25 އޯގަސްޓް 2019 - 22:27

ސަރުކާރުން ބޭނުންވާ ގޮތަށް، ދައުލަތުގެ ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ބަޖެޓް ދިރާސާކުރާ ކޮމިޓީން ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފި އެވެ.
މިރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބަޖެޓް ކޮމިޓީގައި މިގޮތަށް ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މީގެ އިތުރުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ހުށަހެޅުއްވި ގޮތަށް، މަޖިލީހުގެ ތަޅުމުގައި ބަޖެޓާ މެދު ބަހުސް ކުރުމަށް ކޮންމެ މެންބަރަށް ހަތް މިނެޓް ދިނުމަށް ރިކޮމެންޑޭޝަނެއް ހުށަހެޅުމަށް ވެސް ކޮމިޓީން ފާސްކޮށްފައިވެ އެވެ.
މި އަހަރުގެ ބަޖެޓުގެ ގޮތުގައި ހަރަދު ކުރުމަށް 27.3 ބިލިއަން ރުފިޔާ ފާސްކުރި ނަމަވެސް އެ އަދަދަށް އިތުރު 1.7 ބިލިއަން ރުފިޔާ ހިމެނުމަށް ވަނީ ނިންމައިފަ އެވެ. އެހެން ކަމުން މިއަހަރު ނިމޭ އިރު ދައުލަތުގެ ހަރަދު 29 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. ދައުލަތުން ހުށަހެޅި އިތުރު ކުރުމާ އެކު މި އަހަރުގެ ބަޖެޓު 31.9 ބިލިއަނަށް އިތުރުވެގެންދާނެ އެވެ. އަދި ބަޖެޓުގެ އޯވަރޯލް ޑެފިސިޓް 4.9 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.
ސަރުކާރުން ބަޖެޓަށް ގެނައި މި ބަދަލާ އެކު އާމްދަނީގެ ގޮތުގައި ސައުދީ އަރަބިއްޔާ އިން ހިލޭ އެހީގެ ގޮތުގައި ދިނުމަށް އެއްބަސްވެފައިވާ 618.8 މިލިއަން ރުފިޔާ އާއި އިންޑިޔާ ސަރުކާރުން ދިނުމަށް ނިންމާފައިވާ 100 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މިއާ އެކު މި އަހަރު ނިމޭ އިރު ދައުލަތުގެ އާމްދަނީ 24 ބިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ބަޖެޓަށް ފައިސާ އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީން މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ލިޔުމުގައިވާ ގޮތުން އެންމެ ބޮޑު ހޭދައެއް ކުރަނީ ކެޕިޓަލް ޚަރަދަށެވެ. އެއީ 1.1 ބިލިއަން ރުފިޔާ އެވެ. ދެ ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ރިކަރަންޓް ޚަރަދަށެވެ. އެގޮތުން ގާތްގަނޑަކަށް 588 މިލިއަން ރުފިޔާ ރިކަރަންޓް ޚަރަދަށް ކަނޑައަޅާފައިވެ އެވެ.
- ލޯނާއި ސްކޮލާޝިޕަށް 300 މިލިއަން ރުފިޔާ
- ބާ ކައުންސިލް އާއި ނޭޝަނަލް އާބިޓަރީ ސެންޓަށް 18.7 މިލިއަން ރުފިޔާ
- ފަސް ޓާޝަރީ ހޮސްޕިޓަލަށް 295.4 މިލިއަން ރުފިޔާ
- އެސްއެމްއީތަކަށް 350 މިލިއަން ރުފިޔާ
- ސަބްސިޑީ ދިނުމަށް 189.4 މިލިއަން ރުފިޔާ
- ބަޖެޓް ކޮންޓިންޖެންސީއަށް 225 މިލިއަން ރުފިޔާ
- ހުޅުމާލެ ހޮސްޕިޓަލް ތަރައްގީއަށް 150 މިލިއަން ރުފިޔާ