރޫމެއްގައި ކިޔަވަން އިންނަން ޖެހުމެވެ.

އިނގިރޭސިވިލާތުގައި އަންނަނީ މި އުސޫލަށް ބަދަލެއް ގެނެވޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުލާސްރޫމްތަކުގެ ބަދަލުގައި ދަރިވަރުން ބޭރުތެރެއަށް، ހާމަ ތަންތަނަށް އަދި ޖަންގަލިތަކުގެ ތެރެ އަށް ނެރޭ ގުދުރަތީ ހިތްގައިމު މާހައުލުގެ ތެރޭގައި ތާޒާ ވައިގެ ތެރޭގައި ކިޔަވައި ދިނުމަކީ އިނގިރޭސިވިލާތުން ވަރަށް ބޮޑަށް ކުރިއަރުވަން ވެސް ބޭނުންވާ ކަމެކެވެ. މިއީ ފޮރެސްޓް ސްކޫލް ނިޒާމެވެ.

އެގޮތުން ޖަންގަލިތަކުގެ ތެރޭގެ ކްލާސްތަކުގައި ކިޔަވައިދޭން ޝައުގުވެރިވާ ފަރާތްތަކަށް އެ ގައުމުން އަންނަނީ މަރުހަބާ ކިޔަމުންނެވެ. ފޮރެސްޓް ސްކޫލް އެސޯސިއޭޝަން (އެފްއެސްއޭ) އިން ބުނާ ގޮތުގައި އެ ނިޒާމު އެންމެ ފުރަތަމަ ތައާރަފުވެގެން އައީ 19 ވަނަ ގަރުނުގައި ޑެންމާކުންނެވެ. އަދި މިކަމަކީ ތައުލީމީ ނިޒާމުގެ ތެރެއިން ކުރިއެރުންތަކެއް ހޯދޭ ކަމެއްކަން ފާހަގަ ވެސް ކޮށްފައިވެ އެވެ.
އިނގިރޭސިވިލާތަށް މިކަން ތައާރަފުވީ މީގެ 25 އަހަރު ކުރިންނެވެ.
އެ ގައުމުގެ ނޯފޯލްކްގައި ފޮރެސްޓް ސްކޫލެއް ހިންގަން މިހާރު ވަނީ ވިޔަފާވެރިއެއް ކަމަށްވާ މޯރިސް ބްރިގްސް އަށް ހުއްދަ ވެސް ދީފަ އެވެ. ސައުތު ނޯފޯލްކް ކައުންސިލުން ދިން ހުއްދައިގެ ދަށުން ނޯފޯލްކްގެ ވިމޮންދަންގެ 20 އޭކަރުގެ ސަރަހަދެއްގައި ފޮރެސްޓް ސްކޫލެއް ބިނާކުރާނެ އެވެ.
އެތަނުން ނާސަރީ އުމުރުފުރައިގެ ކުދިންނާއި ކަންކަން ދަސްކުރުމުގައި އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނާއި މުޖުތަމައު ތެރޭގައި އެކަހެރިވެފައި ތިބޭ ބޮޑެތި މީހުންނަށް ވެސް ފުރުސަތު ދޭނެ އެވެ.
މޯރިސް ހުޅުވާ ސްކޫލްގައި ހަފުތާއަކު ފަސް ދުވަހު ކިޔަވައިދޭނެ އެވެ. ކިޔަވައިދޭނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 އިން 5:00 އަށެވެ. ފޮރެސްޓް ސްކޫލްތަކުގެ ހާއްސަ ސިފަތަކުގެ ތެރޭގައި ހަމައެކަނި ފޮތުގެ ދެލިގަނޑު ކިޔަވައި ދިނުމުގެ ބަދަލުގައި ދަރިވަރުންނަށް އަމަލީ ގޮތުން ދިރިއުޅުމުގެ މުހިއްމު ގިނަ ހުނަރުތައް ދަސްކޮށްދޭނެ އެވެ. އަދި ކަންކަން އަމިއްލަ އަށް ތަޖުރިބާކުރުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށް ވެސް ފަހިވެފައި އޮންނާނެ އެވެ.
މިކަމުގެ ސަބަބުން ދަރިވަރުން ވެއްޓަށް ލޯބިޖެހި، ވަށައިގެންވާ މާހައުލާ ދޭތެރޭ ވިސްނައިލަން ފުރުސަތު ލިބުމުގެ އިތުރަށް ސިކުނޑި އަށް ހަމަޖެހުމާއި އުފާވެރިކަން ވެސް ގެނުވާނެ އެވެ. އޭގެ ނަތީޖާ އަކީ ނަފުސާނީ އެކި ކަހަލަ މައްސަލަތަކުން ވެސް ދަރިވަރުން ސަލާމަތްކޮށްދިނުމެވެ.
ފޮރެސްޓް ސްކޫލް ހިންގުމުގެ ހުއްދަ އަށް އެދި މޯރިސް ހުށަހެޅި ޕްރޮޕޯސަލްގައި ވެސް އެ ކަންކަން ފާހަގަކޮށްފައިވެ އެވެ. ވަރަށް ގިނަ ޓީޗަރުން ވެސް މިހާރު އެއްބަސްވާ ގޮތުގައި ކުލާސްރޫމެއްގެ ތެރޭގައި ދަރިވަރުން "ބަންދުކޮށްގެން" ދެލިގަނޑު ކިޔަވައި ދިނުމަށް ވުރެ، ފޮރެސްޓް ސްކޫލް ނިޒާމަކީ މިހާރު މާ ބޮޑަށް ވެސް ރަނގަޅު ނިޒާމެކެވެ.
"މިއީ ދަރިވަރުންނަށް އެތައް ގޮތަކުން ހުޅުވައިދެވޭ ރަނުގެ ފުރުސަތެއް. މިއީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ދަރިވަރުން ދުޅަހެޔޮކޮށްދޭ ނިޒާމެއް. އަދި މީގެ ސަބަބުން އިޖުތިމާއީ ގޮތުން ވެސް ދަރިވަރުން މާ ބޮޑަށް ބާރުވެރިކުރުވާ،" މޯރިސްގެ ފޮރެސްޓް ސްކޫލް ޕްރޮޖެކްޓަށް އިޝާރާތްކޮށް ޓީޗަރަކު ބުންޏެވެ.
އޭނާ ބުނިގޮތުގައި އެ ސްކޫލް ހުޅުވާނެ އިރަކަށް ވަރަށް އިންތިޒާރު ވެސް ކުރެވެ އެވެ.